ސްޓެލްކޯއިން ކަރަންޓުގެ ޚިދުމަތްދޭ ރަށްރަށުގެ ތެރެއިން މާލޭ ސިޓީ ފިޔަވާ އެންމެ ބޮޑު އާމްދަނީއެއް ލިބެނީ ކ. މާފުށީން ކަމަށް އެކުންފުނީގެ މެނޭޖިން ޑިރެކްޓަރ އަހުމަދު ޝަރީފް ވިދާޅުވެއްޖެއެވެ.

ޝަރީފް މިހެން ވިދާޅުވީ މާލެ އަތޮޅުގެ ބައެއް ރަށްރަށުގެ މަގުބައްތި މަރާމާތު ކުރުމާއި ބެލެހެއްޓުމާ ހަވާލުވުމަށް ބޭއްވި ރަސްމިއްޔާތުގައި ވާހަކަ ދައްކަވަމުންނެވެ.

"މިސާލަކަށް ބަލަމާ ހިންގަވާ މިއޮތް ސޮއިކުރާ ރަށްތަކުގެ ތެރެއިން މާލެ ފިޔަވާ އެންމެބޮޑު އާމްދަނީއެއް އަޅުގަނޑުމެންނަށްދޭ ރަށަކީ މާފުށި. އެހެންވީމާ އަޅުގަނޑުމެންގެ ފޯކަސް މާފުށްޓަށް ބޮޑުވާނެ. ވާގޮތަކީ އަޅުގަނޑުމެންނަށް މާފުށިން ލިބޭ އާމްދަނީން ވަރަށްގިނަ ރަށްރަށުން ލިބޭ ގެއްލުމުގެ ސަބްސިޑައިޒްކުރަމުން އަޅުގަނޑުމެން މިދަނީ. އެހެންވީމާ އަޅުގަނޑުމެންގެ ފޯކަސް ހުންނާނެ މާފުށްޓާ ދިމާއަށް. މާފުށީގެ ބޭފުޅުންނަށް ދަންނަވާލާނަން އިރާދަކުރެއްވިއްޔާ އަޅުގަނޑުމެންގެ މިހާރުގެ ޕްލޭންތަކުގެ ތެރޭގައި ރާއްޖޭގެ މިހާތަނަށް ޑިވެލޮޕް ކުރެވޭނޭ އެންމެބޮޑު ސޯލާ ޖެހުމުގެ ޕްލޭން އަޅުގަނޑުމެން މިހާރު ޑިވެލޮޕްކުރަމުން މިދަނީއޭ،" ޝަރީފް ވިދާޅުވިއެވެ.

އޭނާ ވިދާޅުވީ އެކަމުގެ އެންމެފަހުގެ މަޝްވަރާތައް ކުރިއަށްދާނޭ ކަމަށެވެ. އެއީ ސަތޭކަ ފަންސާސް މެގަވޯޓު ފުލޯޓިން ސޯލާ ޖެހުމުގެ ޕްރޮޖެކްޓެއް ކަމަށާއި މާފުށީގައި ދިހަ މެގަވޯޓުގެ ފުލޯޓިން ސޯލާ އަދި ފައިވް މެގަވޯޓުގެ އެނަޖީ މެނޭޖުމެންޓް ސިސްޓަމެއް ގާއިމް ކުރެވިގެންދާނޭ ކަމަށް ޝަރީފް ވިދާޅުވިއެވެ.

ޝަރީފް ވިދާޅުވީ އެއާއެކު ރައްޔިތުންނަށް ކަރަންޓު އަގުހެޔޮ ކޮށްދިނުމަށްޓަކައި ކުރެވެންހުރި ހުރިހާކަމެއް ކުރައްވަމުން ގެންދަވާ ކަމަށެވެ. އެކަމަށް ބޭނުންވާ ދިރާސާތައް ހެދުންފަދަ ކަންކަން މިހާރުވެސް ކުރިއަށްދާ ކަމަށް އޭނާ ވިދާޅުވިއެވެ.

"ކުރިމަގުގައި މި ޚިދުމަތަށް އިރާދަކުރެއްވިއްޔާ ބޮޑެތި ބަދަލްތަކެއް ސްޓެލްކޯގެ ފަރާތުން ގެނެސްދޭނޭ ކަމުގެ ޔަގީންކަން ތިޔަބޭފުޅުންނަށް އަރުވަން،" ޝަރީފް ވިދާޅުވިއެވެ.