ފެނަކަ ކޯޕަރޭޝަންގެ މެނޭޖިން ޑައިރެކްޓަރ (އެމްޑީ) އަޙުމަދު ސައީދު މުޙައްމަދު، ވަޓްސްއެޕް ގްރޫޕެއް ހަދައިގެން އެމްޑީޕީގެ މަޖިލީސް މެމްބަރުންނަށް ބިރުދައްކަމުންދާކަމަށް، ރައްޔިތުން މަޖިލީހުގެ މާފަންނު މެދު ދާއިރާގެ މެންބަރު އިބްރާހީމް ރަޝީދު ވިދާޅުވެފައިވާ ކަމަށް ބައެއް ނޫސްތަކުން ރިޕޯޓްކޮށްފައިވާތީ އެއީ އެއްވެސް ހަގީގަތެއްނެތް ދޮގުވާހަކަތަކެއް ކަމަށް ފެނަކައިން ވިދާޅުވެއްޖެއެވެ.

ފެނަކައިން މިއަދު ނެރެފައިވާ ނޫސްބަޔާނެއްގައި ވިދާޅުވެފައިވަނީ "މިއީ އެއްވެސް ޙާލަތެއްގައި އެއްވެސް މިންވަރެއްގެ ހަޤީޤަތެއް އެކުލެވޭ ވާހަކައެއް ނޫނެވެ. ތުހުމަތުކޮށްފައިވާ ވަޓްސްއެޕް ގްރޫޕްއަކީ ވުޖޫދުވެފައިވެސް ނުވާ ގްރޫޕެއް ކަމަށްވާއިރު، މި ކުންފުނީގެ މެނޭޖިންގ ޑިރެކްޓަރގެ ފަރާތުން، އެފަދަ ވަޓްސް އެޕް ގްރޫޕް ނުވަތަ އެ ނޫން އެފަދަ އެހެން ޕްލެޓް ފޯމެއްގައިވެސް، އެއްވެސް އިއްޒަތްތެރި މަޖިލީސް މެމްބަރަކަށް ނުވަތަ އެނޫން ފަރާތަކަށް ވިޔަސް، އެއްވެސް ސިފައެއްގައި ނުފޫޒު ފޯރުވައި ބިރުދައްކައި ހެދުމުގެ ގޮތުން މިހާތަނަށް މުޢާމަލާތެއް ކޮށްފައި ނުވާނެކަމުގެ ފުރިހަމަ ޔަގީންކަން މެނޭޖިން ޑިރެކްޓާރގ ފަރާތުން މި ކުންފުނީގެ މުވައްޒަފުންނަށް ދެއްވާފައިވާތީ، އެކަން ދިވެހި ލޮބުވެތި ރައްޔިތުންނަށް ހިއްސާ ކުރުމުގެ ގޮތުން ދަންނަވަމެވެ."

އެކުންފުނީގެ ބަޔާނުގައި ވިދާޅުވެފައިވަނީ ކުންފުނިން ވަޒީފާ ދިނުމުގައްޔާއި ޕްރޮޖެކްޓްތައް ހިންގުމުގައި އެއްވެސް ސިޔާސީ ނުވަތަ ޒާތީ ނުފޫޒެއް ނުހިމެނޭނެ ކަމުގެ ޔަގީންކަން އަރުވާ ކަމަށެވެ. އެ ކުންފުނީގެ އެންމެހައި މަސައްކަތްތައް ރޭވި ބައްޓަންކުރެވިފައިވަނީ، ރައްޔިތުންނަށް ފޯރުކޮށްދޭންޖެހޭ ޚިދުމަތްތައް ދެމެހެއްޓެނިވި ގޮތަށް ހަމަހަމަކަމާއެކު ފޯރުކޮށްދިނުމަށް އަދުގެ ސަރުކާރުން އެކަށައަޅުއްވާފައިވާ ސިޔާސަތުތަކުގެ މައްޗަށް ހާމަކަން ބޮޑު ދެފުށް ފެންނަ ގޮތަކަށް ކަމަށް ވެސް ވިދާޅުވެފައިވެއެވެ.

"މިފަދަ ހަޤީޤަތެއް ނެތް ވާހަކައެއް ފެތުރުމުގެ ހަމައެކަނި މަޤްޞަދަކީ، މި ކުންފުނީގެ މެނޭޖިން ޑައިރެކްޓަރގެ އަބުރު ނަގާލުމާއި، އާންމުންގެ މެދުގައި މި ކުންފުންޏާއި ދޭތެރޭ އޮންނަ އިތުބާރާއި ކުންފުންޏާއި ދޭތެރޭ ރައްޔިތުން ދެކޭ ތަޞައްވަރު ކިލަނބު ކޮށްލުމުގެ ބޭނުމުގައެވެ. މި ކުންފުނީގެ މެނޭޖިންގ ޑިރެކްޓަރަކީ، މި ކުންފުންޏާއި މެދު ރައްޔިތުންގެ އިތުބާރު ހޯދައި ދެއްވުމުގައި ދެމެހެއްޓެނިވި ގޮތެއްގައި އިޚްލާސްތެރި މަސައްކަތް ކޮށްދެއްވަމުންދާ ފަރާތެއް ކަމަށް ވީހިނދު، އެފަދަ ފަރާތަކާއި މެދު މިފަދަ ހަޤީޤަތެއް އަސާސެއް ނެތް ވާހަކަތައް ފަތުރަމުން ގެންދިޔުމީ ކުންފުންޏާއި މުވައްޒަފުން ކަންބޮޑުވެ ހިތާމަކުރާ ކަމެއް ކަމުގައި ދަންނަވަމެވެ."

އެކުންފުނީން ވިދާޅުވެފައިވަނީ ޚަބަރު ފަތުރާ ފަރާތްތަކުގެ އެންމެ މުހިންމު އަދި އެންމެ އިސްވާޖިބަކަށް ވާންވާނީ ކަމުގެ ތެދު ހަޤީޤަތް ބެލުމަށްފަހު، ތެދު ރައްޔިތުންނަށް ފޯރުކޮށްދިނުން ކަމަށެވެ. އެހެންކަމުން މިފަދަ ހަޤީޤަތެއް ނެތް ދޮގު ޢިލްޒާމުތައް ޚަބަރު ފަތުރާ ވަޞީލަތްތައް މެދުވެރިކޮށް ގެނެސްދޭ އެންމެހާއި ފަރާތްތަކުން ކުރާ މިފަދަ ޒިންމާދާރުކަން ކުޑަ ޢަމަލުތައް ކުށްވެރިކޮށް، ސިޔާސީ މަޤްސަދެއްގައި ނަމަވެސް ހަޤީޤަތެއް ނެތްވާހަކަ ނުފެތުރުމަށް އެކުންފުނީން ވަނީ އިލްތިމާސް ކޮށްފައެވެ.