މާލެއަތޮޅުގައި ސްޓެލްކޯއިން ކަރަންޓުގެ ޚިދުމަތް ދެމުން ގެންދާ ހުރިހާ ރަށަކަށް ހެން ޒިޔާރަތްކުރިއިރު ވަރަށްރަނގަޅު އެއްބާރުލުމެއް އެރަށްރަށުން ލިބުނު ކަމަށް ސްޓެލްކޯގެ މެނޭޖިން ޑިރެކްޓަރ އަހުމަދު ޝަރީފް ވިދާޅުވެއްޖެއެވެ.

ބައެއް ރަށްރަށުގެ މަގުބައްތިތައް ބެލެހެއްޓުމާ ހަވާލުވުމާ ހަވާލުވުމުގެ ރަސްމިއްޔާތުގައި ވާހަކަ ދައްކަވަމުން އޭނާ ވިދާޅުވީ "އަޅުގަނޑުމެންނާ ޚިޔާލު ތަފާތު ކައުންސިލްތަކުންވެސް ވަރަށްހޫނު މަރުހަބާއެއް ކިޔާފައިވޭ. ރައްޔިތުންނަށް ޚިދުމަތްދިނުމުގައި އަޅުގަނޑަށް ފާހަގަ ކުރެވުނު ޚިޔާލު ތަފާތުވިޔަސް އަޅުގަނޑުމެން ދެބައި މީހުން އެއްމޭޒު ދޮށުގައި ތިބެގެން ކޮމަން މައްސަލައެއްގައި ޑިސްކަސް ކުރެވިދާނޭކަން. އަޅުގަނޑަށް އެއީ ހަމަ އުފާވެރިކަމެއް،" ކަމަށެވެ.

ޝަރީފް ވިދާޅުވީ ސިޔާސީ ގޮތުން ޚިޔާލު ތަފާތު ކައުންސިލްތަކުން ވެސް އެ ކަމަށް އެއްބާރުލުން ދެއްވި ކަމަށެވެ. ޚާއްސަކޮށް އެ ރަސްމިއްޔާތުގައި ޕީޕީއެމަށް ނިސްބަތްވާ ކައުސިލަރުންގެ އެތަނަށް ވަޑައިގެންނެވީ އެބޭފުޅުންގެ "ސިޔާސީ މެޗުއަރިޓީ" ފުރިހަމަވަމުން ކަމަށެވެ. އެއީ ސިޔާސީ ގޮތުން އެބޭފުޅުން ތަސައްރަފް ފުދެމުންދާ ކަމުގެ ހަގީގަތެއް ކަމަށް ވެސް ވިދާޅުވިއެވެ.

"އަޅުގަނޑު އެކަމަށްޓަކައި އަޅުގަނޑާއެކީ މަސައްކަތް ކުރައްވާ އަޅުގަނޑުމެންނާ ޚިޔާލު ތަފާތު ކައުންސިލަރުންނަށް ވަރަށްހޫނު މަރުހަބާއާ ޝުކުރުވެސް ދަންނަވަން. އޭގެ މާނައަކީ އަޅުގަނޑުމެން ސިޔާސީ ފިކުރުގައި ރައްޔިތުންނަށް ޚިދުމަތް ދިނުން ހުއްޓާލާށެކޭނޫން،" ޝަރީފް ވިދާޅުވިއެވެ.

އެ ރަސްމިއްޔާތުގައި ޝަރީފް ވިދާޅުވީ ކުރިން ސޮއިކޮށްފައިހުރި ރަށްތަކުގެ އޮޑިޓެއް މިހާރުވާނީ ހަދާފައި ކަމަށެވެ. އެއިން ވަނީ މަރާމާތު ކުރަންޖެހޭ މަގުބައްތިތަކުގެ އަދަދާއި ހޮޅިދަނޑީގެ އަދަދު ފަދަ ހުރިހާ މައުލޫމާތުތަކެއް ހޯދިފައި ކަމަށް އޭނާ ވިދާޅުވިއެވެ. މިހާރު ކުރިއަށް ދަނީ އެކަމަށް ބޭނުންވާ ސާމާނު ހޯދުމުގެ މަސައްކަތް ކަމަށް ވެސް އޭނާ ވިދާޅުވިއެވެ.

ޝަރީފް ވިދާޅުވީ އެ ރަށްތަކަށް އެ ޚިދުމަތް ދިނުމާ ސްޓެލްކޯއިން ހަވާލުވަނީ ސްޓެލްކޯއިން ކުރާނޭ ކަންތައްތައް މަދުވެގެން ނޫންކަމަށެވެ. "އަޅުގަނޑުމެންނަށް އިހުސާސް ކުރެވޭ ތިޔަރަށްރަށަށް ވިޒިޓްކޮށް ކައުންސިލަރުންނާއި ކައުންސިލްގެ ބޭފުޅުންނާއި އާންމު ރައްޔިތުންނާ ވާހަކަ ދައްކާލީމާ އަޅުގަނޑުމެންނަށް އިހުސާސް ކުރެވޭ ތިޔަ ބޭފުޅުންގެހުރި ލިމިޓޭޝަންސްތައް. ތިޔަ ބޭފުޅުންނަށް ދިމާވާ ޗެލެންޖާސްތައް. ބަޖެޓްރީހުރި އުނދަގޫތައް އިނގޭތޯ. އަދި މިކަންކަންކުރުމުގައި ތިޔަ ބޭފުޅުންގެ ހުރި ޓެކްނިކަލް ނޯހައު ނެތްކަން. އަޅުގަނޑުމެންނަކީ އެކަންކުރުމުގެ ޓެކްނިކަލް ނޯހައު ހުރިބައެއް. ޓެކްނިކަލް ކެޕޭސިޓީ ހުރިބައެއް،" ޝަރީފް ވިދާޅުވިއެވެ.