އަންނަ އަހަރަށް ލަފާކޮށް ސަރުކާރުން ރައްޔިތުންގެ މަޖިލީހަށް ހުށަހެޅި ބެޖެޓަށް އިސްލާހު ގެނައުމަށްފަހު މިއަދު ފާސްކޮށްފިއެވެ. ރައްޔިތުންގެ މަޖިލީހުން މިއަދު ފާސްކޮސްފައިވަނީ 42.8 ބިލިއަން ރުފިޔާގެ ބަޖެޓެކެވެ. ބަޖެޓު ފާސްކޮށްފައިވަނީ ސަޕްލިމެންޓްރީ ބަޖެޓާއެކުގައެވެ. އެބަޖެޓަކީ 5.8 ބިލިއަން ރުފިޔާގެ ބަޖެޓެކެވެ.

ސަރުކާރުން ރައްޔިތުންގެ މަޖިލީހަށް ފޮނުވީ 42.7 ބިލިއަން ރުފިޔާގެ ބިޔަ ބަޖެޓެކެވެ. އެހެނަސް ބަޖެޓު ދިރާސާކުރާ ކޮމިޓީން ގެނައި އިސްލާހު ތަކަށްފަހު މަޖިލީހުން މިއަދު ފާސްކޮށްފައިވަނީ 42.8 ބިލިއަން ރުފިޔާގެ ބަޖެޓެކެވެ. ކޮމިޓީން ގެނައި އިސްލާހަކީ 160 މިލިއަން ރުފިޔާ އިތުރު ކުރުމެވެ.

ބަޖެޓު ފާސްކުރި ޖަލްސާއިން މި ބަޖެޓު ފާސްކޮށްފައިވަނީ ވޯޓުގައި ބައިވެރިވި މެމްބަރުންގެ ތެރެއިން 61 މެމްބަރުންގެ ތާއިދާއެކުގައެވެ. ވޯޓުގައި ބައިވެރިވެފައިވަނީ 69 މެމްބަރުންނެވެ. ބަޖެޓު ފާސްކުރަން ނުފެންނަ ކަމަށް ވޯޓު ދެއްވީ 8 މެމްބަރެކެވެ.

އަންނަ އަހަރަށް މިއަދު ފާާސްކުރި ދައުލަތުގެ ބަޖެޓަށް ޖުމްލަ އާމްދަނީއާއި ހިލޭ އެހީގެ ގޮތުގައި 32.1 ބިލިއަން ރުފިޔާ ލިބޭނެ ކަމަށް ސަރުކާރުން ވަނީ ލަފާކޮށްފައެވެ. އޭގެ ތެރޭގައި ޓެކްސްގެ ފައިސާ ބޮޑު ހިއްސާއެއް އަދާކުރާނެއެވެ. އެގޮތުން ރައްޔިތުންގެ މަޖިލީހުން ޖީއެސްޓީ ނަގާ މިންވަރު ބޮޑު ކުރުމުން 3.7 ބިލިއަން ރުފިޔާ އިތުރުވާނޭ ކަމަށް ލަފާކޮށްފައިވެއެވެ. އަދި 23.5 ބިލިއަން ރުފިޔާ ޓެކްސްގެ ގޮތުގައި ލިބޭނޭ ކަމަށް ލަފާކޮށްފައި ވެއެވެ. އެހެނިހެން މާދަނީގެ ގޮތުލުގައި ލިބޭނޭ ކަމަށް ލަފާކޮށްފައިވަނީ 6.4 ބިލިއަން ރުފިޔާއެވެ.

މިއަދު ބަޖެޓަށް ވޯޓަށް އެހުމުގެ މަރުހަލާގައިވެސް ވަނީ 16 އިސްލާހެއް ހުށަހަޅައިފަައެވެ. އެހެންނަމަވެސް އެއްވެސް އިސްލާހެއް މަޖިލީހުން ބަލައިގަނެފައެއް ނުވެއެވެ.

މިއަދުގެ ވޯޓުގައި އެމްޑީޕީގެ ބައެއް މެމްބަރުން ބައިވެރިވެފައި ނުވާތީ އެޕާޓީގެ ކުރީގެ ޗެއާޕާސަން މޫސާ މަނިކު (ރީކޯ) ވަނީ އެކަމަށް ފާޑުވިދާޅުވެފައެވެ. މޫސާ އެކަމަށް ފާޑުވިދާޅުވެ ކުރައްވާފައިވާ ޓުވީޓެއްގައި ވިދާޅުވެެފައިވަނީ އާނއެކޭ ނުވަތަ ނޫނެކޭ ބުނަންވެސް ވޯޓުގައި ބައިވެރިވާން ޖެހޭނޭ ކަމަށެވެ. ބަޖެޓަށް ވޯޓުނުދީ ފިލައިގެން އުޅުމަކީ އެމްޑީޕީގެ ސިފައެއް ނޫންކަމަށް ވެސް މޫސަ ވިދާޅުވިއެވެ.