ރާއްޖޭގެ އިޤްތިޞާދީ ކަނޑުގެ ސަރަހައްދުގައި މަސްވެރިކަން ކުރަމުންދިޔަ ބޭރުގެ މަސް ބޯޓެއް ކޯސްޓްގާޑުގެ ބެލުމުގެ ދަށަށް އިއްޔެ ގެނެސްފިއެވެ.

އެ ބޯޓު އަތުލައިގެންފައިވަނީ ކ. ދިއްފުށީގެ އިރުން 35 ނޯޓިކަލް މޭލު ބޭރުންނެވެ. އެ މަސްބޯޓު އެ ސަރަހައްދުގައި ހަރަކާތްތެރިވަމުން ދާކަމުގެ މަޢުލޫމާތު އެމްއެންޑީއެފް ކޯސްޓްގާޑަށް ދީފައިވަނީ "އަސަރީ" ނަމަކަށް ކިޔާ ދޯންޏަކުންނެވެ. އެ މަޢުލޫމާތު ލިބުމާއެކު، އެމްއެންޑީއެފް މާލޭ އޭރިއާ ކޯސްޓްގާޑު ސެކްނަޑް ސްކޮޑްރަންގެ "އެފްއައިސީ ހަކުރާ" އެ ސަރަޙައްދަށް ގޮސް، އެ މަސްބޯޓު ހޯދުމަށްފަހު، އެމްއެންޑީއެފް ކޯސްޓްގާޑުގެ ބެލުމުގެ ދަށަށް އިއްޔެ 17:25 އެހައިކަންހާއިރު ވަނީ ގެނެސްފައެވެ.

މިހާރު ކޯސްޓްގާޑުގެ ބެލުމުގެ ދަށުން މި މަސްބޯޓު މާލެ ގެނައުމަށް އަންނަނީ މަސައްކަތް ކުރަމުންނެވެ. މި މައުލޫމާތު ދީ ބޯޓު ހޯދުމަށް އެމްއެންޑީއެފަށް އެއްބާރުލުން ދިނީތީ "އަސަރީ" ދޯނީގެ ކެޕްޓަނާއި ފަޅުވެރީންނަށް އެމްއެންޑީއެފުން ވަނީ ޝުކުރު އަދާކޮށްފައެވެ. ދިވެހި މަސްވެރީންގެ ފަރާތުން އެމްއެންޑީއެފް ކޯސްޓްގާޑަށް އަބަދުވެސް މިފަދަ އެހީތެރިކަން ލިބޭ ކަމަށް އެމްއެންޑީއެފުން ވިދާޅުވިއެވެ.

މި ބޯޓު މިހާރު ވަނީ މީހުންނާއެކު ފުލުހުންނާ ހަވާލުކޮށްފައި ކަމަށް އެމްއެންޑީއެފުން ވިދާޅުވިއެވެ.