އައްޑޫ ސިޓީގައި ކުރިއަށް ގެންދިޔަ މަޝްރޫޢުއެއްގައި އިސްލާމްދީނާއި ރާއްޖޭގެ ޤާނޫނުތަކާއި އަދި ގަވާޢިދުތަކާ ޚިލާފަށް އެހެންދީނެއްގެ ޝިޢާރެއް ފާޅުކުރި މައްސަލައެއް ބަލަން ފުލުހުންނަށް ހުށަހަޅައިފި ކަމަށް މިނިސްޓަރ އޮފް އިސްލާމިކް އެފެއާޒް ޑރ. އަޙްމަދު ޒާހިރު ޢަލީ ވިދާޅުވެއްޖެއެވެ. އެމަނިކުފާނު ވަނީ މިކަން ވަރަށްބޮޑަށް ކުށްވެރި ވެސް ކުރައްވައިފައެވެ.

މައުލޫމާތު ލިބިފައިވާ ގޮތުގައި މިއީ އައްޑޫސިޓީ ހިތަދޫ މަގެއްގައި ތާރު އެޅުމުގެ މަސައްކަތް ފެށުމުގެ ކުރިން އިންޑިއާ ބަޔަކު ކުރިކަމެކެވެ. ބައެއް މީހުން ބުނެފައިވަނީ މަގުހަދަން ފަށައިފައިވަނީ ހިންދޫންގެ އަޅުކަމަކަށްފަހު ކަމަށެވެ.

ރާއްޖެއަކީ ސައްތައިންސައްތަ އިސްލާމީ ޤައުމަކަށްވާއިރު ރާއްޖޭގެ ރަށެއްގައި އެހެންދީނެއްގެ ޝިއާރެއް ބޭނުންކޮށްގެން އެއްވެސްކަމެއް ކުރުމަކީ ދިވެހިރާއްޖޭގެ ޤާނޫނު އަސާސީއާއި ޤާނޫނުތަކާއި ގަވާއިދުތަކުން ކަނޑައެޅިގެން މަނާކުރާ ކަމެއް ކަމަށް އިސްލާމިކް މިނިސްޓްރީން ވަނީ ވިދާޅުވެފައެވެ.

ދިވެހި ރައްޔިތުންގެ ދީނީ އެއްބައިވަންތަކަން ޙިމާޔަތްކުރުމުގެ ޤާނޫނުގައި ދިވެހިރާއްޖޭގެ ރައްޔިތުންނަކީ މާތްވެގެންވާ އިސްލާމްދީނުގެ އަހުލުވެރިންކަމަށް ވަނީ ބަޔާން ކޮށްފައެވެ. ދިވެހީންނަކީ އުސޫލެއްގެ ގޮތުން އެއް މަޒުހަބަކަށް ނިސްބަތްވާ އެއް ޤައުމިއްޔަތެއް ޙިއްސާކުރާ ބައެއް ކަމަށް ވެސް އިސްލާމިކް މިނިސްޓްރީން ވަނީ ވިދާޅުވެފައެވެ. އެހެން ކަމުން ދިވެހިންގެ މެދުގައި ޒަމާނުއްސުރެ އޮންނަ ދީނީ އެއްބައިވަންތަކަން ދެމެހެއްޓުމަކީ، ރާއްޖޭގެ މިނިވަންކަމާއި ސިޔާދަތު ރައްކާތެރިކޮށް ރާއްޖޭގެ އަމަންއަމާންކަމާއި ސުލްޙަ މަސްލަހަތު ދެމެހެއްޓުމަށްޓަކައި ކޮންމެހެން ބޭނުންކަމެއްކަމަށް ވެސް އެމިނިސްޓްރީން ވިދާޅުވެފައިވެއެވެ. އެހެން ކަމުން ދިވެހި ރައްޔިތުންގެ ދީނީ އެއްބައިވަންތަކަން ޙިމާޔަތްކުރުމަކީ، ދިވެހި ސަރުކާރާއި ރައްޔިތުންގެ މައްޗަށް ލާޒިމްވެގެންވާ ކަމެއްކަމަށް ވެސް ވިދާޅުވެފައިވެއެވެ.

"މި ޤާނޫނުގެ ދަށުން ހަދާފައިވާ ދިވެހިރައްޔިތުންގެ ދީނީ އެއްބައިވަންތަކަން ޙިމާޔަތްކުރުމުގެ ޤަވާއިދުގެ 9ވަނަ މާއްދާގައި ދިވެހިރާއްޖޭގައި ދިރިއުޅޭ ޣައިރު މުސްލިމުންނާއި، ދިވެހިރާއްޖެއަށް ޒިޔާރަތްކުރާ ޣައިރު މުސްލިމުން ފާޅުކަންބޮޑު ގޮތެއްގައި އެމީހުންގެ ދީނީ ޝިޢާރު ފާޅުކުރުމާއި ޢާންމު ތަންތާނގައި ޖަމާޢަތް ހަދައިގެން އެފަދަ ދީނީ ޙަރަކާތްތައް ހިންގުމާއި، އެމީހުންގެ އެފަދަ އެއްވެސް ޙަރަކާތެއްގައި ދިވެއްސަކު ބައިވެރިކުރުމަކީ މަނާކަމެކެވެ."

ރާއްޖޭގައި ތަފާތު މަޝްރޫޢުތައް ކުރިއަށްގެންދާއިރު، ރާއްޖެއިން ބޭރުގެ ފަރާތްތައް މިފަދަ މަޝްރޫއުތައް ހިންގުމުގައި ހަރަކާތްތެރިވާތީ ރާއްޖޭގެ ޤާނޫނުތަކާއި ޤަވާއިދުތަކަށް އެފަރާތްތައް އަހުލުވެރިކުރުވުމަށް ކަމާގުޅުންހުރި ފަރާތްތަކަށް މިނިސްޓަރ ވަނީ ގޮވާލައްވާފައި ކަމަށް ވެސް އިސްލާމިކް މިނިސްޓްރީން ވިދާޅުވެފައިވެއެވެ.