އެމްއާރުއެމްގެ ސްލޮޓެއްްގައި މިނިސްޓްރީ އޮފް ޓްރާންސްޕޯޓް އެންޑް ސިވިލް އޭވިއޭޝަންގެ ޑެޕިއުޓީ މިނިސްޓަރުގެ މަގާމުގައި ހުންނެވި ޝިމާޛް ޢަލީ ގެ މައްޗަށް ތުހުމަތު ކުރައްވާ ކަންތައްތަކަކީ ކަންބޮޑުވާ ބާވަތުގެ ކަންތައްތަކެއް ކަމަށް އެމްއާރުއެމް އިން ބުނެފިއެވެ.

އެޕާޓީން ބުނެފައިވަނީ އެޕާޓީއަކީ ކޮރަޕްޝަނާ ދެކޮޅަށް ވަކާލާތުކޮށް ކޮރަޕްޝަން ހުއްޓުވުމަށް އަބަދުވެސް މަސައްކަތް ކުރަމުން ގެންދާ ޕާޓީއެއް ކަމަށެވެ. އެހެންނަމަވެސް، އެފަދަ މައްސަލަތައް ތަހުގީގުކޮށް ބެލުމަށް ހެދިފައިވާ މުއައްސަސާތަކުން ފުރިހަމަ ތަހުޤީޤެއް ހިންގުމަށްފަހު މެނުވީ ޝިމާޛުގެ މައްސަލާގައި ގޮތެއް ނިންމުމަކީ ރަނގަޅު ގޮތެއް ނޫން ކަމަށް ވެސް ބުނެފައިވެއެވެ.

"ހަމަ އެހެންމެ، ތުހުމަތު ކުރެވިފައިވާ ފަދަ ބޮޑެތި ކަންތައްތައް މިސަރުކާރުގެ ވުޒާރާއެއްގައި ހިނގަމުންދާކަމަށް ތުހުމަތު ކުރެވުމަކީ މިޕާޓީއިން ވަރަށް ކަންބޮޑުވާ ކަމެކެވެ. މިފަދަ ކަންކަން ކުރަމުންދާ ކަމަށްވާނަމަ، އެކަންކަން ކުރަމުން އައިސްފައިވަނީ ކިހާ ދުވަހަކަށް އަދި ކިހާ ބައެއްގެ ބައިވެރިވުމާ އެކުގައިކަންވެސް ހާމަވާނީ ކަމާބެހޭ ފަރާތަތްތަކުން ކުރެވޭ ފުރިހަމަ ތަހުޤީޤަކަށްފަހުކަމަށް މިޕާޓީން ގަބޫލު ކުރަމެވެ." އެމްއާރުއެމްއިން ބުނެފައިިވެއެވެ.

ޝިމާޛް ޢަލީ އަކީ އެމްއާރުއެމްގެ ސްލޮޓެއްގައި މަޤާމުގައި ހުންނެވި ބޭފުޅަކަށްވާތީ ޕާޓީގެ އެތެރޭގެ އުސޫލުތަކާ އެއްގޮތްވާ ގޮތުގެ މަތިން، މި ތުހުމަތު ތަކާ ގުޅޭގޮތުތުން އިތުރު މަޢުލޫމާތު ސާފުކޮށް ޖަވާބުދާރީވުމުގެ ފުރުސަތު ޝިމާޛަށް ދިނުމަށްފަހު ޕާޓީން ގޮތެއް ނިންމާނެ ކަމަށް ވެސް ބުނެފައިވެއެވެ.

ޝިމާޛަށް ކޮށްފައިވާ ތުހުމަތު ތަކުގެ ތެރޭގައި ގަވާއިދާ ޚިލާފަށް ވެހިކަލް ރަޖިސްޓްރީކޮށްދިނުމާއި، މިނިސްޓްރީގެ ސިޔާސީ ބޭފުޅުންގެ އަބުރު ކަތިލުން ފަދަ ކަންކަން ހިމެނެއެވެ. އެހެން ކަމުން އޭނާ މަގާމުން ވަކިކޮށްދިނުމަށް މިނިސްޓަރ އައިޝަތު ނަހުލާ ވަނީ އެދިވަޑައިގެންފައެވެ. މީގެ ކުރިންވެސް ޝިމާޛުގެ މައްޗަށް މިފަދަ ތުހުމަތުތަކެއް ވަނީ ކޮށްފައެވެ.