މި އަހަރުގެ ޤައުމީ އިނާމު ދިނުމުގެ ޖަލްސާ މިރޭ އޮންނާނެއެވެ. މި ޖަލްސާ އޮންނާނީ މިރޭ، 8:30 ގައި ދަރުބާރުގޭގައެވެ. މި ޖަލްސާގައި ރައީސުލްޖުމްހޫރިއްޔާ އިބްރާހީމް މުޙައްމަދު ޞާލިޙް، ދިވެހި ޤައުމާ މުޚާޠަބު ކުރައްވާނެ ކަމަށް ރައީސް އޮފީހުން ވިދާޅުވިއެވެ.

މިރޭގެ ޖަލްސާގައި ޝަރަފުވެރިކަމުގެ ޤައުމީ އިނާމު 10 ބޭފުޅަކަށް ދެއްވާނެއެވެ. ހިތްވަރު ދިނުމުގެ ޤައުމީ އިނާމު 19 ބޭފުޅަކަށް ދެއްވާނެއެވެ. އޭގެ އިތުރުން 3 ފަރާތަކަށް އެ އިނާމް ދެއްވާނެއެވެ.

ޤައުމީ އިނާމަށް ބޭފުޅުން ހޮއްވެވީ، އެކަމަށް ޓަކައި ރައީސުލްޖުމްހޫރިއްޔާ އެކުލަވައިލެއްވި ޤައުމީ އިނާމާބެހޭ ކޮމިޓީއިންނެވެ. ޝަރަފުވެރިކަމުގެ ޤައުމީ އިނާމު ލިބިވަޑައިގަންނަވާ 10 ބޭފުޅުންގެ ތެރެއިން 5 ބޭފުޅުންނަކީ، މީގެކުރިން ހިތްވަރު ދިނުމުގެ ޤައުމީ އިނާމު ލިބިވަޑައިގެންފައިވާ ބޭފުޅުންނެވެ.