ސައުދީ އަރަބިއްޔާގެ ދާޚިލީ ވުޒާރާ، މިނިސްޓްރީ އޮފް އިންޓީރިއާ އޮފް ދަ ކިންގްޑޮމް އޮފް ސައުދީ އަރަބިއްޔާއިން ފޮނުއްވި ވަފުދަކާ ހޯމް މިނިސްޓަރ އިމްރާން އަބްދުﷲ ބައްދަލު ކުރައްވައި މަޝްވަރާ ކޮށްފިއެވެ. މިިއީ އެމަނިކުފާނުގެ ދައުވަތަކަށް ފޮނުއްވި ވަފުދެކެވެ.

މި ވަފްދުގެ އެންމެ އިސްބޭފުޅަކަށް ހުންނެވީ މޭޖަރ ޖެނެރަލް ނާސިރު އުޘްމާން އަލްނާސިރުއެވެ. ނުވަ ބޭފުޅުން ހިމެނި ވަޑައިގަންނަވާ ވަފްދުގެ ބޭފުޅުންނާއެކު މަޝްވަރާކުރެއްވީ ދެޤައުމުގެ ގުޅުން އިތުރަށް ބަދަހި ކުރުމާއި، ދާޚިލީ ސަލާމަތާ ގުޅޭ ކަންކަމުގައި އެހީތެރިވެދިނުމާ ގުޅޭގޮތުންނެވެ. އަދި އެހީތެރިކަން ފޯރުކޮށްދެވޭނެ ދާއިރާތަކާ ގުޅޭގޮތުންވެސް މަޝްވަރާކުރެއްވި ކަމަށް ހޯމް މިނިސްޓްރީން ވިދާޅުވިއެވެ. މި ވަފްދުގެ ބޭޅުންނާ އިމްރާން ބައްދަލު ކުރެއްވީ މިއަދު މިނިސްޓްރީ އޮފް ހޯމްއެފެއަރޒްގައެވެ.

މިބައްދަލުކުރެއްވުމުގައި މިނިސްޓަރ އޮފް ސްޓޭޓް ފޮރ ހޯމްއެފެއާޒް މުޙައްމަދު މާހިރު އީސާއާއި، މިނިސްޓަރ އޮފް ސްޓޭޓް ފޮރ ހޯމްއެފެއާޒް އަލީ ނަޛީރުއާއި، މިނިސްޓަރ އޮފް ހޯމްއެފެއާޒްގެ ނައިބު ލުއައްޔު ސައީދުއާއި، އަބޫބަކުރު ޢަބުދުލްކަރީމް ބައިވެރިވެވަޑައިގެންނެވިއެވެ.

ތިން ދުވަހުގެ މުއްދަތަށް ރާއްޖެއަށް ކުރައްވާ ޒިޔާރަތުގައި މިވަފްދުގެ ބޭފުޅުން ދިވެހި ފުލުހުންގެ ޚިދުމަތާއި، މޯލްޑިވްސް ކަރެކްޝަނަލް ސަރވިސްގެ އިސް ބޭފުޅުންނާވެސް ބައްދަލުކުރައްވާނެއެވެ.

މިނިސްޓަރ ޢިމްރާން ޢަބްދުﷲ ވަނީ މިއަހަރުގެ މާރޗް މަހު ސައުދީ އަރަބިއްޔާގެ ދާޚިލީ ވަޒީރުގެ ދައުވަތަކަށް އެޤައުމަށް ވަޑައިގެންވެސް މަޝްވަރާތައް ކުރިއަށް ގެންދަވާފައެވެ.