ނިޝާން މުލީގޭ ޝަރަފުގެ ޢިއްޒަތް މިރޭ ލިބިވަޑައިގެންނެވި މިނިސްޓަރ އޮފް ހެލްތު އަޙްމަދު ނަސީމަކީ އޭރަކު ހުންނެވި ވެރިއަކު ހަވާލު ކުރައްވާ ކަޮންމެ މަސައްކަތެއް އިޚުލާސްތެރިކަމާއި ފަރުވާތެރިކަމާއެކު ކުރައްވާ ބޭފުޅެއް ކަމަށް ރައީސުލްޖުމްހޫރިއްޔާ އިބްރާހީމް މުހައްމަދު ސާލިހު ވިދާޅުވެެއްޖެއެވެ.

ގައުމީ އިނާމް ދެއްވުމަށް ދަރުބާރުގޭގައި މިރޭ ބޭއްވި ޖަލްސާގައި ރައީސް ވަނީ ނަސީމަށް އެ އިއްޒަތް ލިބިވަޑައިގެންނެވުމުން ދިވެހި ދައުލަތުގެ ނަމުގަޔާއި، ދިވެހި ރައްޔިތުންގެ ނަމުގަޔާއި އެމަނިކުފާނުގެ ނަމުގައ އިޚްލާސްތެރިކަމާއެކު ތަހުނިޔާއާއި މުބާރަކްބާދީ ދަންނަވާފައެވެ.

މިރޭގެ ޖަލްސާގައި ރައީސް ވިދާޅުވީ "އެ މަނިކުފާނަކީ އެވަގުތަކު ހުންނެވި ވެރިޔަކު ޙަވާލުކުރެއްވި ކޮންމެ ކަމެއްވެސް ވަރަށް ފަރުވާތެރިކަމާއި އިޚްލާސްތެރިކަމާއެކު ކުރައްވާ ބޭފުޅެއް. ސަރުކާރުން އޭރު ފެށި ބޮޑެތި ބައެއް މަޝްރޫޢުތައް ހިންގެވުމުގައި ވަރަށް މުހިންމު ދައުރެއް އަދާކުރެއްވި ބޭފުޅެއް،" ކަމަށެވެ.

"އޭގެ ތެރެއިންވެސް އެންމެ މުހިންމު އެއް މަޝްރޫޢަކީ، ރާއްޖޭގެ މަސްދޯނިފަހަރުގައި އިންޖީނު އެޅުމުގެ މަޝްރޫޢު. އެ މަސައްކަތްވެސް އެންމެ އިސްކޮށް ހުންނަވައިގެން ކުރިއަށް ގެންދެވީ ނަސީމުގެ ބެއްލެވުމުގެ ދަށުން. އެ ނޫނަސް ނަސީމުގެ ކިތަންމެ ޚިދުމަތެއް މި ޤައުމަށް ލިބިފައިވާކަން، ވީޑިއޯ ރިޕޯޓުން ފެނިގެން ހިނގައްޖެ،"
ރައީސް ސާލިހު

ނަސީމް މިނިސްޓަރ އޮފް ހެލްތު ކަމުގެ މަގާމުގައި ހުންނަވައިގެން، މިހާރުވެސް ކޮށްދެއްވަމުން ގެންދަވަނީ ފާހަގަކޮށްނުލާ ދޫކޮށްލެވޭނޭ ކީދުމަތްތަކެއް ނޫންން ކަމަށް ރަައީސް ވިދާޅުވިއެވެ. "ޚާޢްޞަކޮށް، ކޯވިޑް-19ގެ ދަތި އުނދަގޫ ދުވަސްވަރުވެސް، ރެޔާއި ދުވާލު ކުރައްވަމުން ގެންދެވި ބުރަ މަސައްކަތް އަޅުގަނޑަށް ވަނީ ފެނިފައި. އަދި ރިޕޯޓުގައި ފާހަގަކުރެވިފައި ނެތް ނަމަވެސް، ނަސީމަކީ ވަރަށް ވަރުގަދަ ސްޕޯޓްސް ޕާރސަނަލިޓީއެއް. ކުޅިވަރުގެ މައިދާނުގައި ހުނަރުވެރި، ޒުވާން ދައުރުގައި ހުނަރުވެރި ކުޅުންތެރިއެއް. ކުރިކެޓް ކުޅުންތެރިއެއް. ވޮލީ ކުޅުންތެރިއެއް. އަދިވެސް ރާއްޖޭގައި އޭރު ތަޢާރުފުވެގެން އައި ކުޅިވަރުގެ އެތައް އެތައް އެތައް މައިދާނެއްގައި ރަންވަނަތަކެއް ހޯއްދަވައިފައި ހުންނެވި ބޭފުޅެއް. ޚާއްޞަކޮށް، އަޅުގަނޑު ހަނދާންވާގޮތުން ރާއްޖޭގެ އެންމެ ފުރަތަމަ ވޮލީ ޗެމްޕިއަނަކީވެސް ނަސީމް،" ރައީސް ވިދާޅުވިއެވެ.

ނަސީމަކީ ރާއްޖޭގެ ފަތުރުވެރިކަން އުފަން ކުރެއްވި އެއް ބާނީ ކަމަށާއި ދިވެހި ފަތުރުވެރިކަން، މިއަދު މިއޮތް ފެންވަރަށް ކުރިއަރައިގެން ހިނގައިދާނެކަމުގެ އެއްވެސް އަލިމަގެއް އަދި އުންމީދެއް ފެންނަން ނެތް ދުވަސްވަރެއްގައި، ނަސީމް އެކަމަށް ޚިޔާލު ކުރައްވައި، ފަތުރުވެރިކަމަކީ ރާއްޖޭގައި ކުރިއަށް ގެންދެވިދާނެ، އަދި ވަރަށް ބޮޑަށް ފުޅާކުރެވިދާނެ ކަމެއް ކަމަށް ދެކެވަޑައިގެން މަސައްކަތް ފެށްޓެވި ބޭފުޅެއް ކަމަށް ރައީސް ވިދާޅުވިއެވެ.

"ފަތުރުވެރިކަން ފެށިގެން އައި އެންމެ ދަތި ދުވަސްވަރުވެސް، މި ޞިނާޢަތު ތަރައްޤީކުރެއްވުމަށް އެމަނިކުފާނު ވަރަށް ބުރަ މަސައްކަތްތަކެއް ކުރެއްވި. އެކިފަހަރު މަތިން އެކަމުގެ އަގުވެސް ވަޒަންކުރެވިއްޖެ. ދެންމެ ފެނިގެން އެދިޔަ ވީޑިޔޯއިން ހާމަވިގޮތުގައި، ރާއްޖޭގެ ފަތުރުވެރިކަމަށް 20 އަހަރު ފުރުމުގެ މުނާސަބަތުގައި ނަސީމުގެ ޚިދުމަތްތަކުގެ އަގު ވަޒަންކޮށް ހަނދާނީ ލިޔުމެއް ވަނީ އެރުވިފައި. ފަތުރުވެރިކަމުގެ ރިހި ޔޫބީލް މުނާސަބަތުގައި، 1997 ވަނަ އަހަރު ޝަރަފުގެ ޕްލާކެއް ލިބިވަޑައިގެންނެވި. އަދި މިއަހަރު ފާހަގަކުރި ރަން ޔޫބީލް މުނާސަބަތުގައި، މި މަހުގެ 3 ވަނަ ދުވަހުގެ ރޭ ނަސީމަށް ވަނީ ޕްރެޒިޑެންޓްސް ޓޫރިޒަމް ގޯލްޑް އެވޯޑުވެސް ލިބިވަޑައިގެންފައި،"
ރައީސް ސާލިހު

ރައީސް ވިދާޅުވީ ނަސީމަކީ ފަތުރުވެރިކަމުގެ ދާއިރާގެ އިތުރުން، އެކިފަހަރު މަތިން ދިވެހި ދައުލަތަށާއި ދިވެހި ސަރުކާރަށް، 37 އަހަރަށްވުރެ ދިގު މުއްދަތަކަށް ޚިދުމަތް ކުރެއްވި ބޭފުޅެއް ކަމަށެވެ. އަދި މީހާރުވެސް ޚިދުމަތުގައި ހުންނެވި ބޭފުޅެއް ކަމަށް ވިދާޅުވިއެވެ. މިނިސްޓަރ އޮފް ފޮރިން އެފެއާޒްގެ މަގާމުގަޔާއި، ޚާރިޖީ ދާއިރާގެ ތަފާތު މަގާމުތަކުގައި ހުންނަވައިގެން ރާއްޖެއަށް ޚިދުމަތް ކޮށްދެއްވި ކަމަށް ރައީސް ވިދާޅުވިއެވެ. އެ ޚިދުމަތްތައް ގައުމީ ފެންވަރުގައި ފާހަގަ ކުރަންޖެހޭ ކަމަށް ވެސް ރައީސް ވިދާޅުވިއެވެ.