ދުބާއީގެ ބަޖެޓް އެއަރލައިން، ފްލައި ދުބާއީ އިން ރާއްޖެއަށް އަންނަ އޮކްޓޯބަރމަހުގެ ތެރޭގައި ދަތުރުތައް ފެށުމަށް ހަމަޖައްސައިފިއެވެ.

އޮކްޓޯބަރމަހުގެ 27 ވަނަ ދުވަހުބް ފެށިގެން އެ އެއަރލައިނުން ރާއްޖެއަށް އަލުން ދަތުރުތައް ފެށުމަށް ނިންމީ ކަސްޓަމަރުންގެ ފަރާތުން ލިބެމުން އަންނަ ޑިމާންޑްގެ ސަބަބުންކަމަށް އެ އެއަރލައިނުން ބުނެއެވެ.

ފްލައި ދުބާއީއިން ރާއްޖެއަށް ދަތުރުތައް ފަށާއިރު ހަފްތާއަކު 4 ދުވަހު ދުބާއީން ރާއްޖެއަށް ދަތުރުކުރާނެއެވެ. އެއީ އަންގާރަ، ބުރާސްފަތި، ހުކުރު އަދި ހޮނިހިރު ދުވަހުއެވެ. މި ދަތުރުތައް ކުރާނީ ދުބާއީ އިންޓަނޭޝަނަލް އެއަރޕޯޓުން، ވެލާނާ އިންޓަނޭޝަނަލް އެއަރޕޯޓަށެވެ.

ފްލައިދުބާއީން ރާއްޖެއަށް އަލުން ދަތުރުތައް ފެށުމާއިއެކު ބަޖެޓް ޓިކެޓްގައި، ރާއްޖެއަށް އަގު ހެޔޮކޮށް، ޗުއްޓީ ހޭދަކޮށްލަން އަންނަން ބޭނުންވެފައިވާ ފަރާތްތަކަށް އެ ފުރުސަތު ހުޅުވިގެންދާނެކަމަށް އެ އެއަރލައިނުން ބުނެއެވެ.

ކޮވިޑާ ގުޅިގެން ދަތުރުތަައް މެދުކަނޑާލުމަށްފަހު، ފްލައި ދުބާއީން ވަނީ އެ އެއަރލައިނުން ކުރިން ދަތުރު ކުރަމުންދިޔަ މަންޒިލްތަކަށް ޖުލައިމަހުން ފެށިގެން އަލުން ދަތުރުތައް ފަށަމުންނެވެ. އަދި އެ އެއަރލައިނުން ދަނީ ކާގޯ ފްލައިޓްތައްވެސް އޮޕަރޭޓްކުރަމުންނެވެ. ފްލައިދުބާއީގެ ސީއީއޯ ގައިޘު އަލް ގައިޘު ވިދާޅުވީ، ގިނަ ޤައުމުތަކަކުން ފުރަބަންދު އުވާލަންފެށުމާއިއެކު ބައިނަލްއަޤްވާމީ އުދުހުންތައް ފެށުމަށް މަގުފަހިވާން ފަށާފައިވާކަމަށެވެ. ފްލައިދުބާއީން ވަނީ 2013 އިން 2018 އަށްވެސް ރާއްޖެއަށް ދަތުރުތައް ކޮށްފައެވެ.