އެއްވެސް ފަރާތަކުން ކަރަންޓުފީ ނުދައްކާ ކަމަށްވާނަމަ ރައްޔިތުންނަށްދޭ ޚިދުމަތްތަކަށް ބުރޫއަރާނޭ ކަމަށް ސްޓެލްކޯގެ މެނޭޖިންޑިރެކްޓަރ އަހުމަދު ޝަރީފް އާދަމް ވިދާޅުވެއްޖެއެވެ. ޝަރީފް މިހެން ވިދާޅުވީ ބައެއް ރަށްރަށުގެ މަގުބައްތިތައް ބެލެހެއްޓުމާ ސްޓެލްކޯއިން ހަވާލުވުމުގެ އެއްބަސްވުންތަކުގައި ސޮއިކުރުމަށް ބޭއްވި ރަސްމިއްޔާތުގައި ވާހަކަ ދައްކަވަމުންނެވެ.
ޝަރީފް ވިދާޅުވީ އެއްވެސް ތަނަކުން ކަރަންޓުގެ ޚިދުމަތް ކަނޑާލާ ކަމަށްވާނަމަ ކަނޑާލަނީ އެކަމަށް އިޚުލާސްތެރި ނިޔަތެއްނެތިގެން ނޫންކަމަށެވެ. "އަޅުގަނޑުމެން ބޭނުންވަނީ އަޅުގަނދުމެން ކަރަންޓުގެ ފީގެ ގޮތުގައި ނަގާ ފީން ކަރަންޓުގެ ޚިދުމަތަށް އިންވެސްޓް ކުރަން. ރައްޔިތުންނަށްދޭ ޚިދުމަތްދެނީ، ތަރުތީބުކުރަނީ އޭގެ މައްޗަށް ބިނާކޮށް،" އޭނާ ވިދާޅުވިއެވެ.
އެއްވެސް ފަރާތަކުން ކަރަންޓު ބިލް ނުދައްކައިފިކަމަށްވާނަމަ ރައްޔިތުންނަށް ޚިދުމަތް ދިނުމަށް ބުރޫއަރާނޭ ކަމަށާއި އެހެން ކަމުން އެކަން ހައްލުކޮށްދިނުމަށް އެންމެހާ ފަރާތްތަކުންވެސް ކަރަންޓުބިލް ދައްކަން އޭނާ އެދިވަޑައިގެންނެވިއެވެ.
އެފްއޭމުން 6.5 މިލިއަންރުފިޔާ ދައްކަންއޮތީމާ އެތަނުން ކަރަންޓު ކަނޑާލީ ވެސް އިޚްލާސްތެރި ކަމެއްނެތިގެން ނޫންކަމަށް އޭނާ ވިދާޅުވިއެވެ.
"އަޅުގަނޑު ދަންނަވާނީ 6.5 މިލިއަންރުފިޔާ އަރަންދެން ކޮންނިޔަތެއް އޮވެގެންހޭ ނުދައްކާތިބީ. އަވަހަށް ފައިސާ ދައްކަވާ. އަޅުގަނޑު ދަންނަވާލާނީ އެފްއޭމަށް ބަޔާންތައް ނެރުއްވާނޭ ކަމެއްނެތޭ، އަޅުގަނޑުމެން ތިޔަބޭފުޅުންނަށް ރައްދުދީ ބަޔާން ނެރޭކަށް ބޭނުމެއްނޫން. އަޅުގަނޑުމެންނަށް ދައްކަވަންޖެހޭ ބިލްތައް ދައްކަވާ. ޚަލާސް ކުރައްވާ. އަޅުގަނޑުމެން ކަރަންޓުދޭނަން،" ޝަރީފް ވިދާޅުވިއެވެ.