މި ސަރުކާރު ދެމިއޮތްހާ ހިނދަކު ދިވެހި ނޫސްވެރީންގެ ހައްގުތަކާއި މިނިވަންކަން ހިމާޔަތް ކުރުމަށް މަސައްކަތް ކުރައްވާނޭ ކަމަށް ރައީސް އޮފީހުގެ ތަރުޖަމާނު މިއުވާން މުހައްމަދު މިއަދު ވިދާޅުވެއްޖެއެވެ.

ނޫސްވެރިންނަށް މައުލޫމާތު ދެއްވުމަށް ރައީސް އޮފީހުގައި މިއަދު ބޭއްވި ބައްދަލުވުމުގައި ގާނޫނުލްއުގޫބާތަށް އިސްލާހު ގެނައުމުގެ ބިލުގައި ނޫސްވެރިންނަށް ވެސް ގޮންޖެހުންތަކެއް ކުރިމަތިވާ ގޮތަށް ބައެއް މާއްދާތައް އެބަހުރި ކަމަށާއި އެއިން ނޫސްވެރިން އިސްތިސްނާ ކުރުމުގެ ވިސްނުމެއް ސަރުކާރުން ގެންގުޅުއްވާތޯ ނޫސްވެރިއަކު އެހުމުން މިއުވާން ވިދާޅުވީ ނޫސްވެރިކަމުގެ މިނިވަންކަމަށް ހުރަހެއް އެޅިދާނޭ ކަމެއް ސަރުކާރުން ނުކުރައްވާނޭ ކަމަށެވެ.

މިއުވާން ވިދާޅުވީ ބައެއް ގާނޫނުތައް ހަދަމުންދާއިރު ނޫސްވެރީންގެ ކަންބޮޑުވުންތައް ހުށަހަޅާ ކަމަށެވެ. އެފަދަ ކަންބޮޑުވުމެއް ފާހަގަކޮށްފިނަމަ އެކަންކަމާ މެދު ބަންޑާރަނާއިބާ މަޝްވަރާ ކުރައްވާ ކަމަށް ވެސް އޭނާ ވިދާޅުވިއެވެ. އެހެންނަސް ގާނޫނުތައް ފާސްވެގެން އަންނައިރު ގައުމީ ސަލާމަތާއި އެފަދަ އެހެންކަންކަންވެސް އޭގެ ތެރޭގައި ހުންނާތީ ސަރުކާރުން ހުރިހާ ކަމަކަށް ވެސް ވިސްނަވާ ކަމަށް އޭނާ ވިދާޅުވިއެވެ.

މިފަދަ ބިލްތަކާމެދު ކޮމިޓީ މަރުހަލާގައި ބަހުސްކުރުމަށްފަހު ގެންނަންޖެހޭ ބަދަލްތައް ގެންނާނޭ ކަމަށް ވެސް މިއުވާން ވިދާޅުވިއެވެ.