"ގެވެށި ގުޅުން" ކެމްޕެއިންގެ ދަށުން މިނިސްޓްރީ އޮފް ޖެންޑަރ، ފެމިލީ އެންޑް ސޯޝަލް ސަރވިސަސްގެ ފަރާތުން ތައްޔާރުކޮށްފައިވާ "ސާސްތުރަ" މަޖައްލާގެ އޯޑިއޯ ވަރޝަން، ކުޑަކުދިންގެ ވާހަކަ ފޮތް ސީރީޒް އަދި ވީޑިއޯ ލަވަ އިފްތިތާހް ކޮށްފިއެވެ.

މި އުފެއްދުންތައް އިފްތިތާހް ކޮށްދެއްވީ ރައީސުލްޖުމްހޫރިއްޔާގެ ނާއިބު ފައިސަލް ނަސީމެވެ.

މި ރަސްމިއްޔާތުގައި ފައިސަލް ނަސީމްގެ އިތުރުން، މިނިސްޓަރ އޮފް ޖެންޑަރ، ފެމިލީ އެންޑް ސޯޝަލް ސަރވިސަސް ޢާއިޝަތު މުޙައްމަދުދީދީއާއި، މިނިސްޓަރ އޮފް އެޑިއުކޭޝަން ޑރ. ޢާއިޝަތު ޢަލީ އާއި، މިނިސްޓަރ އޮފް އާޓްސް، ކަލްޗަރ އެންޑް ހެރިޓޭޖް ޔުމްނާ މައުމޫނާއި، ރައްޔިތުންގެ މަޖިލީހުގެ ހިއުމަން ރައިޓްސް އެންޑް ޖެންޑަރ ކޮމިޓީގެ މުގައްރިރު ޖީހާން މަޙުމޫދު ބައިވެރިވެ ވަޑައިގެންފައިވެއެވެ.

މިއަދު އިފްތިތާހް ކުރި މަޖައްލާގެ އޯޑިއޯ ވަރޝަންއަކީ 2022 ފެބުރުވަރީ 22 ވަނަ ދުވަހު ޝާއިޢުކުރި "ސާސްތުރަ" މަޖައްލާގެ އޯޑިއޯ ވަރޝަން ކަމަށް ޖެންޑަރ މިނިސްޓްރީން ވިދާޅުވެފައިވެއެވެ.

ކުޑަކުދިންގެ ވާހަކަ ފޮތް ސީރީޒްއަކީ 6 އަހަރުން މަތީގެ ކުޑަކުދިންނަށް ޚާއްސަކޮށްގެން ތައްޔާރުކޮށްފައިވާ ސީރީޒެކެވެ. މި ސީރީޒްގައި ޖުމްލަ 6 ފޮތް ހިމެނެއެވެ. މި ވާހަކަފޮތް ސީރީޒްއަކީ ރާއްޖޭގެ ހުރިހާ ސްކޫލްތަކަށް އެސްކޫލެއްގެ އާބަދީގެ ނިސްބަތުން ހަދިޔާކުރުމަށް ހަމަޖެހިފައިވާ ފޮތްތަކެއް ކަމަށް ވެސް ޖެންޑަރ މިނިސްޓްރީން ވިދާޅުވެފައިވެއެވެ. މިއަދު އިފްތިތާހުކުރި ވީޑިއޯ ލަވައަކީ އާއިލީ ގުޅުން ބަދަހި ކުރުމުގެ މުހިންމުކަމާއި ގުޅޭގޮތުން ތައްޔާރުކޮށްފައިވާ ލަވައެކެވެ.

މިނިސްޓްރީގެ ފަރާތުން ކުރިއަށްގެންދާ "ގެވެށި ގުޅުން" ކެމްޕެއިންގެ ދަށުން މިހާތަނަށް ގިނަ ޙަރަކާތްތަކެއް ރާއްޖޭގެ އެކި ހިސާބުތަކުގައި ވަނީ ކުރިއަށް ގެންގޮސްފައެވެ.