ސްޓެލްކޯއަކީ ރާއްޖޭގައި ކަރަންޓުގެ ޚިދުމަތް ދިނުމަށް ސަރުކާރުން އެންމެފުރަތަމަ އުފެއްދި ކުންފުނި ކަމަށާއި ރަށްރަށުގެ މަގު ބައްތިތައް ބެލެހެއްޓުމުގެ މަސައްކަތް އެކުންފުންޏަށް ނުކުރެވޭނޭ ކަމަށްވާނަމަ އެކަން ކުރެވޭނޭ އިތުރު ބަޔަކު ރާއްޖޭގައި ނުތިބޭނޭ ކަމަށް ސްޓެލްކޯގެ މެނޭޖިން ޑިރެކްޓަރ އަޙްމަދު ޝަރީފް އާދަމް ވިދާޅުވެއްޖެއެވެ.

ބައެއް ރަށްރަށުގެ މަގުބައްތިތައް ބެލެހެއްޓުމާ އެކުންފުނީން ހަވާލުވުމުގެ އެއްބަސްވުމުގައި ސޮއި ކުރުމަށް އިއްޔެ ބޭއްވި ރަސްމިއްޔާތުގައި ވާހަކަ ދައްކަވަމުން އޭނާ މިހެން ވިދާޅުވީ ސްޓެލްކޯއަށް އެކަން ނުވާނޭ ކަމަށް ބުނެ ކ. ކާށިދޫ ކައުންސިލުން ސޮއިކުރުމުގެ ރަސްމިއްޔާތަށް ހާޒިރު ނުވުމުންނެވެ.

"ކ. އަތޮޅު ކާށިދޫ، ކާށިދޫގެ ކައުންސިލަރުން ގަބޫލުކުރައްވާ ގޮތުގައި އަޅުގަނޑުމެންނަށް މި ޚިދުމަތް ރައްޔިތުން ބޭނުންވާ ގޮތަކަށް ނުދެވޭނޭ. އެހެންވީމާ އެބޭފުޅުން މިއަދުގެ ސޮއިކުރުމުގެ ރަސްމިއްޔާތަށް ވަޑައި ނުގަންނަވާ،" ޝަރީފް ވިދާޅުވިއެވެ.

ޝަރީފް ވިދާޅުވީ ކާށިދޫ ކައުންސިލާއި ސްޓެލްކޯއާ ސިޔާސީ ގޮތުން ޚިޔާލު ތަފާތުވުމަކީ އެހެން މައްސަލައެއް ކަމަށެވެ. އެހެންނަމަވެސް ދެބައި މީހުން އެއްބައިވެގެން ރައްޔިތުންނަށް ޚިދުމަތް ކުރުމަށް ޝަރީފް އެދިވަޑައިގެންނެވިއެވެ. "އަދިވެސް ސްޓެލްކޯގެ ދޮރު ކާށިދޫގެ ކައުންސިލަރސް އަށް ހުޅުވާލެވިފައި މިއޮތީ ވަޑައިގަންނަވާ އަޅުގަނޑުމެން ޔަގީންކަން ދޭނަން ތިޔަބޭފުޅުން ތިޔަ ހީކުރައްވާ ވަރަށްވުރެން ޕްރޮފެޝަނަލްކޮށް އެފިޝަންޓުކޮށް އިރާދަކުރެއްވިއްޔާ ކާށިދޫގެ މަގުބައްތިވެސް އަޅުގަނޑުމެން ބަލަހައްޓައިދޭނަން. އެކަމަކު އެކަމަށްޓަކައި ތިޔަ ބޭފުޅުން ބޭނުންވާނަމައޭ،" ޝަރީފް ވިދާޅުވިއެވެ.

ޝަރީފް ވިދާޅުވީ ކާށިދޫ ރައްޔިތުން އެކަންކުރަން ބޭނުންވާނޭ ކަމަށް ގަބޫލު ކުރައްވާ ކަމަށެވެ. ރައްޔިތުން ހޮއްވަވާފައި ތިއްބެވި މަންދޫބުންގެ ޒިންމާއަކީ ރައްޔިތުންނަށް އެކަންކޮށްދިނުމަށް މަގު ފަހިކޮށްދެއްވުން ކަމަށް ވެސް ވިދާޅުވިއެވެ. އެކަން އެގޮތަށް ރައްޔިތުންނަށް ކޮށްދިނުމަށް ކާށިދޫ ކައުންސިލާ ގުޅިގެން ކުރިއަށްދިއުމަށް ސްޓެލްކޯ އޮތީ ތައްޔާރަށް ކަމަށް ވެސް އޭނާ ވިދާޅުވިއެވެ. އެއްބަސްވުމުގައި ސޮއިކުރައްވަން އެރަށުގެ ކައުންސިލުން ވަޑައިނުގެންނެވީތީ އެއްވެސް ބުރަކަމެއް ހިތުގައި ނެތް ކަމަށް ވެސް ޝަރީފް ވިދާޅުވިއެވެ. އެހެން މުނާސަބަތެއްގައި ވެސް އެއްބަސްވުމުގައި ސޮއި ކުރެވިދާނޭ ކަމަށް އޭނާ ވިދާޅުވިއެވެ. ކާށީދޫ ކައުންސިލުން އެދިވަޑައިގެންފި ކަމަށްވާނަމަ ކާށިދުއަށް ވަޑައިގެން އެއްބަސްވުމުގައި ސޮއި ކުރެވިދާނޭ ކަމަށް ވެސް އޭނާ ވިދާޅުވިއެވެ. "އެހެންވީމާ މި ލެވަލްއަށް އަޅުގަނޑު ބޭނުމޭ ރައްޔިތުންނަށް ޚިދުމަތްކޮށްދޭން،" ޝަރީފް ވިދާޅުވިއެވެ.