އޯޕެކް ޕްލަސް އިން އުފައްދާ ތެލުމުގެ މިންވަރު މަދުކުރަން ނިންމި ނިންމުމަށް ރާއްޖެއިން ތާއީދުކުރީ އެއްވެސް އިތުރު ބައެއްގެ ނުވަތަ ގައުމެއްގެ ނުފޫޒެއް ނުވަތަ ބާރެއް އޮވެގެން ނޫންކަމަށް ރައީސް އޮފީހުގެ ތަރުޖަމާނު މިއުވާން މުހައްމަދު މިއަދު ވިދާޅުވެއްޖެއެވެ.

ނޫސްވެރީންނަށް މައުލޫމާތު ދެއްވުމަށް މިއަދު ރައީސް އޮފީހުގައި ބޭއްވި ބައްދަލުވުމުގައި އޭނާ ވިދާޅުވީ ދިވެހިސަރުކާރުން ނިންމާ އެފަދަ އެއްވެސް ނިންމުމަކަށް އެހެން ގައުމެއްގެ ނުފޫޒެއް ނުފޯރުވޭނޭ ކަމަށެވެ. އޯޕެކްގެ ނިންމުމަށް ރާއްޖެއިން ތާއީދުކުރީ އެއީ އެންމެ ރަނގަޅު ގޮތްކަމަށް ސަރުކާރަށް ފެނިވަޑައިގަންނަވާތީ އެކަމުން ރާއްޖެއަށް ފައިދާ ކުރާނޭތީ ކަމަށް ވެސް އޭނާ ވިދާޅުވިއެވެ.

އޭނާ ވިދާޅުވީ ރާއްޖެއަކީ ތެލަށް ބަރޯސާވެފައިވާ ގައުމެއް ކަމަށާއި އެހެން ކަމުން ސަރުކާރުން އަބަދުވެސް ވިސްނަނީ އެއިން ރާއްޖެއަށް އެންމެ ފައިދާކުރާނޭ ގޮތަކަށް ކަމަށް ވެސް އޭނާ ވިދާޅުވިއެވެ. އޯޕެކް ޕްލަސް އަކީ ތެލުގެ މާކެޓުގައި ވަރަށް މުހިންމު ދައުރެއް އަދާ ކުރާ ތަނެކެވެ. އެތަނުން ވަނީ އުފައްދާ ތެލުން ދުވާލަކު ދެ މިލިއަން ފީފާ މަދުކުރަން ނިންމާފައެވެ. އެ ނިންމުމަކީ ފަންނީ ގޮތުންނާއި ވިޔަފާރީގެ ގޮތުންނާއި އެހެނިހެން ގޮތްގޮތުން ބަލާއިރު ރަނގަޅު ނިންމުމެއް ކަމަށް ސަރުކާރުން ގަބޫލު ކުރައްވާ ކަމަށް މިއުވާން ވިދާޅުވިއެވެ.