މިއަހަރުގެ ޔޫއެންޑޭ ދުވަސް މާދަމާ ފާހަގަކުރަން ހަމެޖެހިފައިވާ ކަމަށް ރާއްޖޭގައި ހުންނަ އދ.ގެ އޮފީހުން ބުނެފިއެވެ.

މި ދުވަސް ފާހަގަ ކުރުމަށް ބާއްވާ ހަރަކާތްތައް އޮންނާނީ މާދަމާ ހަވީރު 4:30 އިން ރޭގަނޑު 7:00 އަށެވެ. ހަރަކާތްތައް ކުރިއަށްދާނީ ދަރުބާރުގޭ ރަންނަބަނޑޭރި މާލަމުގައެވެ. އ.ދ. އާއި އެމްބަސީތަކާއި/ ހައިކޮމިޝަންތަކުން ދިވެހިރާއްޖޭގައި ކުރަމުންދާ ކަންކަމާ ބެހޭ ގޮތުން އިތުރު މަޢުލޫމާތު އެ ހަރަކާތުން ލިބިގެންދާނެއެވެ.

މާދަމާ ފާހަގަ ކުރަނީ 77 ވަނަ އެކުވެރި ދައުލަތްތަކުގެ ދުވަސް (ޔޫ.އެން. ޑޭ) ދުވަހެވެ. މިއީ މިނިސްޓްރީ އޮފް ފޮރިން އެފެއާޒްގެ އިތުރުން، ދިވެހިރާއްޖޭގައި ހުންނަ ބަންގްލަދޭޝް، ޗައިނާ، އިންޑިއާ، ޖަޕާން، ދިވެހިރާއްޖެ، ޕާކިސްތާން، ސަޢޫދީ ޢަރަބިއްޔާ، ސްރީލަންކާ އަދި އިނގިރޭސިވިލާތުގެ އެމްބަސީ/ ހައިކޮމިޝަންތައް އަދި ދިވެހިރާއްޖޭގައި ހުންނަ އ.ދ.ގެ އެޖެންސީތައް ކަމަށްވާ އެފް.އޭ.އޯ.، އައި.އޯ.އެމް.، އައިކާއޯ، ޔޫ.އެން.ޑީ.ޕީ.، ޔޫ.އެން.އެފް.ޕީ.އޭ.، ޔުނިސެފް، ޔޫ.އެން.އޯ.ޑީ.ސީ.، ޔޫ.އެން.އޯ.ޕީ.އެސް. އަދި ޑަބްލިއު.އެޗް.އޯ. ގުޅިގެން ބާއްވާ ހަރަކާތެކެވެ.

އާންމުންނަށް ބާއްވާ މި ހަރަކާތުގައި ގައުމުތަކުގެ ސަގާފަތާއި ސިންދަފާތުކަން އަދި އ.ދ.ގެ މަސައްކަތްތައް ދައްކުވައިދޭ 16 ސްޓޯލެއް ހިމެނިފައި ވެއެވެ. އަދި ކުޑަކުދިންނަށް މަޖާ ޙަރަކާތްތަކާއި މަޢުލޫމާތާއި ހަދިޔާ ދިނުން އޮންނާނެއެވެ.

އ.ދ. ދުވަސް، 24 އޮކްޓޫބަރު، ފާހަގަކުރަނީ 1945 ވަނަ އަހަރު އެކުވެރި ދައުލަތްތަކުގެ ޗާޓަރަށް އަމަލުކުރަން ފެށި ދުވަހާ ގުޅުވައިގެންނެވެ. 31 އޮކްޓޯބަރ 1947 ގައި އ.ދ.ގެ އާންމު މަޖިލީހުގެ ގަރާރު (168 ((II)) މެދުވެރިކޮށް ކަނޑައަޅާފައި ވަނީ، މިދުވަސް ޚާއްސަކުރާނީ އެ ޖަމްއިއްޔާގެ ލަނޑުދަނޑިތަކާއި ކާމިޔާބީތަކަށް ހޭލުންތެރިކަން އިތުރުކޮށް، އެޖަމްއިއްޔާގެ މަސައްކަތްތަކަށް އެއްބާރުލުން ހޯދުމަށް ކަމަށެވެ.

އ.ދ.އިން އަމާޒުތައް ކަނޑައަޅާފައިވަނީ، ބައިނަލްއަގްވާމީ ސުލްޙައާއި ސަލާމަތާއި ރައްކާތެރިކަން ދެމެހެއްޓުމާއި، އިންސާނީ ޙައްގުތައް ކުރިއަރުވައި ހިމާޔަތްކުރުމަށެވެ. އޭގެ އިތުރުން ކާރިސާތަކުގެ ސަބަބުން ދިމާވާ ކުއްލި ނުރައްކަލުގެ ޙާލަތްތަކުގައި ގައުމީ އިދާރާތަކުން އެހީތެރިކަން ފޯރުކޮށްދިނުމުގެ ގާބިލުކަން ނެތް ޙާލަތްތަކާއި ސަރަހައްދުތަކުގައި އިންސާނީ އެހީތެރިކަން ފޯރުކޮށްދިނުމަށެވެ. އަދި ދެމެހެއްޓެނިވި ތަރައްގީއާއި މޫސުމީ ފިޔަވަޅުތަކަށް އެއްބާރުލުން ދިނުމާއި، ބައިނަލްއަގުވާމީ ގާނޫނުތައް ދެމެހެއްޓުމާއި، ގައުމީ އިންތަކުން ބޭރުގައި ހިމެނޭ (ޢާލަމީ) މައްސަލަތައް ހައްލު ކުރުމަށް މަސައްކަތްކުރާ ބައިނަލްއަގްވާމީ އެންމެ އިސް ފޯރަމަކީ ވެސް އދ. އެވެ. މީގެ އިތުރުން، މި ދާއިރާތަކުން ބައިނަލްއަގްވާމީ ހޭލުންތެރިކަން އިތުރުކޮށް ފިޔަވަޅުއެޅުމަށް ބާރުއެޅުމާއި، އަދި ތާރީޚީގޮތުން މުހިންމު ހާދިސާތަކުގެ މުނާސަބަތުތައްވެސް އ.ދ. އިން ފާހަގަކުރެއެވެ.