ކީރިތި ރަސޫލާ ﷺ ކަޢުބާގެ ވަށައިގެން ޠަވާފުކުރައްވަނިކޮށް، ފަޟާލާ ބިން ޢުމަރު ނަމަކަށް ކިޔުނު މީހަކު އެކަލޭގެފާނުގެ ފަހަތްޕުޅުން ޠަވާފުކުރަން ފެށިއެވެ. އޭރު ފަޟާލާ އަކީ ބޭރުފުށުން މުސްލިމެއް ކަމަށް ދައްކައިގެން އުޅުނު މުނާފިޤެކެވެ. އޭނާގެ މަޤުޞަދަކަށް ވެފައި އޮތީ ތަވާފުކުރާ ކަމަށް ހެދިގެން، މާތްނަބިއްޔާގެ ފަހަތްޕުޅުން ގޮސް ރަނގަޅު ފުރުޞަތެއް ހޯދާފައި، ކުއްލިއަކަށް އެކަލޭގެފާނަށް ހަމަލާދީ ޤަތުލު ކޮށްލުމެވެ.

ކޮންމެއަކަސް ފަޟާލާ ތަވާފުކުރަމުން ގޮސް ރަސޫލުﷲގެފާނާ މާބޮޑަށް ކައިރިއަށް ޖެހިލުމުން އެކަލޭގެފާނަށް މީނާގެ މަޤުޞަދު ވިސްނިވަޑައިގަތެވެ. އެހެންކަމުން ރަސޫލުﷲގެފާނު ކުއްލިޔަކަށް ފަޟާލާއާއި ދިމާލަށް އެނބުރި ވަޑައިގެންފައި ހަދީޘް ކުރެއްވިއެވެ." ތިޔައީ ފަޟާލާ ހެއްޔެވެ؟” އޭނާ ޖަވާބުގައި ދެންނެވިއެވެ. “އާނއެކެވެ. އޭ ﷲގެ ރަސޫލާއެވެ. އަހަންނަކީ ފަޟާލާއެވެ." ރަސޫލުﷲ ގެފާނު ހަދީޘް ކުރެއްވިއެވެ. "އޭ ފަޟާލާއެވެ. ތިބާ ތިއުޅެނީ ކޮންކަމަކާއި ހެއްޔެވެ.؟ ނިޔަތަކީ ކޮބައި ހެއްޔެވެ.؟” ޖަވާބުގައި ފަޟާލާ ދެންނެވިއެވެ. “އެއްވެސް ކަމެއް ކުރާކަށް ނޫނެވެ. އަހުރެން ހަމަ އެކަނި ﷲ ސުބުޙާނަހޫ ވަތަޢާލާގެ މަތިން ހަނދުމަކޮށް ޠަވާފް ކުރަނީއެވެ.” ފަހެ އެހިނދު ކީރިތި ރަސޫލާ ސައްލަﷲ އަލައިހި ވަސައްލަމަ ހިނިވަރުނަ ކުރައްވާފައި ހަދީޘް ކުރެއްވިއެވެ. “ތިމަންކަލޭގެފާނު ﷲ ސުބުޙާނަހޫ ވަތަޢާލާގެ ހަޟުރަތުން ފާފަ ފުއްސެވުމަށް އެދެމެވެ.”

ކޮންމެއކަސް ފަހުން މި ހާދިސާ ބަޔާން ކުރައްވަމުން ފަޟާލާ ވިދާޅުވެފައިވެއެވެ. “ދެން އެއަށްފަހު الله ގެ ރަސޫލާ އަހަރެންގެ މޭމަތީގައި އެކަލޭގެފާނުގެ އަތްޕުޅު ބޭއްވެވިއެވެ. އެހިނދު އަހަރެންގެ ހިތް މަޑުމޮޅިވެ ހަމަޖެހިގެން ދިޔައެވެ. الله ގަންދީ ބުނަމެވެ. ﷲ ގެ ރަސޫލާ އަހަރެންގެ މޭމަތިން އެކަލޭގެފާނުގެ އަތްޕުޅު ނެންގެވި އިރު އަހުރެންގެ ހިތްވަނީ އެކަލޭގެފާނަށްޓަކައި ލޯބިން ފުރިފައެވެ.” އެއަށްފަހު ފަޟާލާ އޭނާގެ އާއިލާއާއި ބައްދަލުކުރުމަށް ގެޔާއި ދިމާއަށް މިސްރާބުޖެއްސެވިއެވެ. އެހިނދު ކުރިން ފަޟާލާއާއި ބައްދަލުވެ ވާހަކަދައްކައި އުޅުނު އަންހެނަކާއި ދިމާވިއެވެ. މިއަންހެންމީހާއަށް ފަޟާލާ ފެނިގެން ގޮވައިލިއެވެ. “އޭ ފަޟާލާއެވެ. މިކޮޅަށް އައިސް އަހުރެންނާއި ވާހަކަ ދައްކާލަން އިށީނދެ ބަލާށެވެ.” ޖަވާބުގައި ފަޟާލާ ބުންޏެވެ. “ނޫނެކެވެ. الله އާއި އެކަލާނގެ ދީން ވަނީ އަހުރެންނަށް ތިޔަކަންތައް ޙަރާމް ކުރައްވާފައެވެ. ފަހެ ބުދުތައް ތަޅާލި ދުވަހު މުޙައްމަދުގެފާނާއި މުސްލިމުންނަށް ނަސްރު ލިބުނުތަން ތިބާގެ ލޮލަށް ފެނުނު ނަމަ، ﷲ ގެ ދީން ފާޅުވެގެން ދިޔަ ފަދައިން މި ބާތިލު ޝިރުކުގެ ދީން އަނދިރިކަމުގައި ވަޅުލެވުނުކަމަށް ތިބާ ހެކިވީހެވެ.”

އާދެ.! އެއަށްފަހު ފަޟާލާ ވެގެން ދިޔައީ ޞާލިޙު ހެޔޮ ލަފާ މުސްލިމަކަށެވެ. މިއީވެސް މާތްނަބިއްޔާ މުޙައްމަދު ރަސޫލުﷲ ސައްލަﷲ އަލައިހި ވަސައްލަމަ، އެކަލޭގެފާނާއި އަދާވާތްތެރި މީހުންނާއި މެދުވެސް އަމަލުކުރެއްވި ރިވެތި ގޮތުގެ ފުރިހަމަ މިސާލެކެވެ. އެކަލޭގެފާނު މީސްތަކުން ހިތްތައް ފަތަހަ ކުރެއްވީ މިފަދަ އެތައް ރިވެތި މިސާލު ދައްކަވައިގެންނެވެ.