އަހަރުމެން މުސްލިމުންގެތެރެއިން ވަރަށް ގިނަ ބަޔަކު، ތިމަންމެންނީ ﷲ ތަޢާލާ ދެކެ ލޯބިވާ ބަޔަކީމުއޭ ބުނެ ދަޢްވާ ކުރެއެވެ. ސުއާލަކީ، މިއީ ހަމަ ޙަޤީޤަތުގައިވެސް ރަނގަޅު ދަޢުވާއެއްހެއްޔެވެ؟ ރަނގަޅު ދަޢުވާއެއްނަމަ އޭގެ ދަލީލަކީ ކޮބައިހެއްޔެވެ....؟
މިކަމާމެދު ވިސްނާލުމުން ހިތަށް އަންނަނީ، ކީރިތި ޤުރްއާނުގެ އާޔަތެކެވެ. ﷲ ތަޢާލާގެ ވަޙީގެ މި ބަސްފުޅެވެ.
﴿ قُلْ إِن كُنتُمْ تُحِبُّونَ اللَّهَ فَاتَّبِعُونِي يُحْبِبْكُمُ اللَّهُ وَيَغْفِرْ لَكُمْ ذُنُوبَكُمْ ۗ ﴾ (آل عمران:٣١).
މާނައީ: [ކަލޭގެފާނު ވިދާޅުވާށެވެ! ތިޔަބައިމީހުން، اللَّه އަށް ލޯބިވާކަމުގައި ވަނީނަމަ، ފަހެ، ތިޔަބައިމީހުން، ތިމަންކަލޭގެފާނަށް ތަބާވާށެވެ! އޭރުން، اللَّه، ތިޔަބައިމީހުން ދެކެ ލޯބިވެވޮޑިގެންވާނެތެވެ. އަދި، ތިޔަބައިމީހުންނަށްޓަކައި، ތިޔަބައިމީހުންގެ ފާފަތައް ފުއްސަވައިދެއްވާނެތެވެ.]
މި އާޔަތް ބާވައިލެއްވުނު ސަބަބާމެދު ޢިލްމުވެރިން ވިދާޅުވެފައިވެއެވެ. އެއްދުވަހަކު، ޤުރައިޝުން، ބުދުތަކަށް އަޅުކަން ކުރަން ތިއްބާ، މާތް ނަބިއްޔާ ﷺ އެމީހުންގެ ކުރިމައްޗަށް ހުއްޓިވަޑައިގެން ޙަދީޘްކުރެއްވިއެވެ.
[އޭ ޤުރައިޝުންނޭވެ! ތިޔަބައިމީހުންގެ ބައްޕަ ކަމުގައިވާ އިބުރާހީމުގެފާނުގެ މިއްލަތާ، ތިޔަބައިމީހުން ތިޔަ ތިބީ ޚިލާފުވެގެންނެވެ.] އެހިނދު އެމީހުން ދެންނެވިއެވެ. ތިމަންމެން ބުދުތަކަށް އަޅުކަން ކުރަނީ، ﷲ ތަޢާލާ ދެކެ، ތިމަންމެން ލޯބިވާތީ، އެކަލާނގެއަށް ކުއްތަންވުމަށްޓަކައެވެ.
މުޝްރިކުން މި ކުރި ގޮތަށް، ޔަހޫދީންނާއި ނަޞާރާއިންވެސް މި ދަޢުވާ ކުރިއެވެ. އެ މީހުން ބުނާކަމުގައި ވިއެވެ. ތިމަންމެންނީ ﷲ ލޯބިވެވޮޑިގެންވާ، އެކަލާނގެ ދަރިންނެވެ. މިބައިމީހުންގެ މި ދަޢުވާއަށް ރައްދު ދެއްވައި، ﷲ ތަޢާލާ ވަޙީކުރައްވާފައި ވެއެވެ.
﴿وَقَالَتِ الْيَهُودُ وَالنَّصَارَىٰ نَحْنُ أَبْنَاءُ اللَّهِ وَأَحِبَّاؤُهُ ۚ قُلْ فَلِمَ يُعَذِّبُكُم بِذُنُوبِكُم ۖ بَلْ أَنتُم بَشَرٌ مِّمَّنْ خَلَقَ ۚ ﴾ (سورة المائدة: ١٨).
މާނައީ: [ޔަހޫދީންނާއި، ނަޞާރާއިން ބުނެފޫއެވެ. ތިމަންމެންނީ، اللَّه ގެ ދަރިންނެވެ. އަދި އެކަލާނގެ ލޯބިވެވޮޑިގެންވާ މީހުންނެވެ. ކަލޭގެފާނު ވިދާޅުވާށެވެ! އެހެންވިއްޔާ ތިޔަބައިމީހުންގެ ފާފަތަކުގެ ސަބަބުން ތިޔަބައިމީހުންނަށް އެކަލާނގެ ޢަޛާބު ދެއްވަނީ ކީއްވެގެންހެއްޔެވެ؟ އަދި ކިއެއްތަ! ތިޔަބައިމީހުންނީ، އެކަލާނގެ ހެއްދެވި މީހުންގެ ތެރެއިންވާ މީހުންނެވެ.]
ވީމާ، އިސްވެ ދިޔަ ވާހަކަތަކުން ހާމަވެގެން ދިޔައީ، ޤުރައިޝުންނާއި ޔަހޫދީންނާއި ނަޞާރާއިން، ﷲ ތަޢާލާ ދެކެ ލޯބިވާ ކަމަށް ކުރި ދަޢުވާއަކީ، ކަނޑައެޅިގެން ދޮގު ދަޢުވާއެއްކަމެވެ.
އަދި މީގެ އިތުރުންވެސް، އެ މީހުންވަނީ، ﷲ ތަޢާލާ، އެ މީހުންގެ ގާތަށް ފޮނުއްވި ރަސޫލުން ދޮގުކޮށް، އެ ބޭކަލުންނަށް ފުރައްސާރަކޮށް، އެ ބޭކަލުން ޤަތުލުކޮށް ހަދާފައެވެ. ވީއިރު، އެ މީހުންނަކީ، ﷲ ތަޢާލާ ދެކެ ލޯބިވާ ބަޔަކު ކަމުގައިވާނީ ކިހިނަކުންހެއްޔެވެ؟
މިގޮތުން ބަލާއިރު، އަހަރުމެންވެސް ﷲ އަށް ލޯބިވާ ކަމުގައި ބުނެ ކުރާ ދަޢުވާއަކީ ތެދު އެއްޗަކަށް ވާނީ، މާތް ނަބިއްޔާ ﷺ ދެއްކެވި މަގަށް ތަބާވެގެންނެވެ.
އަހަރުމެންގެ ޢުމުރުގެ ދުވަސްތައް ފާއިތުވަމުން މި ދަނީ ވަރަށް ބާރަށެވެ. ދުނިޔޭގެ ދަންފަޅި ހަމަކޮށް، ﷲ ގެ ޙަޟްރަތަށް ދަތުރުކުރަން ޖެހޭއިރު، ތިމާ، ﷲ ތަޢާލާ ދެކެ ލޯބިވާ ކަމަށް ދަޢުވާކުރާއިރު، ޢަމަލީގޮތުން އެކަން ނުދައްކައިފިނަމަ، ސަލާމަތް ވާނެ އެއްވެސް މަގެއް ނޯންނާނެއެވެ. ކީރިތި ޤުރްއާނުގައި ﷲ ތަޢާލާ ވަޙީކުރައްވާފައި ވެއެވެ.
﴿يَوْمَ تُقَلَّبُ وُجُوهُهُمْ فِي النَّارِ يَقُولُونَ يَا لَيْتَنَا أَطَعْنَا اللَّهَ وَأَطَعْنَا الرَّسُولَا ﴾(سورة الأحزاب: ٦٦).
މާނައީ: [އެއުރެންގެ މޫނުތައް، ނަރަކައިގައި ފުރޮޅަފުރޮޅައިތިބޭ ދުވަހެވެ. އެއުރެން ބުނާނެތެވެ. ތިމަންމެން اللَّه އަށް ކިޔަމަންވެ، އަދި (އެކަލާނގެ) ރަސޫލާއަށް ކިޔަމަންވީނަމަ ކިހާރަނގަޅު ހެއްޔެވެ!]
ﷲ ތަޢާލާ ދެކެ އަހަރުމެން ލޯބިވާނަމަ، ފަސްނަމާދަށް ރައްކާތެރި ވާނެއެވެ. ހާރުގެ ވަގުތުގައްޔާއި ޟުޙާގެ ވަގުތުގައި އެ ކަލާނގެ އަށް ކުއްތަންވެ، މުނާޖާ ދަންނަވާނެއެވެ. އެކަލާނގެ ލޯބިވެވޮޑިގަންނަވާ ކޮންމެ ކަމެއް ކުރެވޭތޯ ގަދައަޅައި މަސައްކަތް ކުރާނެއެވެ. އަދި އެކަލާނގެ ނުރުއްސަވާ ކޮންމެ ކަމަކުން ދުރުވެވޭތޯ އަބަދުވެސް ބަލާނެއެވެ.
މިއިން އެއްވެސް ކަމެއް ނުކޮށްތިބެ، ތިމަންމެން ﷲ އަށް ލޯބިވަމޭ ބުންޏަކަސް، އެ ވާހަކަ ޤަބޫލެއް ނުކުރެވޭނެއެވެ.
ކީރިތި ރަސޫލާ ﷺ ދެއްކެވި މަގުން ހިނގުމުގެ ނަމުގައި، އެކަލޭގެފާނު ދެއްކެވި ގޮތާ ޚިލާފަށް ޢަމަލުކުރާ މީހުންވެސް އަހަރުމެންގެ ތެރެއިން އެބަ ފެނެއެވެ. ބައެއް މީހުން، ޒިޔާރަތްތަކަށް ގޮސް، ﷲ ތަޢާލާ ފިޔަވައި، ވަލީވެރިންގެ ކިބައިން ކަންތައްތަކަށް އެދި އެބަ ހަދައެވެ.
އަނެއްބަޔަކު، ޙައްޖަށް ގޮސް، ކީރިތި ރަސޫލާ ﷺ ގެ އަރިހުން ކަންތައްތަކަށް އެދި އެބަ ދަންނަވައެވެ.
މިއިން އެއްވެސް ކަމަކީ، އެކަލޭގެފާނު ދެއްކެވި މަގެއް ނޫނެވެ. މިއީ ކަނޑައެޅިގެން ހުރި ޝިރުކުގެ ޢަމަލުތަކެވެ.
ވީމާ، ހެޔޮ ޢަމަލު ކުރުމުގެ ނަމުގައި ހިތަށް އެރިހާ ކަމެއް، ހިތަށް އެރި ގޮތަކަށް ކުރުމަކުން އެއިން ކުރާނެ އެއްވެސް މަންފާއެއް ނޯންނާނެއެވެ. އެއިން ލިބޭނީ ގެއްލުމާއި ހަލާކެވެ. އެފަދަ ޢަމަލުތައް ޤިޔާމަތް ދުވަހު ވާހުށީ ބޭކާރު ޢަމަލުތަކަކަށެވެ. މިކަން އަންގަވައި ﷲ ތަޢަލާ ވަޙީކުރައްވާފައި ވެއެވެ.
﴿وَقَدِمْنَا إِلَىٰ مَا عَمِلُوا مِنْ عَمَلٍ فَجَعَلْنَاهُ هَبَاءً مَّنثُورًا ﴾(سورة الفرقان: ٢٣). މާނައީ:
[އަދި ޢަމަލުގެ ތެރެއިން އެއުރެންކުޅަ ކަންތަކަށް، ތިމަންރަސްކަލާނގެ ބައްލަވައި، އެ ޢަމަލުތައް ވަޔާ ބުރައިގެންދާ ކުނޑިފުއްތަކެއް ފަދައިން ލައްވާހުށީމެވެ.]
އަދި އެހެން އާޔަތެއްގައި ވަޙީކުރައްވާފައި ވެއެވެ.
﴿قُلْ هَلْ نُنَبِّئُكُم بِالْأَخْسَرِينَ أَعْمَالًا * الَّذِينَ ضَلَّ سَعْيُهُمْ فِي الْحَيَاةِ الدُّنْيَا وَهُمْ يَحْسَبُونَ أَنَّهُمْ يُحْسِنُونَ صُنْعًا ﴾(سورة الكهف: ١٠٣-١٠٤).
މާނައީ: [ކަލޭގެފާނު ވިދާޅުވާށެވެ! ޢަމަލުތައް އެންމެބޮޑަށް ގެއްލެނިވެގެންވާ މީހުންގެ ޚަބަރު، ތިޔަބައިމީހުންނަށް ތިމަންކަލޭގެފާނު އަންގަވައިދެއްވަން ހެއްޔެވެ؟ އެއުރެންނަކީ ދުންޔަވީ ޙަޔާތުގައި، އެއުރެންގެ ޢަމަލުތައް ބާޠިލުވެ، ގެއްލިފައިވާ މީހުންނެވެ. އަދި އެއުރެން ރަނގަޅަށް ކަންތައްކުރާކަމަށް އެއުރެން ހީކުރެތެވެ.]
ވީމާ، ވަރަށް ކުރުކޮށް ދަންނަވާނަމަ، ދެންނެވޭނީ، ﷲ ގެ ލޯބި ބޭނުންވާ ނަމަ، ނުވަތަ ތިބާއީ ﷲ ދެކެ ލޯބިވާ މީހަކަށް ވާން ބޭނުންނަމަ، ކީރިތި ރަސޫލާގެ ސުންނަތަށް ތަބާވާށެވެ! ކީރިތި ޤުރްއާނާއި މާތް ނަބިއްޔާގެ ސުންނަތް އުނގެނި، އެއާ އެއްގޮތަށް ޢަމަލު ކުރުމަށް ގަދައަޅައި މަސައްކަތް ކުރާށެވެ! ﷲ ތަޢާލާ ދެކެ ތިމާ ލޯބިވާކަން، ކިޔަމަންތެރިކަމުން ދައްކާށެވެ! ހެޔޮ ޢަމަލު ކުރުމާއި، ނުބައި ޢަމަލުތަކުން ދުރުވުމަށް ގަދައަޅައި މަސައްކަތް ކުރާށެވެ!