ސަލާމް ލެއްވި ލޫޠްގެފާނުގެ ޤައުމަކީ ސަދޫމެވެ. ސަދޫމުގެ މީހުންނަކީ އެއްޖިންސުގެ ގުޅުން ހިނގި ބައެކެވެ. އެބައިމީހުންގެ ކުރިން އެހެން އެއްވެސް ބަޔަކު އެފަދަ ފާހިޝް ޢަމަލެއް ހިނގާފައިނުވާ ކަމަށް މުފައްސިރުންނާއި މުއައްރިޚުން ބަޔާންކުރައްވާފައިވެއެވެ.

ސަދޫމުގެ ރައްޔިތުންނަށް ދެއްކެވުމަށްޓަކައި އެބައިމީހުންގެ ގާތަށް މާތް ﷲ ލޫޠްގެފާނު ރަސޫލުކަމާއިގެން ފޮނުއްވިއެވެ. ނަމަވެސް އެބައިމީހުން ﷲ ގެ ރަސޫލާ ލޫޠުގެފާނަށް އުރެދުނެވެ. އަދި އެބައިމީހުންގެ އުރެދުމުގައި ޙައްދުފަހަނައަޅައިދިޔައެވެ. އެއްޖިންސުން ގުޅުން ހިންގުމުގެ ފާހިޝް ޢަމަލުން ދުރުވުމަށް މާތް ރަސޫލާ ލޫޠުގެފާނު އެބައިމީހުންނަށް ނަސޭޙަތްތެރިވެވަޑައިގެންނެވިއެވެ. ނަމަވެސް އެބައިމީހުން އެކަލޭގެފާނުގެ ނަސޭޙަތްޕުޅުތަކަށް ފުރަގަސް ދިނެވެ.

ނަތީޖާއަކީ މާތް ﷲ އެބައިމީހުންނަށް ލަޢުނަތް ލައްވައި ގަދަފަދަ ވެގެންވާ ހިއްޕެވުމަކުން އެބައިމީހުން ހިއްޕަވައި އެބައިމީހުންގެ ވާހަކަ ޢާލަމްތަކަށް ޢިބްރަތެއްގެ ގޮތުގައި ލެއްވުމެވެ. މިޙާދިސާގެ ވާހަކަ ކީރިތި ޤުރުއާނުގެ ހޫދު ސޫރަތުގެ 82- 83 ގައި ބަޔާންކުރައްވާފައިވެއެވެ. އެ އާޔަތްތަކުގައި މާތް ﷲ ވަޙީކުރައްވާފައިވެއެވެ. فَلَمَّا جَاءَ أَمْرُنَا جَعَلْنَا عَالِيَهَا سَافِلَهَا وَأَمْطَرْنَا عَلَيْهَا حِجَارَةً مِّن سِجِّيلٍ مَّنضُودٍ ‎﴿٨٢﴾‏ مُّسَوَّمَةً عِندَ رَبِّكَ ۖ وَمَا هِيَ مِنَ الظَّالِمِينَ بِبَعِيدٍ ‎﴿٨٣﴾‏ މާނައީ: '' ދެންފަހެ ތިމަން ﷲ އަމުރުފުޅު އައި ހިންދު އެބައިމީހުން އުޅޭ ރަށުގެ މައްޗަށް އޮތް ފުށް ދަށަށް ތިމަން ﷲ ލެއްވީމެވެ. އަދި، ކެކި ކެކި ހުރި އަދި އެކަމަށް ތައްޔާރުވެގެންވާ މަށި ހިލައިން ވާރޭ ފޮނުއްވީމެވެ. ކަލޭގެފާނުގެ ވެރިރަސްކަލާންގެ ޙަޟްރަތުގައި ފާހަގަ ވެވިގެންވާ ގޮތުގައެވެ. އަނިޔާވެރިންގެ ކިބައިން ދުރުގައިވާ ކަމެއްކަމުގައި އެކަންތައް ނުވެއެވެ.''

އިސްވެ ދިޔަ އާޔަތްކުން ދޭހަވާ ގޮތުން އެ ފާހިޝް ޢަމަލަކީ ނުބައިކަން ބޮޑުވެގެންވާ އަނިޔާވެރި ޢަމަލެކެވެ. މާތް ﷲ އިންސާނުން ފިޠުރަތު ކުރައްވާފައިވާ އިލާހީ ޤާނޫނާ ޚިލާފު އަނިޔާވެރި ޢަމަލެވެ. އެފަދަ ޢަމަލު ހިންގުމުގައި ދެމިހުރެއްޖެ މީހަކަށް އާޚިރަތުގެ ކުރިން ދުނިޔޭގައި ވެސް ޢުޤޫބާތް ދެއްވަފާނެއެވެ. މިހެންކަމުން އެފަދަ ފާހިޝް ޢަމަލުތަކުން ދުރުވުމަށް ކޮންމެ މުސްލިމު އިންސާނަކު މަސައްކަތްކުރަންޖެހެއެވެ. އެފަދަ ޢަމަލަކަށް އަރައިގަނެވިފައިވާ މީހާގެ ކިބައިން މާތް ﷲ ތައުބާ ޤަބޫލު ކުރައްވައެވެ.

ނޯޓު: DrShaheem.com އިން ނަގާފައި