ސްޓެލްކޯއިން ދެ އަތޮޅެއްގެ 12 ރަށެއްގެ މަގުބައްތިތައް މަރާމާތުކޮށް، ބެލެހެއްޓުމާ އިއްޔެ ހަވާލު ވެއްޖެއެވެ. އެ ރަށްތަކަކީ ވ. އަތޮޅާއި ކ. އަތޮޅުގެ ރަށްތަކެވެ. މާލެ އަތޮޅުން ކާށިދޫގެ މަގުބައްތިތައް ބެލެހެއްޓުން އެކުންފުންޏާ އަދި ހަވާލެއް ނުކުރެއެވެ. އެއީ އެކަން އެކުންފުންޏަށް ނުވާނޭ ކަމަށް ބުނެ ކާށިދޫ ކައުންސިލުން އެއްބަސްވުމުގައި ސޮއި ކުރުމަށް ހާޒިރު ނުވުމުންނެވެ.

މީގެ ކުރީން އއ. އާއި އދ. އަތޮޅު ގައި އެކުންފުނީން ޚިިދުމަތް ދެމުންގެންދާ ރަށްރަށުގެ މަގުބައްތިތައް މަރާމާތު ކުރުމާ އެކުންފުނީން ވަނީ ހަވާލުވެފައެވެ. އެކުންފުނީން މިހާރު ވަނީ ޖުމްލަ 29 ރަށެއްގެ މަގު ބައްތިތައް ބެލެހެއްޓުމާ ހަވާލުވެފައެވެ. މި ހުރިހާ ރަށަކީ ވެސް އެކުންފުނީން ޚިދުމަތްދޭ ރަށްރަށެވެ.

މި ޚިދުމަތް ދިނުމާ ހަވާލުވުމަށްފަހު އެކަމާ ބެހޭ އޮޑިޓެއް ހަދައި ބޭނުންވާ ބައްތިތަކުގެ އަދަދައި ޖަހަންޖެހޭ ހޮޅިދަނޑިތަކުގެ އަދަދު ވެސް ވަނީ ދެނެގަނެވިފައި ކަމަށް ޝަރީފް ސްޓެލްކޯގެ އެމްޑީ ޝަރީފް ވިދާޅުވިއެވެ.

ޝަރީފް ވިދާޅުވީ އެކުންފުނީން އަބަދުވެސް ބޭނުންވަނީ ރައްޔިތުންނަށް ފުރިހަމައަށް ޚިދުމަތް ދިނުމަށް ކަމަށެވެ. ސިޔާސީ ގޮތުން ޚިޔާލު ތަފާތު ކައުންސިލްތައް ހިމެނޭ ރަށްރަށަށް ވެސް އެއްވެސް ތަފާތު ކުރުމެއްނެތި ޚިދުމަތް ފޯރުކޮށްދޭނެ ކަމަށް އޭނާ ވިދާޅުވިއެވެ.