ފާއިތުވި އަހަރުތަކުގައި ޕާކިސްތާނާއި ރާއްޖެއާދެމެދު އެކި ދާއިރާތަކުން ގުޅުން ބަދަހިވެފައިވާ ކަމަށް ޕާކިސްތާނުން ރާއްޖެއަށް ކަނޑައަޅާފައި ހުންނަވާ ސަފީރު، އަތާރް މުޚްތާރު ވިދާޅުވެއްޖެއެވެ.

ރައީސް އިބްރާހީމް މުހައްމަދު ސާލިހުގެ އަރިހަށް އިއްޔެ ކުރެއްވި ވަދާއީ ޒިޔާރަތުގައި ވާހަކަ ދައްކަވަމުން އޭނާ ވިދާޅުވީ ފާއިތުވި އަހަރު ތަކުގެ ތެރޭގައި ދެގައުމުގެ ރައްޔިތުންގެ މެދުގައި ސިއްހީ ދާއިރާއިންނާއި، އިގްތިސާދީ ދާއިރާއިންނާއި ފަތުރުވެރިކަމުގެ ދާއިރާއިން ގުޅުން ބަދަހިވެފައިވާ ކަމަށެވެ. އޭގެ އިތުރުން އިތުރުން ވިޔަފާރީގެ ދާއިރާއިން ގުޅުން ބަދަހިކުރުމަށް މިބައްދަލުކުރެއްވުމުގައި ދެބޭފުޅުން މަޝްވަރާކުރެއްވި ކަމަށް ރައީސް އޮފީހުން ވިދާޅުވިއެވެ.

މިބައްދަލުކުރެއްވުމުގައި ރައީސުލްޖުމްހޫރިއްޔާ ވަނީ ޕާކިސްތާނަށް ކުރިމަތިވި ފެންބޮޑުވުމުގެ ހާދިސާގައި އެގައުމަށް ލިބުނު ގެއްލުންތަކުން އަރައިގަތުމަށް ކުރެވެމުންދާ މަސައްކަތްތަކުގެ މައުލޫމާތު ސަފީރު އަރިހުން އޮޅުންފިލުއްވައިފައެވެ. އެ މައުލޫމާތު ރައީސަށް ދެއްވުމަށްފަހު ސަފީރު ވަނީ ދިވެހި ސަރުކާރުން ފާޅުކުރެއްވި އިޚްލާސްތެރި ޝުއޫރުތަކަށާއި ދެއްވި އެހީތެރިކަމަށް ޝުކުރު އަދާކުރައްވާފައި ކަމަށް ވެސް ރައީސް އޮފީހުން ވިދާޅުވިއެވެ.

މި ބައްދަލުކުރެއްވުމުގައި ރައީސުލްޖުމްހޫރިއްޔާ ވަނީ، ޕާކިސްތަނުގެ ސަފީރުގެ މަގާމުގައި ހުންނަވައި، ރާއްޖެއާއި ޕާކިސްތާނުގެ ގުޅުން ބަދަހި ކުރެއްވުމަށް އެމަނިކުފާނު ކުރެއްވި އިޚްލާސްތެރި މަސައްކަތްޕުޅުތައް ފާހަގަކުރައްވައި، އެމަނިކުފާނަށް ތަޢުރީފު ކުރައްވާފައެވެ.

ރައީސުލްޖުމްހޫރިއްޔާއާއި ޕާކިސްތާން ސަފީރުގެ މި ބައްދަލުކުރެއްވުން ނިންމަވާލައްވާފައި ވަނީ، ދެޤައުމުގެ ދެމެދުގައި އޮތް ގާތްގުޅުން ކުރިޔަށް އޮތްތަނުގައި އިތުރަށް ބަދަހިވެގެން ދާނެކަމަށް އުންމީދު ކުރައްވާކަމުގައި ވިދާޅުވަމުންނެވެ.