އެއްފަހަރު ބޭނުންކޮށްފައި އެއްލާލާ ޕްލާސްޓިކް ބޭނުން ކުރުން ހުއްޓާލުމަށް ވާވުއަތޮޅުގައި ހިންގާ މަސްރޫޢު "ޕްލާސްޓިކް ފްރީ ވާވް" ރޭ، އިފްތިތާހް ކޮށްފިއެވެ.

ވ. އަތޮޅު ކައުންސިލްގެ އިދާރާގައި އޮތް މި ރަސްމިއްޔާތު ފައްޓަވައިދެއްވީ އެ ކައުންސިލްގެ ރައީސް ސުޖާއު އަލީ އާއި ލިވް އެންޑު ލާންގެ ޕްރޮޖެކްޓް މެނޭޖަރ ޒަމީލާ އަޙްމަދެވެ.

"ޕްލާސްޓިކް ފްރީ ވާވު" މި މަސްރޫޢަކީ ވ. އަތޮޅުގެ ހުރިހާ ރަށެއްގައި އެއްފަހަރު ބޭނުންކޮށްފައި އުކާލާ ޕްލާސްޓިކް މި 5 އަހަރުދުވަސް ނިމޭ އިރު ހުއްޓާލުމަށް މަސައްކަތްކުރާ މަސްރޫއެކެވެ. މި މަސްރޫޢުގެ ދަށުން މިހާރު އެންމެ މުހިންމުކަމެއް ދޭނީ ދަތުރުފަތުރުކުރާއިރު ބޭނުނުކުރާ "ސިކް ބޭގް" ހޮޑުލާ ކޮތަޅު ބަދަލުކުރުމަށް ކަމށް ވ. އަތޮޅު ކައުންސިލްގެ ރައީސް ވިދާޅުވިއެވެ.

މިހާރު ކަނޑުދަ ތުރުފަތުރުކުރާއިރު ހޮޑުލުމަށްޓަކައި ރާއްޖޭގެ ހުރިހާ އުޅަނދެއްގައިވެސް ބޭނުންކުރަނީ ޕްލާސްޓިކް ކޮތަޅެވެ. މިއީ ކަނޑުފަޅުގެ ދިރުމަށް ވަރަށް ނުރައްކާ އެއްޗެކެވެ. އެހެންކަމުން މި ޕްލާސްޓިކް ކޮތަޅު ދޫކޮށްލާ، ކަރުދާސް ކޮތަޅު ބޭނުންކުރުމަށް ވާވު އަތޮޅުގެ ހުރިހާ ރަށަކުން ފަށާ މި މަސްރޫއަކީ ޔޫއެންޑީޕީގެ ސްމޯލް ގްރޭންޓްސް ޕްރޮގްރާމް (އެސްޖީޕީ) އާއި ލިވް އެން ލާންގެ އެހީގައި ހިންގާ ޕްރޮގްރާމެއްކަމަށް ވ. އަތޮޅު ކައުންސިލްގެ ރައީސް ވިދާޅުވިއެވެ.

ވ. އަތޮޅުގެ ހުރިހާ ރަށެއްގައިވެސް ފުޅާ ދާއިރާއެއްގައި ފަތުރުވެރިކަން ކުރެއެވެ. އަހަރަކު އެ އަތޮޅުގެ ގެސްޓް ހައުސްތަކަށް 3،000 އަށްވުރެ ގިނަ ފަތުވެރިން އަންނަ ކަމަށް އެ އަތޮޅު ކައުންސިލްގެ ރައީސް ވިދާޅުވިއެވެ. މި އަންނަ ފަތުވެރިންގެ ފަރާތުންވެސް ޕްލާސްޓިކްގެ ސަބަބުން ކަނޑު ފަޅާއި ފަރުތަކަށް ލިބޭ ގެއްލުންތަކުގެ ވާހަކަ ދައްކާ ކަމަށް ކައުންސިލްގެ ރައީސް ވިދާޅުވިއެވެ.

ވ. އަތޮޅަކީ މިހާރުވެސް ޕްލާސްޓިކް މަދުކުރުމަށް ވަރަށް ބޮޑަށް މަސައްކަތްކުރާ ރައްޔިތެއް ދިރިއުޅޭ އަތޮޅެކެވެ. އެއަތޮޅުގެ ހުރިހާ ރަށެއްގެ ރައްޔިތުންގެ އެއްބާރުލުންވެސް މިކަމަށް ލިބެއެވެ.

ވ. އަތޮޅު ކައުންސިލްގެ ރައީސް މި ނޫހާ ވާހަކަ ދައްކަމުން ވިދާޅުވީ ރާއްޖޭގެ 99 ޕަސެންޓަކީ ކަނޑު ފަޅު ކަމަށްވާއިރު އަދި އަޅުގަނޑުމެންގެ އިޤުތިޞާދު ބިނާވެފައިވަނީ މި ކަނޑުފަޅުތަކަށް ކަމަށްވުމުން ރާއްޖޭގެ ކަނޑުދަތުރުކުރާ ހުރިހާ ފަރާތްތަކުން ޕްލާސްޓިކް ކޮތަޅު ކަނޑަށް ދޫކޮށްލުން ހުއްޓާލަން ޖެހޭކަމަށެވެ.

ރޭ، އިފްތިތާހުކުރި "ޕްލާސްޓިކް ފްރީ ވާވް" ގެ ރަސްމިއްޔާތުގައި ލިވް އެންޑް ލާންގެ އިސް ބޭފުޅުންނާއި ވ. އަތޮޅުގެ ހުރިހާ ރަށެއްގެ ކައުންސިލްތަކުގެ އިސް ވެރިން ބައިވެރިވެ ވަޑައިގަތެވެ.