ސްޓެލްކޯގެ މުވައްޒަފުންނަށް ޚާއްސަކޮށްގެން އިމާރާތްކޮށްފައިވާ ފްލެޓުތައް ގަނެފައިވާ މުވައްޒަފުންނާ އެފުލެޓުތައް އޮގަސްޓް ހަ ވަނަ ދުވަހު ހަވާލުކުރައްވާނޭ ކަމަށް ސްޓެލްކޯގެ މެނޭޖިން ޑިރެކްޓަރ އަޙްމަދު ޝަރީފް އާދަމް ވިދާޅުވެއްޖެއެވެ.

ޝަރީފް މިހެން ވިދާޅުވީ ސްޓެލްކޯ ބޯޑުގެ އައު ޗެއަރމަން ބްރިގޭޑިއަރ ޖެނަރަލް އިބްރާހިމް މުހައްމަދު ދީދީ (ޑީޑީ) އެ ކުންފުނީގެ މުވައްޒަފުންނަށް ތަޢާރަފު ކުރެެއްވުމަށް ރޭ ބޭއްވި ބައްދަލުވުމެއްގައެވެ.

މީގެ ކުރީން އެކުންފުނީން ބުނެފައިވަނީ މިއަދު ފުލެޓްތައް ހަވާލޔ ކުރެވޭނޭ ކަމަށެވެ. އެހެންނަމަވެސް ދިމާވި ބައެއްކަންކަމާހެދި މިއަދު އެކަން ކުރެވޭނޭގޮތެއް ނުވީއެވެ. އެހެންމަވެސް އޮގަސްޓް 6 ވަނަ ދުވަހު ފުލެޓްތައް ހަވާލުކުރެވޭނޭ ކަމަށް ޝަރީފް ވިދާޅުވިއެވެ.

ސްޓެލްކޯގެ ފްލެޓުތައް ހިމެނޭ 15 ފަންގިފިލާގެ ދެ ޓަވަރުގެ މެދުގައި ސްވިމިން ޕޫލެއް ހެދުމުގެ ވިސްނުން ވެސް ސްޓެލްކޯއިން ގެންގުޅޭ ކަމަށް ޝަރީފް ރޭ ވިދާޅުވިއެވެ. "ފްލެޓްތަކުގެ ސެކިއުރިޓީ ސައުވީސް ގަޑިއިރު ބެލެހެއްޓޭނެ. އެ އިންތިޒާމު ހަމަޖައްސަންދެން ކުންފުނީގެ ސެކިއުރިޓީ އޮފިސަރުން ތިބޭނެ،" ކަމަށް ވެސް ޝަރީފް ވިދާޅުވިިއެވެ. ސްޓެލްކޯގެ ފުލެޓުތަކަށް މިހާތަނަށް ވަނީ ހަސަތޭކަ މިނިއަނަށްވުރެ ގިނަ ފައިސާ ޚަރަދުވެފައެވެ. އެ ޚަރަދު އިތުރުވުމުގެ ފުރުސަތު އެބައޮތް ކަމަށްވެސް ޝަރީފް ވިދާޅުވިއެވެ.