އިޖްތިމާޢީ ޚިދުމަތް ދިނުމުގެ ދާއިރާގައި މަސައްކަތްކުރައްވާ އެކިއެކި އިދާރާތަކުގެ ފަރާތްތަކަށް ޚާއްސަކުރެވިގެން ޓީ.އޯ.ޓީ ތަމްރީން ޕްރޮގްރާމެއް ހިންގައިފި ކަމަށް ޖެންޑަރ މިނިސްޓްރީން ވިދާޅުވެއްޖެއެވެ. މިއީ ދިވެހިރާއްޖޭގެ ހުރިހާ މުޖުތަމަޢުއެއްގައި ގާއިމު ކުރަމުންދާ އިޖްތިމާޢީ ބަދަހި މަދަދުވެރިން (އިބަމަ) މެންބަރުން ތަމްރީނު ކުރާނޭ ފެސިލިޓޭޓަރުން ތައްޔާރުކުރުމަށް ހިންގި ޕްރޮގްރާމެކެވެ.

މިފަަހަރުގެ ޕްރޮގްރާމް ހިންގާފައިވަނީ ކ. ތުލުސްދޫގައެވެ. ޕްރޮގްރާމް ކުރިއަށް ގެންދިޔައޯ ނޮވެންބަރު 1 އިން 2 އަށެވެ. މި ޕްރޮގްރާމުގައި 30 މީހަކު ބައިވެރިވިއެވެ. މި ޕްރޮގްރާމުގައި މިނިސްޓްރީ އޮފް ޖެންޑަރ، ފެމިލީ އެންޑް ސޯޝަލް ސަރވިސަސްގެ އިސްވެރިންނާއި މުވައްޒަފުންގެ އިތުރުން ޔުނިސެފް، ޑިޕާޓްމަންޓް އޮފް ޖުވެނައިލް ޖަސްޓިސް، މިނިސްޓްރީ އޮފް ހެލްތު އަދި ދިވެހި ފުލުހުންގެ ޚިދުމަތުގެ މުވައްޒަފުން ހިމެނެއެވެ.

މި ތަމްރީނު ޕްރޮގްރާމް ނިންމުމުގެ ރަސްމިއްޔާތު ޝަރަފުވެރިކޮށްދެއްވައި، މިނިސްޓަރ އޮފް ޖެންޑަރ، ފެމިލީ އެންޑް ސޯޝަލް ސަރވިސަސް ޢާއިޝަތު މުޙައްމަދުދީދީ ދެއްކެވި ވާހަކަފުޅުގައި ވަނީ އިބަމަ މެންބަރުން ގުޅިގެން ކުރާ މަސައްކަތުގެ ނަތީޖާއަށް ބައްލަވާލައްވައިފައެވެ. އެ ކަމަނާ ވިދާޅުވީ މުޢައްސަސާތަކުގެ ދައުރުގެ އިތުރުން އިބަމަ މެންބަރުން އިޖުތިމާޢީ ޚިދުމަތް ދިނުމަށް ކުރައްވާ މަސައްކަތް ފާހަގަކުރައްވާ ކަމަށެވެ.

މީގެ އިތުރުން، ކ.ތުލުސްދޫއަށް ކުރެއްވި މިދަތުރުފުޅުގައި ކ.ތުލުސްދޫ ރަށު ކައުންސިލްއާއި އަންހެނުންގެ ތަރައްޤީއަށް މަސައްކަތްކުރާ ކޮމިޓީގެ މެންބަރުންނާއި މިނިސްޓަރ ޢާއިޝަތު މުޙައްމަދުދީދީ ބައްދަލުކުރައްވާ ކ. އެފް.ސީ.އެސް.ސީ އަލުން ޤާއިމުކުރެއްވުމަށްޓަކައި މިނިސްޓްރީއިން ގެންގުޅުއްވާ ތަސައްވަރު ކައުންސިލްގެ މެންބަރުންނާއި ހިއްސާކުރެއްވިއެވެ.