ޗާގޮސް މައްސަލާގައި ދޫ ދިނުމެއްނެތި ވަރުގަދައަށް ވަކާލާތު ކުރަންޖެހޭނޭ ކަމަށް އެމްއެންޕީގެ ރައީސް މުހައްމަދު ނާޒިމް ވިދާޅުވެއްޖެއެވެ.

މި މައްސަލާގައި ރައްޔިތުންގެ މަޖިލީހުގައި ވާހަކަ ދައްކަވަމުން ނާޒިމް ވިދާޅުވީ މިއީ ގައުމީ މައްސަލައެއް ކަމަށެވެ. އެމްއެންޕީން އަބަދުވެސް ގަބޫލުކުރަނީ ދިވެހިރާއްޖޭގެ އެއްގަމާއި ކަނޑާ އަދި ވައިގެ އެއްވެސް ތަނެއް އެއްވެސް ބަޔަކަށް ލިބިގެން ނުވާނޭ ސިޔާސަތެއް ކަމަށް ވެސް އޭނާ ވިދާޅުވިއެވެ.

ދިވެހި ތާރީޚަށް ބަލާލާއިރުވެސް ދިވެހި ކާބަފައިން އެ ސަރަހައްދުގައި ވަރަށް ގިނަ މަސައްކަތްތައް ކޮށްފައިހުރިކަން ފާހަގަވާކަމަށާއި މަސްވެރިކަމުގައި، އެސަރަހައްދަށް ދިވެހި މަސްވެރީން ގޮސްފައިވާ ކަމަށް ފެންނަން އެބައޮތް ކަމަށް ވެސް ވިދާޅުވިއެވެ.

އެހެން ކަމުން އޭނާ ވަނީ ދިވެހި ސަރުކާރުން މިކަމުގައި ދޫދޭ ވިސްނުމެއް ގެންގުޅުއްވަނީ ކީތްވެތޯ ސުވާލު އުފައްދަވާފައެވެ. ދިވެހިރާއްޖޭގެ އެންމެ ތަންފުކެއްވެސް ދޫނުކުރެވޭނޭ ކަމަށާއި ދޫދޭ ވިސްނުމެއްވެސް ނެތް ކަމަށް އޭނާ ވިދާޅުވިއެވެ.

ނާޒިމް ވިދާޅުވީ އެ ސަރަހައްދަކީ މަސްވެރިކަމަށް ރަނގަޅު ސަރަހައްދެއް ކަމަށެވެ. އެ ސަރަހައްދު ދޫކޮށްލައިގެން ތިބެއްޖެނަމަ ކުރިއަށް އޮތް ޖީލުތަކަށް އެކަމުގެ ގެއްލުންވާނެ ކަމަށާއި އެހެން ވެއްޖެ ކަމަށްވާނަމަ މަޖިލީހުގެ ހުރިހާ މެންބަރުން އެކަމުގެ ޒިންމާ އުފުލަންޖެހޭނޭ ކަމަށް އޭނާ ވިދާޅުވިއެވެ.