ފަލަސްތީނުގެ ރައްޔިތުންނަށް ލިބެންވާ ހައްގުތައް ހޯދައި ދިނުމުގައި ދިވެހިރާއްޖެ، އަބަދުވެސް ފަލަސްތީނާއެކު އޮންނާނެ ކަމަށް ރައީސުލްޖުމްހޫރިއްޔާ އިބްރާހީމް މުޙައްމަދު ސާލިހު ވިދާޅުވެއްޖެއެވެ. އެމަނިކުފާނު މިހެން ވިދާޅުވީ ފަލަސްތީނުގެ ރައްޔިތުންނާއެކު އެއްބައިވަންތަކަން ހާމަކުރުމުގެ ބައިނަލްއަގްވާމީ ދުވަހުގެ މުނާސަބަތުގައި ފަލަސްތީނުގެ ރައީސް މަޙްމޫދު ޢައްބާސަށް ފޮނުއްވި މެސެޖުގައެވެ.

ރައީސުލްޖުމްހޫރިއްޔާގެ މެސެޖުގައި ވިދާޅުވެފައިވަނީ ފަލަސްތީނުގެ ރައްޔިތުންނަށް ސުލްހަވެރިކަމާއި ތަނަވަސްކަމާއި އަބުރުވެރި ދިރިއުޅުމެއް ލިބެންޖެހޭ ކަމަށެވެ. އެހެން ކަމުން ފަލަސްނުގައި ތިބި މުސްލިމް އަޚުންނާއި އުޚުތުންނާއެކު އަބަދުވެސް ރާއްޖެ އޮންނާނޭ ކަމަށް ވިދާޅުވެފައިވެއެވެ. އެމަނިކުފާނު ވަނީ ދުވަހުގެ މުނާސަބަތުގައި އެގައުމުގެ ރައްޔިތުންނާ، ސަރުކާރު، އަމިއްލަ އިޚްތިޔާރުގެ ހައްގު ހޯދުމަށް ކުރާ މަސައްކަތުގައި، ދިވެހި ރައްޔިތުންނާއި، ދިވެހި ސަރުކާރު އަބަދުވެސް އެއްބާރުލުން ދޭނެކަމުގެ ޔަޤީންކަން ދެއްވާފައެވެ.

މި މެސެޖުގައި ރައީސް ވިދާޅުވެފައިވަނީ ފަލަސްތީނުގެ މައްސަލައިގައި ސުލްހަ ގާއިމުކުރުމަށްޓަކައި ބައިނަލްއަގްވާމީ ގޮތުން ގަބޫލުކުރެވޭ ދެ ދައުލަތުގެ ދެމެދު އޮންނަންޖެހޭނެ ޙައްލަކީ، ދެމެހެއްޓެނިވި އަދި ދިގު މުއްދަތުގެ ޙައްލެއްކަމަށް ޤަބޫލުފުޅުކުރައްވާ ކަމަށެވެ. އެމަނިކުފާނު ވަނީ، މިކަމަށްޓަކައި، 1967 ވަނަ އަހަރުގެ ކުރިން އޮތް ބޯޑަރުތަކުގެ މައްޗަށް ބިނާކޮށް، އިރުމަތީ ގުދުސްއަކީ ފަލަސްތީނުގެ ވެރިރަށެއްގެ ގޮތުގައި ކަނޑައަޅައި، އެގައުމަކީ ސިޔާދަތީ އަދި މިނިވަން ދައުލަތެއްގެ ގޮތުގައި ގާއިމުކުރުމަށް ގޮވާލައްވާފައެވެ. އެމަނިކުފާނު ވަނީ ބައިނަލްއަގްވާމީ ގޮތުން ގަބޫލުކުރެވޭ މި އިންތިޒާމާ ޚިލާފަށް އެކަން އެއްފަރާތްކޮށް އަޅާ ފިޔަވަޅުތަކަކީ ޣައިރު ޤާނޫނީ ފިޔަވަޅުތަކެއްގެ ގޮތުގައި ފާހަގަކުރައްވާފައެވެ.

ފަލަސްޠީނުގެ ރައްޔިތުންގެ ހާލަތާއި ހައްގުތަކަކީ ބައިނަލްއަގުވާމީ ގޮތުން އިސްކަންދޭ ކަމެއްގެ ގޮތުގައި ރާއްޖެއިން ދެކޭ ކަމަށް ވެސް ރައީސް ވިދާޅުވެފައިވެއެވެ. އެމަނިކުފާނު ވަނީ މިކަމުގެ އަލީގައި، މިރާއްޖެއިން ބައިނަލްއަޤްވާމީ މުޖުތަމަޢުގެ މެންބަރެއްގެ ހައިސިއްޔަތުން، ފަލަސްތީނަށް ފުރިހަމަ ދައުލަތެއްގެ ދަރަޖަ ހޯދުމަށް ވަރަށް ބޮޑަށް ވަކާލާތުކޮށް، އެގައުމުގެ ރައްޔިތުންގެ އަސާސީ ހައްގުތައް ފުރިހަމައަށް ލިބިގަތުމާއި، ހިމާޔަތްކުރުމުގައި ބައިނަލްއަގްވާމީ މުޖުތަމައަށް އަދާކުރަންޖެހޭ މަސްއޫލިއްޔަތު ހަނދާންކޮށްދެމުން ގެންދާނެކަން ކަމަށް ވިދާޅުވެފައެވެ.