ނ. އަތޮޅުގައި ސަރުކާރުން އަޅައިފައިވާ މާފަރު އިންޓަރނޭޝަނަލް އެއާޕޯޓުގެ ސަބަބުން މުޅި ރާއްޖޭގެ އިގްތިސާދަށާއި ނ. އަތޮޅުގެ އިގްތިސާދަށް ވަރަށް ގިނަގުނަ ދައިދާ ވަމުންދާ ކަމަށް ޕީޕީއެމުން ބުނެފިއެވެ.

ޕީޕީއެމްގެ ރިޔާސީ ކެންޑިޑޭޓް އަދި ކުރީގެ ރައީސް އަބްދުﷲ ޔާމީން އަބްދުލްގައްޔޫމް މިމަހު 25 އިން 28 އަށް ނ. އަތޮޅުގެ 6 ރަށަކަށް ކުރައްވަން ހަމަޖެހިފައިވާ ދަތުރުފުޅާ ބެހޭ ގޮތުން މައުލޫމާތު ދެއްވަމުން ޕީޕީއެމްގެ ސްޕޯކްސް ޕާސަން ހީނާ ވަލީދު ވިދާޅުވީ ރައީސް ޔާމީންގެ ޒައާމަތުގައި ނ. އަތޮޅުގައި ހިންގާފައިވާ ތަރައްގީގެ އެންމެ ބޮޑު މަޝްރޫއަކީ އެއާޕޯޓު މަޝްރޫއު ކަމަށެވެ.

"ރައީސް ޔާމީންގެ ޒައާމަތުގައި ރާއްޖޭގެ އެކިކަންކޮޅުތުގައި ތަރައްގީގެ ވަރަށްގިނަގުނަ މަޝްރޫއުތަކެއް ވަނީ ހިންގަވާފައި. ނޫނު އަތޮޅުގައި ވެސް ބޮޑެތި ޕްރޮޖެކްޓްތައް ހިގެވިކަން ފާހަގަކޮށްލަން. އެގޮތުން ނޫނު އަތޮޅުގައި އެމަނިކުފާނު ހިންގެވި ތަރައްގީގެ އެންމެބޮޑު އެންމެ މުހިންމު ޕްރޮޖެކްޓަކީ މާފަރު އިންޓަރނޭޝަނަލް އެއާޕޯޓު. އެ އެއާޕޯޓުގެ ސަބަބުން ރާއްޖޭގެ އިގްތިސާދަށާއި ޚާއްސަކޮށް ނޫނުއަތޮޅުގެ ރައްޔިތުންނަށް ގިނަގުނަ ފައިދާތަކެއް ލިބެމުން މިހާރުވެސްދޭ،" ހީނާ ވިދާޅުވިއެވެ.

ހީނާ ވިދާޅުވީ ރައީސް ޔާމީންގެ ވެރިކަމުގައި ވަނީ ނ. އަތޮޅުގެ އިތުރުން އެހެން އަތޮޅުތަކުގެ ރަށްރަށުގައި ވެސް ބޮޑެތި މަޝްރޫއުތައް ހިންގާފައިފައި ކަމަށެވެ. އޭގެ ތެރޭގައި ބަނދަރު ތަރައްގީކުރުމާއި ފުޓުސަލް އަދި ޓާފް ދަނޑުތައް ތަރައްގީ ކުރުން ހިމެނޭ ކަމަށެވެ. ކަރަންޓުގެ ޚިދުމަތް ރަނގަޅު ކުރުމަށް ރަށްރަށަށް އައު އިންޖީންތައް ފޮނުވާއި ރަށްރަށުގެ ތިމާވެށި ހިމާޔަތް ކުރުމާއި ކުނިކޮށިތައް ތަރައްގީ ކުރުން ފަދަ ކަންކަން ހިމެނޭ ކަމަށް ވެސް ހީނާ ވިދާޅުވިއެވެ. އޭގެ އިތުރުން ފެނާއި ނަރުދަމާގެ މަސައްކަތްތައް ހިމެނޭ ކަމަށް ހީނާ ވިދާޅުވިއެވެ.

ރައީސް ޔާމީން ނ. އަތޮޅުން ވަޑައިގެންނެވުމަށް ހަމަޖެހިފައިވަނީ މަނަދޫ، ވެލިދޫ، މިލަދޫ، މަގޫދޫ، ކެނދިކުޅުދޫ، ހޮޅުދު އަށެވެ.