ހަގީގީ ލޯތްބަކީ އެތައް ކަމެއް ގުރުބާން ކޮށްފައި ވެސް މައިންބަފައިންނާއީ ގާތްތިމާގެ މީހުންނާ އޮންނަ ގުޅުން ބަދަހިކޮށް އެކީގައި އުޅުން ކަމަށް ޒިންބާބުވޭގެ އިލްމުވެރިޔާ މުފްތީ މެންކް ވިދާޅުވެއްޖެއެވެ.

ހުޅުމާލޭގައި ރޭ ބޭއްވި ދަރުސްގައި އޭނާ ވިދާޅުވީ "މާތް ﷲ އިންސާނާއަށް އަންގަވާފައިވަނީ އެކަލާނގެއަށް އަޅުކަންކުރުމާއި، މައިންބަފައިންނަށް ހެޔޮކޮށް ހިތުމާއެކު ގާތްތިމާގެ މީހުންނަށް އަޅާލާ ހެޔޮކޮށް ހިތުމަށްކަމަށް. ހަޤީޤީ ލޯތްބަކީ އެތައް ކަމެއް ޤުރުބާން ކޮށްފައިވެސް އެމީހުންނާއިއެކު އޮންނަ ގުޅުން ބަދަހިކޮށް އެކީގައި އުޅުން،" ކަމަށެވެ. އޭނާ ވިދަޅުވީ ލޯތްބަކީ އެކަކު އަނެކަކަށް ބެހެއްޓޭ ގާތްކަމާއި ކުލުނަށްވާއިރު ހަމަ އެ ލޯތްބަކީ ވޭނަކަށްވެސް ބައެއްފަހަރު ވާކަމުގައި ވިދާޅުވިއެވެ.

މުފްތީ މެންކް ވިދާޅުވީ ދިރިއުޅުމުގައި މައްސަލައެއް ދިމާވާއިރަށް މުޅި ދުނިޔެއަށް އެވާހަކަ އިޢުލާންކޮށް، އާއިލާއި ރައްޓެހިންނާ ހަމައަށް އެވާހަކަތައް ގެންދިއުމުގެ މާނައެއް ނެތްކަމަށެވެ. ދިރިއުޅުމުގައި މައްސަލައެއް ޖެހޭއިރަށް އަނެކަކު ކުށްވެރިނުކޮށް މައްސަލަ ހައްލުކުރުމަށް އެކަކު އަނެކަކަށް މަސައްކަތްކުރަންޖެހެނީ އިހްތިރާމާއެކުކަމަށް ވިދާޅުވިއެވެ. އެއީ ގާތްތިމާގެ މީހުންގެ މެދުގައި ދިމާވި މައްސަލައެއްނަމަވެސް އެ މައްސަލައެއްގެ ދެކޮޅު ހޯދައި، ހައްލުކޮށް އަލުން އެފަދަ މައްސަލައެއް ތަކުރާރުވިޔަ ނުދިނުމަށް އަޒުމްކަނޑައަޅަން އެދިވަޑައިގެންނެވިއެވެ.

ކައިވެނީގައި ދިމާވާ މައްސަލަތަކަކީ އާއިލާއާއި ރައްޓެހިންނާއި ދުނިޔެއަށް އަންގަން ޖެހޭ ކަންކަން ނޫންކަމަށާއި ކަމަކާ ނުލާ ކުރެވޭ އެފަދަ ކަންކަމުގެ ސަބަބުން އިތުރު މައްސަލަތައް ހިލުން ނޫންކަމެއް ނުވާނެކަމަށް ވިދާޅުވިއެވެ. ދެމަފިރިންގެ ދެމެދުގައި އެ މައްސަލައެއް ހައްލުނުކުރެވޭފަދަ ހާލަތަކަށް ހިނގައްޖެނަމަ އާއިލާގެ މަޝްވަރާހޯދާ އެކަމަށް ފިޔަވަޅު އަޅަންޖެހޭކަމަށް ވިދާޅުވިއެވެ. އެހެންނަމަވެސް އެއްވެސްކަހަލަ އަނިޔާވެރިކަމެއް ނުވަތަ ގެވެށިއަނިޔާގައި ތިމާގެ ދަރިފުޅު، އާއިލާގެ މީހަކު ނުވަތަ ގާތްބަޔަކު އުޅޭކަން އެނގޭނަމަ އެކަމުން އެ މީހަކު ސަލާމަތްކުރުމަށް މަސައްކަތްކުރަންޖެހޭކަމަށް ވިދާޅުވިއެވެ. ޚާއްސަކޮށް ތިމާގެ ދަރިއަކު އެފަދަ ހިތްދަތި ދިރިއުޅުމެއްގައި އުޅޭކަން އެނގޭނަމަ އެ ދަރިފުޅު ގެއަށް އައުމަކީ މައްސަލައެއް ނޫންކަން ޚުދު މައިންބަފައިން އެ ދަރިފުޅަށް ވިސްނުވައިދޭންޖެހޭކަމަށް ވިދާޅުވިއެވެ. އެއީ އަނިޔާއަކީ އެއްވެސް ޙާލެއްގައި ބަލައިގަނެވޭނެކަމެއްކަމަށް ނުވާތީކަމަށް ވިދާޅުވިއެވެ.

މުފްތީ މެންކް ވިދާޅުވީ ވަރިވުމަށްފަހު ވަރަށް ގިނައިން ދަރިން އެކަކު އަނެކަކަށް ނުދައްކާ އެފަދައިން ކަންތައް ކުރާތަން މުޖުތަމަޢުތަކުން ފެންނަކަމަށާއި އެހެންނަމަވެސް ދަރިން ހަތިޔާރެއްގެ ގޮތުގައި ބޭނުން ކޮށްގެން ނުވާނެކަމަށް ވިދާޅުވިއެވެ.

އަދި ހަމަ އެހެންމެ ކުދި ކުދި ކަންތަކާ ވަރިކުރުމަށް އިންޒާރު ދިނުމާއި ނޫނީ ވަރިކުރުމާއި، ވަރިއަށް ކިޔުމަކީ ވަރަށް ގިނައިން ކުރެވޭކަމެއްކަން ފާހަގަކުރައްވާ މި ނުބައި އާދައިން ދުލުހެލިވުމަށް ގޮވައިލެއްވިއެވެ.

ދަރިންގެ މުސްތަޤުބަލާއިމެދު ވިސްނާއިރު މައިންބަފައިންނަކީ އެ ދަރިންނަށްޓަކައި ހުރިހާ އުފަލެއްވެސް ޤުރުބާންކުރަން ތިބި ބަޔަކަށްވާއިރު، އާއިލާއިން ނިންމައިގެން ކުރުވާ ކައިވެންޏާއި އެމީހަކު ބޭނުންވެގެން ކުރާ ކައިވެނީގެ ވާހަކަ ވަރަށް ގިނައިން ދެކެވޭކަމަށާއި އާއިލާއިން ނިންމައިގެން ކުރާ ކައިވެނީގައި ކައިވެނިކުރާ ދެމީހުން ކައިވެނި ކުރާ ދުވަހު ފެނުމަކީ ގޯހެއްކަމަށް މުފްތީ ވިދާޅުވިއެވެ. އޭގެ ބަދަލުގައި އާއިލާއިން ދަރިފުޅުގެ ކައިވެންޏަށް ވަކި މީހަކު ކަނޑައަޅާފައިވާނަމަ އެމީހަކު ދަރިފުޅާއި ބައްދަލުކުރުވައި ވާހަކަދައްކުވައި އެދެމީހުން އެކަކު އަނެކަކަށް ހިތްހަމަ ޖެހޭތޯ ބަލަން ޖެހޭނެކަމަށް ވިދާޅުވިއެވެ. އަމިއްލަ ދަރިފުޅު އެފަދަ ކައިވެންޏަކަށް ނޫނެކޭ ބުނެފި ނަމަ އެކުއްޖާ ދެކެ ހިތްހަމަ ނުޖެހި، ރުޅިއައިސްގެން ނޫޅެ، އެކުއްޖާގެ އިހްސާސްތަކަށްވެސް އިޚްތިރާމްކުރުމަށް ވިދާޅުވިއެވެ.

މުފްތީގެ މި ދަރުސްގައިވަނީ ބެލެނެވެރިންނަށް ސުވާލެއްކުރައްވާފައެވެ. އެއީ ތިމާގެ ދަރިފުޅު އޭނާ ހިތްހަމަޖެހޭ ފަދަ މީހެއް ފެނިއްޖެނަމަ މައިންބަފައިން ގާތު އެވާހަކަ ބުނަން ކެރޭނެތޯ މި ސުވާލެވެ.

ޖަވާބުގައި ވިދާޅުވީ މައިންބަފައިން ދަރިންނާއި އޮންނަ ގުޅުން ބަދަހިކޮށް އެކުދިންގެ ވިސްނުމާއި އެއްވަރަށް ތިރިވެ އެކުދިންނަށް ވިސްނުވައިދޭން ޖެހޭ ހާލަތެއްނަމަ އެގޮތަށް ކަންތައްކުރުމަށެވެ. އެހެންކަންތައް ކުރާނަމަ އެކުދިންނަށް ބައިންބަފައިންނާއި މިފަދަ ވާހަކަ ހިއްސާކުރަން އުނދަގުލަކަށް ނުވާނެކަމަށް ވިދާޅުވެ އެކުދިންގެ ރަޢުޔު ބުނުމުން ރުޅިވެރިބަސްތައްބުނެ، އުމުރުގެ އެހިސާބަށް އައިއިރު ކޮށްދިން ކަންތައްތައް ކިޔައި އެކުދިންގެ ހިތް މަރުވާފަދަ ބަސްތައް ނުބުނުމަށް ނަސޭހަތްތެރިވެވަޑައިގެންނެވިއެވެ.

ބައެއް ކުދިން މައިންބަފައިންދެކެ ބިރުން މައިންބަފައިން ބުނާ މީހަކާ ކައިވެނިކުރާއިރު، ބައެއް ފަހަރު އެކުދިން ހިތްހަމަޖެހޭ މީހާއަކީ ފަޤީރު ނިކަމެއްޗަކަށްވާތީ، ނުވަތަ ހަމުގެ ކުލަ ތަފާތު މީހަކަށްވާތީ ނުވަތަ އެމީހާގެ ހުންނަ ނުކުޅެދުންތެރިކަމާއިހުރެ މައިންބަފައިން ހިތް ނުރުހޭ މަންޒަރުވެސް ފެންނަކަމަށާއި އެހެންނަމަވެސް އަމިއްލަ ދަރިފުޅަށް ބޭނުންވަނީ އެކުއްޖާއަށް އަޅާލާ، އިޚްތިރާމްކުރާ ދިރިއުޅުމުގެ ހުރިހާ ކަމެއްގައިވެސް އެންމެ ގާތުގައި ހުންނަ މީހެއް ނޫންތޯ ވަނީ އައްސަވާފައެވެ. ދަރިންނާއި ކައިވެނިކުރަން އަންނަ މީހަކީ ހެޔޮލަފާ، ދީންވެރި ރަނގަޅުމީހެއް ނަމަ އެމީހާގެ ކުލައަށް، ހާލަތަށް، ނޫނީ ހުރި ގޮތަކަށް ބަލަން ނުޖެހޭކަމަށްވެސް ވިދާޅުވިއެވެ.

މައިންބަފައިން ކުޑައިރު ބޭނުން ނުވާ މީހަކާއި ކައިވެނިކުރުވުމުން އެގޮތަށް މުޅި އުމުރު ހޭދަކުރިހެން އަމިއްލަ ދަރިން އެ މަގުން ދިޔަ ނުދިނުމަށް އެދިވަޑައިގެންނެވިއެވެ. އަދި މިހާރު ވަގުތާއި ހާލަތު ބަދަލުވެއްޖެކަމަށާއި އެހެންކަމުން ޒަމާނާއި އެއްގޮތަށް ދަރިންގެ ކަންކަމުގައި އިސްލާމްދީން ބާރުއަޅާފަދައަކުން ކުރިއަށް ދިޔުމަށް އެދިވަޑައިގެންނެވިއެވެ.