އައްޑޫ ސިޓީގެ ދެކުނުން، ރާއްޖޭގެ ޚާއްސަ އިގްތިސާދީ ސަރަހައްދުގެ ބައެއް ހިމެނޭ ގޮތަށް، ފޯޅަވައްސާއެކު އޮންނަ ޗާގޯސްގެ މައްސަލާގައި ރައްޔިތުންގެ މަޖިލީހަށް މިއަދު ހުށަހެޅި މައްސަލަ ބަލައިގެންފިއެވެ.

އެމައްސަލަ ހުށަހެޅީ މަޑުއްވަރީދާއިރާގެ މެމްބަރު އާދަމް ޝަރީފެވެ. މައްސަލަ ބަލައިގަތީ 54 މެންބަރުންގެ ވޯޓާއެކުގައެވެ. ދެ ކޮޅަށް ވޯޓު ދެއްވީ ކާށިދޫ ދާއިރާގެ މެންބަރު އަބްދުﷲ ޖާބިރު އެކަންޏެވެ.

ކުއްލި މައްސަލާގައި ސަރުކާރަށް ގޮވާލައިފައިވަނީ ރާއްޖޭގެ އިގްތިސާދުގެ ޚާއްސަ ސަރަހައްދުން ބޮޑު ބައެއް ގެއްލޭފަދަ ގޮތަކަށް ސަރުކާރުގެ ސިޔާސަތާއި ނިންމުން ބަދަލުނުކުރުމަށެވެ. މި މައްސަލައަށް މިހާރުވަނީ ބަހުސް ވެސް ކުރަން ފަށައިފައެވެ.

އެތަނަކީ މޮރިޝަސްގެ ސިޔާދަތީ ބާރު ހިނގާ ސަރަހައްދެއްގެގޮތުގައި ހަމަޖެއްސުމަށް އެ ޤައުމުން އިންޓަނޭޝަނަލް ޓްރިބިއުނަލް ފޮރ ލޯވް އޮފް ދަ ސީއަށް ހުށަހަޅާފައިވާ މައްސަލައިގައި، ރާއްޖެއިން މިހާތަނަށް ވަކާލާތުކޮށްފައިވަނީ މޮރިޝަސްއާ ދެކޮޅަށެވެ. "މޮރިޝަސްއަށް ތާއީދުކޮށްފިނަމަ، ރާއްޖޭގެ ހާއްސަ އިޤުތިޞާދީ ސަރަހައްދުން ބައެއް ގެއްލޭނެކަމުގެ ބިރު ބޮޑުވާތީއާއި އަލުން އެ ސަރަހައްދު ހޯދުމުގައި ބައިނަލްއަޤުވާމީގޮތުން ބޮޑެތި ގޮންޖެހުންތަކެއް ރާއްޖެއަށް ކުރިމަތިވާނެކަމަށް ބެލެވޭ،" މި މައްސަލާގައި ޝަރީފް ވިދާޅުވެފައިވެއެވެ.

މިކަމުގައި ކުރިން ސަރުކާރުން ގެންގުޅުނު ވިސްނުން ބަދަލުކޮށްފިނަމަ ޗާގޯސް އިން ރާއްޖޭގެ ހާއްސަ އިޤުތިޞާދީ ސަރަހައްދު ގައި ހިމެނޭ ބައި ގެއްލޭނެތީ އާއި އެކަމުގައި ރާއްޖޭގެ ޙައްޤު ހޯދުމުގެ ބަސް ބުނުމުގެ ދޮރު ރާއްޖެއަށް އެއްކޮށް ބަންދުވާނެ ކަމަށް ޝަރިފް ވިދާޅުވެފައިވެއެވެ.

މި މައްސަލާގައި އާދަމް ޝަރީފް ގާނޫނުއަސާސީއާ ހަވާލާދީ ވިދާޅުވެފައިވަނީ ރާއްޖޭގެ ސަރަހައްދަކީ ކޮބައިކަމާއި އެ ސަރަހައްދަށް އެއްވެސް ބަދަލެއް ގެނެވޭނީ ރައްޔިތުންގެ މަޖިލީހުގެ މެންބަރުންގެ ތިންބައިކުޅަ ދެބައި އަޣުލަބިއްޔަތުން ފާސްކުރާ ގާނޫނަކުން ކަމަށެވެ.

މިމައްސަލާގައި ރާއްޖެއިން ވަނީ ކުރިން ގެންގުޅުނު ސިޔާސަތު ބަދަލުކޮށްފައި ކަމަށްބުނެ އެމްއެންޕީގެ ރައީސް އަދި ދަގެނތީދާއިރާގެ މެމްބަރު މުހައްމަދު ނާޒިމް ވެސް ވަނީ މަޖިލީހަށް ގަރާރެއް ހުށަހަޅައިފައެވެ. މި މައްސަލާގައި ބަހުސް ކުރަންފެށީ ދިވެހި ސަރުކާރުގެ ވިސްނުން ބަދަލުކޮށް ރާއްޖޭގެ ކަނޑުގެ ސަރަހައްދެއް މޮރިޝަސްއަށް ދޭން އުޅޭކަމަށް ބުނެ އެވެ.

ރައީސް އޮފީހުގެ ތަރުޖަމާނު މިއުވާން މުހައްމަދު ވިދާޅުވެފައިވަނީ އެމައްސަލާގައި ރާއްޖޭގެ ވިސްނުން ބަދަލު ނުވާކަމަށެވެ.