މި އަހަރު ޝަރަފުވެރިކަމުގެ ޤައުމީ އިނާމު 10 ބޭފުޅަކަށް ދެއްވުމަށް ސަރުކާރުން ނިންމަވައިފިއެވެ. އޭގެ އިތުރުން ހިތްވަރު ދިނުމުގެ ޤައުމީ އިނާމު 19 ބޭފުޅަކަށާއި ތިން ފަރާތަކަށް ދެއްވުމަށް ނިންމަވައިވާާ ކަމަށް ރައީސް އޮފީހުން ވިދާޅުވެފައިވެއެވެ.

ޝަރަފުވެރިކަމުގެ ގައުމީ އިނާމު ލިބިވަޑައިގަންނަވާ 10 ބޭފުޅުންގެ ތެރެއިން 5 ބޭފުޅުންނަކީ، މީގެކުރިން ހިތްވަރު ދިނުމުގެ ގައުމީ އިނާމު ލިބިވަޑައިގެންފައިވާ ބޭފުޅުންނެވެ.

މިބޭފުޅުންނަށް ރައީސުލްޖުމްހޫރިއްޔާ ދެއްވާ އިނާމު ދެއްވުން އޮންނާނީ، މި އަހަރުގެ ޤައުމީ އިނާމު ދެއްވުމަށް މާދަމާ ރޭ، 8:30 ގައި ދަރުބާރުގޭގައި ބާއްވަވާ ރަސްމީ ޖަލްސާގައެވެ. މި ޖަލްސާގައި ރައީސުލްޖުމްހޫރިއްޔާ އިބްރާހީމް މުހައްމަދު ސާލިޙް، ދިވެހި ޤައުމާ މުޚާޠަބު ކުރައްވާނެ ކަމަށް ވެސް ރައީސް އޮފީހުން ވިދާޅުވިއެވެ.

ގައުމީ އިނާމަށް ބޭފުޅުން ހޮއްވެވީ، އެކަމަށް ޓަކައި ރައީސުލްޖުމްހޫރިއްޔާ އެކުލަވައިލެއްވި ގައުމީ އިނާމާބެހޭ ކޮމިޓީއިންނެވެ.