"ޖަމޫ ސުރުތު އަޔޫ" ބޭނުން ނުކުރުމަށް މޯލްޑިވްސް ފުޑް އެންޑް ޑްރަގް އޮތޯރިޓީ (އެމްއެފްޑީއޭ) އިން އިލްތިމާސްކޮށްފައެވެ. މި ބޭހަކީ ބަރުދަން ލުއިކުރުމަށް ދުނިޔޭގެ އެކި ގައުމުތަކުގައިވސް ބޭނުން ކުރަމުންއަންނަ ބޭހެކެވެ.

އެމްއެފްޑީ ނެރެފައިވާ މީޑިއާ އެލަރޓެއްގައި ބުނެފައިވަނީ އެ ބޭސް ބޭނުން ކުރުން މަނާކުރީ ޑޮކްޓަރީ ބޭސްތައް ކަމަށްވާ ލިކޮޑައިން އާއި ސިބުޓްރަމައިން ހިމެނޭ ކަމަށް ދުނިޔޭގެ ގައުމުތަކުގެ ލެބޯޓްރީ ތަހުލީލުތަކުން ދަައްކާފައިވާތީ ކަމަށެވެ. އެހެންނަމަވެސް ސޯޝަލް މީޑިއާގައި އެބޭސް އިސްތިހާރު ކުރަމުން އަންނަނީ ސަތޭކަ ޕަސެންޓް ގުދުރަތީ މާއްދާތަކުން އުފައްދާފައިވާ ފަތްޕިލާވެލީގެ އުފެއްދުމެއްގެ ގޮތުގައި ކަމަށް ވެސް އެމްއެފްޑީ އިން ބުނެފައިވެއެވެ.

ލިކޮޑައިން އަކީ އައްސި ކުރުމަށް ބޭނުން ކުރާ ބޭހެއް ކަމަށާއި އެ ބޭސް ބޭނުން ކުރުމުން އިންސާނެއްގެ ހަށިގަނޑަށް ކޮށްފާނެ ނުރައްކާތެރި އަސަރުތައް މިހާތަނަށް އަދި އަންދާޒާ ވެސް ކުރެވިފައި ނުވާ ކަމަށް ބުނެފައިވެއެވެ. ސިބުޓްރަމައިންއަކީ އެ ބޭސް ބޭނުން ކުރުމުން ފުރަމޭ ހަލާކުވުމާއި ހާޓްއެޓޭކް ޖެހުމާއި ސްޓްރޯކް ޖެހުން ފަދަ ނުރައްކާތެރި ކަން ހިމެނޭ އެއްޗެއް ކަމަށް އެބަޔާނުގައި ވެއެވެ، އެހެން ކަމުން ގިނަ ގައުމުތަކުގައި އެބޭސް ވަނީ މަނާކޮށްފައި ކަމަށް މީޑިއާ އެލާޓުގައި ބުނެފައިވެއެވެ.

މި ސަބުތަކާހެދިި ޖަމޫ ސުރުތު އަޔޫ ރާއްޖެއަށް އެތެރެކުރުމާއި ވިއްކުމާއި އިޝްތިހާރު ކުރުމަކީ މަނާކަމެއްކަމަށް އެމްއެފްޑީއޭގެ އެލަރޓުގައި ބުނެފައިވެއެވެ. "ވީމާ މި ޕްރޮޑަކްޓް ރާއްޖެއަށް އެތެރެކުރުމާއި، ވިއްކުމާއި، ބޭނުންކުރުމަކީ މަނާކަމެއް ކަމުގައި ދަންނަވަމެވެ. ރައްކާތެރި ކަމުގެ ފިޔަވަޅެއްގެ ގޮތުން އިންޓަރނެޓް އަދި އެނޫންވެސް ގޮތްގޮތުން މިފަދަ އުފެއްދުންތައް ބައްލަވައިގަންނައިރު ފުރިހަމަ މައުލޫމާތު ހޯދުމަށާއި، މިފަދަ "ހެލްްތު ފްރޯޑް" ތަކަށް އާންމު ރައްޔިތުން ސަމާލުވުމަށް ވެސް ދަންނަވަމެވެ."

މިއާބެހޭ އިތުރު މައުލޫމާތު ބޭނުންވާ ކަަމަށްވާނަމަ އެ އޮތޯރިޓީއަށް ގުޅައިގެން މައުލޫމާތު ހޯދުމަށް ވެސް އެލަރޓުގައި ބުނެފައިވެއެވެ.