ކޮވިޑްގެ ބަލިމަޑު ކަމުގެ ތެރޭގައި އެމްއެންޑީއެފްގެ މެޑިކަލް ކޯރ ވަނީ އާންމުންގެ ލޯތްބާއި މަގުބޫލުކަން ހޯދައިފައި ކަމަށް ޗީފް އޮފް ޑިފެންސް ފޯސް މޭޖަރ ޖެނެރަލް ޢަބްދުﷲ ޝަމާލް ވިދާޅުވެއްޖެއެވެ.

ޗީފް އޮފް ޑިފެންސް ފޯސް މޭޖަރ ޖެނެރަލް ޢަބްދުﷲ ޝަމާލް މިފަދައިން ވިދާޅުވީ، އެމްއެންޑީއެފް މެޑިކަލް ކޯރގެ ޚިދުމަތަށް 30 އަހަރު ފުރުން ފާހަގަކުރުމުގެ ގޮތުން ނޮވެންބަރު 27 ވަނަ ދުވަހުގެރޭ ކަޅުތުއްކަލާކޮށީގައި ބޭއްވި ޚާއްޞަ ރަސްމިއްޔާތުގައި ދެއްކެވި ވާހަކައިގައެވެ.

"ކޮވިޑް-19 ގެ ބަލިމަޑުކަމުގައި، އާލަމީ ވަބާގެ ތެރޭގައި، އަޅުގަނޑުމެންނަށް ފެނިގެން ދިޔައީ، މި މެޑިކަލް ކޯރ ފިޔަޖަހަމުން، ހިތްވަރާއެކު ރާއްޖޭގެ ހުރިހާ ގިންތިއެއްގައި ހިމެނޭ ރައްޔިތުންނަށް ޚިދުމަތް ފޯރުކޮށްދެމުން، މަޤުބޫލުކަން ހޯދައިގެން ދިޔަތަން. އެންމެ އިސްކޮށް އެންމެ ވަރުގަދަކޮށް މަސައްކަތް ކުރަމުންދިޔަ މެޑިކަލް ކޯރގެ ތެރޭގައި މެޑިކަލް ކޭމްޕުތަކާއި، ފްލޫ ކުލިނިކުތަކާއި، މީހުން އުފުލުމާއި މީހުން ބޭލުމާއި، އެތައް ކަމެއް އެންމެ ފްރަންޓުލައިންގައި ކުރަމުން ގޮސް، މިއަދު އާދައިގެ ހާލަތަށް އައުމަށް ޓަކައި އެންމެ މުހިންމު ދައުރެއް އަދާކުރި ބަޔަކީ ފަޚުރުވެރި މެޑިކަލް ކޯރ." ޗީފް އޮފް ޑިފެންސް ފޯސް ވިދާޅުވިއެވެ.

ޝަމާލް ވިދާޅުވީ ކޮވިޑް-19 ގެ ބަލިމަޑުކަމުގެ އިތުރުން ވެސް، ރަށްރަށުގައި މެޑިކަލް ކޭމްޕުތައް ބޭއްވުން ފަދަ ކަންކަން މެޑިކަލްކޯރ އިން ކޮށްފައިވާ ކަމަށެވެ. ދާދި ފަހުން ވެސް ސެނަހިޔާގެ ޓީމެއް ރަށްރަށަށް ޒިޔާރަތްކޮށް، އެ ރަށްތަކުގެ ރައްޔިތުންގެ ލޯބި ހޯދާފައިވާކަމަށް ޗީފް ވިދާޅުވިއެވެ.

މެޑިކަލް ކޯރގެ ތަޞައްވުރާ ބެހޭގޮތުން ޗީފް އޮފް ޑިފެންސް ފޯސް ވިދާޅުވީ، ސެނަހިޔާގެ މުސްތަޤްބަލު ފެންނަމުން ދަނީ އުޖާލާކޮށް ކަމަށެވެ. މެޑިކަލްގެ ހުރިހާ ދާއިރާއަކުން މީހުން ގުޅި، އެ ޚިދުމަތް ފުޅާކުރެވިގެން ދިޔުމަކީ މިއަދުގެ ލީޑަރޝިޕްގެ ސްޓްރެޓެޖިކް ވިޝަނެއް ކަމަށް ވެސް އޭނާވިދާޅުވިއެވެ.

"މެޑިކަލް ކޯރގެ ރިކުއަރމެންޓާއި، ބޭނުން ވަރަށް ވެސް ބޮޑު. މިއަދު މިއޮތީ ސެނަހިޔާގައި ޖާގަ ކުޑަވެގެން ސެނަހިޔާއިން އަވަހަށް ނުކުމެ، ކޮންމެސް އެހެން ގޮތެއް ހޯދަން ޖެހިފައި. މިހާރު ވެސް އަޅުގަނޑުމެން ބަލަމުން މިދަނީ ދައުލަތުގެ އިމާރާތެއް ލިބޭތޯ މިހާރު ސެނަހިޔާގައި ދެމެންދާ ޚިދުމަތްތައް ދެވޭނޭވަރުގެ. އަދި ހަމައެއާއެކު ބޮޑު ހޮސްޕިޓަލެއް ހެދުމަށް ޓަކައި ވެސް ވަރަށް ގިނަ ސްޓަޑީތައް ހެދި، ސެނަހިޔާގެ މުސްތަގުބަލަށް ޓަކައި އަޅުގަނޑުމެން މި ގެންދަނީ އޭގެ މަލްޓި ސްޕެޝަލިޓީ ޓްރޯމާ، އިމަޖަންސީއަށް ރެސްޕޯންސް ކުރެވޭނެވަރުގެ ހޮސްޕިޓަލެއްގެ މަސައްކަތްތަކެއްގެ ސްޓަޑީ ކުރަމުން." މެޑިކަލް ކޯރގެ ތަޞައްވުރާ ބެހޭގޮތުން ވާހަކަފުޅު ދައްކަވަމުން ޗީފް އޮފް ޑިފެންސް ފޯސް ވިދާޅުވިއެވެ.

ޝަމާލް ވިދާޅުވީ ސަރުކާރުގެ ސިޔާސަތުތަކާ އެއްގޮތަށް ރައްޔިތުންނަށް ޚިދުމަތް ފޯރުކޮށްދިނުމުގައި، ހަރުދަނާކަމާ އެކު އެންމެ ގާތުން ޚިދުމަތް ފޯރުކޮށްދޭ، އަދި އެންމެ މުހިންމު ދައުރެއް އަދާކުރާ ރިޒޯސަސް މަދު އެހެން ނަމަވެސް ރިޒޯސްފުލް ކޯރއަކީ އެމްއެންޑީއެފްގެ 7 ކޯރ ތެރެއިން މެޑިކަލް ކޯރ ކަމަށެވެ.

ޗީފް އޮފް ޑިފެންސް ފޯސް ވިދާޅުވީ، 1991 ވަނަ އަހަރު އެ ކޯރގެ ޚިދުމަތްތައް ފެށުނީ، ޔުނިޓެއްގެ ދަށުން އާންމު ޑޮކްޓަރެއްގެ އެހީތެރިކަމާއެކު ކުޑަކުޑަ ކުލިނިކެއް ގޮތުގައި ކަމަށެވެ. އެހެންނަމަވެސް، މިއަދާ ހަމައަށް އައިއިރު، ފިސާރި ވަރުގަދަ ކޯރއަކަށް އެ ކޯރ ވެގެން ގޮސްފައިވާ ކަމުގައި ވެސް ވިދާޅުވިއެވެ.