މި އަހަރުގެ ޙައްޖު ދުވަހަކީ، ވަރަށް މަދުން މެނުވީ، މުސްލިމުންނަށް ނުލިބޭފަދަ ބަރަކާތްތެރި ދުވަހެކެވެ.

ޙައްޖު ދުވަހަކީ، އަހަރުތެރޭގައި އަންނަ އެންމެ މާތްދުވަހެވެ. އެއީ އަންނަނިވި ސަބަބުތަކަށްޓަކައެވެ.އެއީ، މުސްލިމުންގެ ދީން، އެމީހުންގެ މައްޗަށް، ފުރިހަމަވުމުގެ ނިޢްމަތް ލިބިގެން ދިޔަ ދުވަސް:ﷲ ތަޢާލާ ވަޙީކުރައްވާފައި ވެއެވެ. ﴿الْيَوْمَ أَكْمَلْتُ لَكُمْ دِينَكُمْ وَأَتْمَمْتُ عَلَيْكُمْ نِعْمَتِي وَرَضِيتُ لَكُمُ الْإِسْلَامَ دِينًا ۚ ﴾ (سورة المائدة:٣) މާނައީ: [މިއަދު، ތިޔަބައިމީހުންގެ ދީން، ތިޔަބައިމީހުންނަށް ތިމަންރަސްކަލާނގެ ފުރިހަމަކޮށްދެއްވައިފީމެވެ. އަދި ތިމަންރަސްކަލާނގެ ނިޢްމަތް، ތިޔަބައިމީހުންގެ މައްޗަށް ތިމަންރަސްކަލާނގެ ފުރިހަމަކޮށްދެއްވައިފީމެވެ. އަދި އިސްލާމްދީން ތިޔަބައިމީހުންނަށް ދީނެއް ކަމުގައި، ތިމަންރަސްކަލާނގެ ރުހިވޮޑިގެންފީމެވެ.]އެއީ، ޢީދުގެ ދުވަސްތަކުގެ ތެރެއިން ދުވަހެކެވެ. ކީރިތި ރަސޫލާ صَلَّى اللهُ عَلَيْهِ وَسَلَّمَ ޙަދީޘްކުރެއްވިއެވެ.]إنَّ يَوْمَ عَرَفَةَ وَيَوْمَ النَّحْرِ وَأَيَّامَ التَّشْرِيْقِ عِيْدُنَا أَهْلَ الإِسْلامِ ، وَهِيَ أيَّامُ أَكْلٍ وَشُرْبٍ] صحيح النسائي.މާނައީ: [ހަމަކަށަވަރުން ޢަރަފާތްދުވަހާއި، ޢީދުދުވަހާއި އައްޔާމުއްތަޝްރީޤުގެ ދުވަސްތަކަކީ، އަހަރުމެން، އިސްލާމްކަމުގެ އަހުލުވެރިންގެ ޢީދެވެ. އެ ދުވަސްތަކަކީ، ކެއުމާއި ބުއިމުގެ ދުވަސްތަކެކެވެ.]އެއީ، ﷲ ތަޢާލާ، އެ ދުވަސް ގަންދެއްވައި ހުވާ ވަޙީކުރައްވާފައިވާ ދުވަހެކެވެ.އެއީ،

އެ އަހަރުގެ ޙައްޖުގެ އަޅުކަން އަދާކުރާ މީހުން ފިޔަވައި، އެ ދުވަހު، ރޯދައަށް ހުންނަ މީހާގެ، އިސްވެ ދިޔަ އަހަރުގެ ފާފައާއި، ކުރިޔަށް އޮތް އަހަރުގެ ފާފަ ފުއްސެވޭ ދުވަހެވެ. އެއީ، އާދަމުގެފާނުގެ ނަސްލުގެ މީހުންގެ ކިބައިން، ޢަހުދުކަށަވަރު ހިއްޕެވުނު ދުވަހެވެ.އެއީ، ފާފަ ފުއްސެވުމާއި، ނަރަކައިން ދިންނެވުމާއި، ޢަރަފާތް ބިމުގައި ތިބޭ އަޅުތަކުންނަށްޓަކައި ﷲ ތަޢަލާ ފަޚުރުވެރިވެ ވޮޑިގަންނަވާ ދުވަހެވެ.އަދި ޚާއްޞަކޮށް، ޢަރަފާތްދުވަސް، ހުކުރު ދުވަހަކާ ދިމާވުމުން، މި ދުވަހުގެ މާތްކަން އެތައް ގުނައަކަށް އިތުރުވެގެން ދެއެވެ. އެއީ އަންނަނިވި ސަބަބުތަކަށްޓަކައެވެ.ހުކުރު ދުވަހަކީ، ދުނިޔޭގެ ދުވަސްތަކުގެ ތެރެއިން އެންމެ މާތް ދުވަހެވެ.ހުކުރު ނަމާދު އަދާކުރާ މީހާ، ބޮޑެތި ފާފަތަކަށް އަރައިނުގަންނަނަމަ، ދެ ހުކުރު ދެމެދުގައި ކުރެވޭ ކުށްފާފަތައް، ﷲ ތަޢާލާ ފުއްސަވައިދެއްވައެވެ.އެހެންކަމުން، ޢަރަފާތް ދުވަހާއި ހުކުރުދުވަސް، ފަދަ މާތްކަން ބޮޑުވެގެންވާ ދެ ދުވަސް އެއްދުވަހަކަށް ވުމަކީ، އެ ދުވަހުގެ މަތިވެރިކަން ނިހާޔަތަށް ބޮޑުވެގެންދާނެ ކަމެއްކަން ކަށަވަރެވެ. ވީމާ، މި މާތް ދުވަހުގެ ޘަވާބާއި ދަރުމަ، ފުރިހަމައަށް ލިބިގަތުމަށްޓަކާ، މި ޢަރަފާތްދުވަހު، އަންނަނިވި ހެޔޮ ޢަމަލުތައް ކުރުމަށް ގަދައަޅައިމަސައްކަތް ކުރަމާ ހިނގާށެވެ!

މިގޮތުން ކުރެވިދާނެ ޢަމަލުތަކަކީ:

ޙައްޖުވެރިން ފިޔަވައި އެހެނިހެން މީހުން ޢަރަފާތްދުވަހުގެ ރޯދަހިފުން؛

ގިނަގިނައިން ތަކުބީރު ތަހުލީލު ކިޔައި، ﷲ އަށް ދުޢާ ދެންނެވުން؛

ޢަރަފާތްދުވަހު ކިޔުމަށް އެންމެ މުހިއްމު ދުޢާއަކީ، ]لَا إِلهَ إِلَّا اللهُ وَحْدَهُ لَا شَرِيْكَ لَهُ، لَهُ الْمُلْكُ وَلَهُ الْحَمْدُ وَهُوَ عَلَى كُلِّ شَيْءٍ قَدِيْرٌ[ މާނައީ: [ﷲ ފިޔަވައި ޙައްޤުވެގެން އަޅުކަމެއް ވެވޭ އިލާހަކު ނުވެއެވެ. އެކަލާނގެ އެއްކައުވަންތައެވެ. އަދި އެކަލާނގެއަށް ބައިވެރިޔަކު ނުވެއެވެ. ވެރިކަން މިލްކުވެގެންވަނީ އެކަލާނގެއަށެވެ. އަދި ޙަމްދު ވަނީ އެކަލާނގެއަށެވެ. އަދި އެކަލާނގެއީ، ހުރިހާ ކަމަކަށް ކުޅަދުންވަންތަ ރަސްކަލާނގެއެވެ.]ޞަޙީޙް މުސްލިމްގެ ޙަދީޘެއްގެ މާނައިގާ ވެއެވެ. [އެއްވެސް އެހެން ދުވަހަކު، ނަރަކައިން މީސްތަކުން މިނިވަން ނުކުރައްވާހާ ގިނައިން، ޢަރަފާތްދުވަހު، ﷲ ތަޢާލާ، މީސްތަކުން ނަރަކައިން މުއްތިކުރައްވާހުއްޓެވެ.]

ހުކުރުނަމާދަށް، ވީހާވެސް އަވަހަކަށް ދެވޭތޯ މަސައްކަތް ކުރުން:

އެންމެ ލަސްވިޔަސް އިމާމާ މިންބަރަށް އެރުމުގެ ކުރިން ދެވޭތޯ ބަލަން ވާނެއެވެ.ހުކުރު ދުވަހު، ކަހުފު ސޫރަތް ކިޔެވުން:

ހުކުރުދުވަހު މި ސޫރަތް ކިޔަވާ އަޅަކަށް، ﷲ ތަޢާލާ، ދެން އަންނަ ހުކުރާ ޖެހެންދެން، ނޫރެއް ދެއްވާނެކަމަށް ޙަދީޘުން ސާބިތުވެއެވެ.ރަސޫލާ صَلَّى اللهُ عَلَيْهِ وَسَلَّمَ ގެ މައްޗަށް ޞަލަވާތް ކިޔެވުން:

މިއީ އެ ކިޔަވާ އަޅަކަށް ގިނަގުނަ ސަވާބާއި ދަރުމަ ހުރި ކަމެއް ކަމަށް ޙަދީޘްގައި އައިސްފައި ވެއެވެ.ކިތަންމެ ކުޑަ މިންވަރަކުން ނަމަވެސް، ނިކަމެތިންނަށް ޞަދަޤާތްކޮށް އެހީތެރިކަން ފޯރުވުން؛ﷲ ތަޢާލާއަށް ގިނަގިނައިން ދުޢާ ދެންނެވުން:

ޚާއްޞަކޮށް ޢަރަފާތް ދުވަހުގެ ޢަޞްރުނަމާދުން ފެށިގެން، އިރު އޮސެންދެން ދުޢާ ދެންނެވުމުގައި ދެމިތިބުމަކީ ވަރަށް މުހިއްމު ކަމެކެވެ.ދުޢާގައި، ތިމާއާއި ތިމާގެ މައިންބަފައިންނާއި އަނބިދަރިންނާއި، ގާތްތިމާގެ މީހުންނާއި، އެދުރުން ބައިވެރި ކުރާށެވެ! އަދި ޤައުމަށް އަމާންކަމާއި ފާގަތިކަން ދެއްވުން އެދި ދުޢާ ކުރާށެވެ! ވެރިންނަށް ހިދާޔަތާއި މަދަދު ދެއްވުންއެދި ދުޢާކުރާށެވެ! އިސްލާމީ އުއްމަތް ޢަދުއްވުންގެ ކިބައިން ސަލާމަތްކުރެއްވުން އެދި ދުޢާކުރާށެވެ! ފަލަޠީން މިނިވަން ކުރައްވައި ޢަދުއްވުންގެ ކިބައިން ސަލާމަތްކޮށްދެއްވުންއެދި ދަންނަވާށެވެ! ދުނިޔޭގެ ކަންކޮޅުތަކުގައި އަނިޔާލިބޭ އެންމެހައި މުސްލިމުން، އަނިޔާއިން ސަލާމަތްކުރެއްވުންއެދި ދަންނަވާށެވެ!

އެންމެހައި ބަލި މީހުންނަށް ޝިފާދެއްވައި، އެންމެހައި ނުރައްކާތެރި ބަލިތަކާއި ވަބާތަކުން ރާއްޖެއާއި އިސްލާމީ ޤައުމުތައް ސަލާމަތްކޮށްދެއްވުން އެދި ދަންނަވާށެވެ!

ދުޢާއަކީ، މި ބަރަކާތްތެރި ދުވަހުގެ ޘަވާބާއި ދަރުމަ ޙާޞިލްކުރެވޭ އަޅުންގެތެރެއިން އަޅަމެން ލެއްވުމެވެ.