ދުނިޔޭގެ ތިމާވެށީގެ މައްސަލަތައް ޙައްލުހޯދުމަށް ކުރެވޭ މަސައްކަތުގައި ރާއްޖޭގެ ފުރިހަމަ އެއްބާރުލުން ލިބިގެންދާނެކަމުގައި ރައީސުލްޖުމްހޫރިއްޔާގެ ނާއިބު، ފައިޞަލް ނަސީމް ވިދާޅުވެއްޖެއެވެ.

އެމަނިކުފާނު މިހެން ވިދާޅުވީ ސައުތު އޭޝިއަން ނައިޓްރޮޖެން ހަބް (އެސް.އޭ.އެން.އެޗް.)ގެ ބައްދަލުވުން ފެށުމުގެ ގޮތުން މިއަދު ޤައުމީ ޔުނިވަރސިޓީގައި ބޭއްވި ރަސްމިއްޔާތު ޝަރަފުވެރިކޮށްދެއްވައި ވާހަކަފުޅުދައްކަވަމުންނެވެ.

މި ބައްދަލުވުމާ ބެހޭ ގޮތުުން ނާއިބު ރައީސް ވިދާޅުވީ ނައިޓްރޮޖެން މެނޭޖްކުރުމުގެ ކަންކަން ޢިލްމީ އަދި ދިރާސާގެ މައްޗަށް ބިނާކޮށްގެން ކުރިޔަށްގެންދިއުމަށް މަގުފަހިވެގެންދާނެ ބައްދަލުވުމެއްކަމަށެވެ. އޭގެ އިތުރުން ގައުމީ ޔުނިވަރސިޓީ (އެމްއެންޔޫ) އިން އިސްނަގައިގެން ކަމާބެހޭ ފަރާތްތަކާ ގުޅިގެން ރާއްޖޭގައި މި ޕްރޮގްރާމް ކުރިއަށް ގެންދަވާތީ އެކަމަށް އެމަނިކުފާނު ތައުރީފް ކުރެއްވިއެވެ.

ތިމާވެށްޓަށް ކުރާ ނޭދެވޭ އަސަރުތަކުގެ ސަބަބުން ރާއްޖޭގެ އިގްތިސާދަށާއި ސިނާއަތްކަށާއި ވިޔަފާރިތަކަށާއި، ފަރުދުންގެ ސިއްހަތާއި މުޅި މުޖުތަމައުގެ ދުޅަހެޔޮކަމަށްވެސް ނުރައްކާ ކުރިމަތިވަމުން އަންނަ ކަމަށް އެމަނިކުފާނު ވިދާޅުވިއެވެ. ދުޅަހެޔޮ ދުނިޔެއެއް ބިނާކުރުމަށްޓަކައި، އެކި ދާއިރާތަކުން ނައިޓްރޮޖެން މަދުކުރުމުގެ ސިޔާސަތުތައް އެކުލަވާލާއިރު އޭގައި ނައިޓްރޮޖެން މަދުކުރުމުގެ އަމާޒުތައް ކަނޑައެޅުމާއި ނައިޓްރޮޖެންގެ ހާލަތު އޮތްގޮތް ދެނެގަތުމާއި މި ޕްލޭންތައް ހަރުދަނާގޮތެއްގައި ތަންފީޒުކުރުން މުހިންމުކަމަށް ވެސް ވިދާޅުވިއެވެ.

ނާއިބު ރައީސް ވިދާޅުވީ ދެކުނު އޭޝިއާގެ އާބާދީ މިހާރު 2 ބިލިޔަނަށްވުރެ މައްޗަށް އަރަމުންދާ ކަމަށެވެ. އެހެން ކަމުން 2050 ވަނައަހަރާ ހަމައަށް އަންނަ އިރު މި ޢަދަދު ދެގުނަ ވެގެންދާނޭ ކަމަށް ވިދާޅުވިއެވެ.

މި ސަރަހައްދުގައި ދަނޑުވެރިކަމުގެ ތެރޭގައި ބޭނުންކުރާ ނައިޓްރޮޖެންއާއެކު 2050 ވަނަ އަހަރާހަމައަށް ދާއިރު ދުނިޔޭގައި އެންމެގިނައިން ނައިޓްރޮޖެން ބޭނުންކުރާ ސަރަޙައްދަކަށް ވެސް މި ސަރަޙައްދު ވެގެންދާނެކަމަށް އެމަނިކުފާނު ވިދާޅުވިއެވެ. މިކަމުގެ ސަބަބުން މި ސަރަޙައްދުގައި ކާބޯތަކެތީގެ ރައްކާތެރިކަމާއި، ތިމާވެށްޓާއި، ތަރައްގީގެ ކަންކަމުގައިވެސް ކަންބޮޑުވުންތަކާ ކުރިމަތިލާން ޖެހޭނެކަމަށް ވިދާޅުވިއެވެ.

މި ބައްދަލުވުމުގައި އިނގިރޭސިވިލާތާއި ދެކުނު އޭޝިއާގެ އަށް ގައުމެއްގެ މަންދޫބުން ބައިވެރިވެވަޑައިގަންނަވަ އެވެ. އެއީ އިންޑިއާ، ޕާކިސްތާން، ބަންގްލަދޭޝް، އަފްޣާނިސްތާން، ނޭޕާލް، ބޫޓާން، ސްރީލަންކާ އަދި ދިވެހިރާއްޖެއެވެ.