ދިވެހިރާއްޖެގެ ކުރީގެ އިންފޮމޭޝަން މިނިސްޓަރ އިބްރާހިމް މަނިކް (ސަމަރުބްލޫ) އަވަހާރަވެއްޖެއެވެ. އޭނާ އަވަހާރަވީ ވަރަށް ގިނަ ދުވަހު އަލާސްކަންފުޅާ އުޅުއްވުމަށްފަހު އިންޑިޔާގެ ހޮސްޕިޓަލެއްގައި މިއަދު ހެނދުނުގެ ވަގުތެއްގައި ކަމަށް އެނގިފައިވެއެވެ.

އިބްރާހީމް މަނިކަކީ ރާއްޖެގެ ބްރޯޑްކާސްޓިން ދާއިރާގައި ވަރަށް ގިނަ ދުވަހު މަސައްކަތް ކުރައްވައި ގިނަގުނަ ޚިދުމަތްތަކެއް ކުރައްވާފައިވާ ބޭފުޅެކެވެ. އޭނާ ވަނީ ރާއްޖޭގެ ބްރޯޑްކާސްޓިން ދާއިރާއަށް މީހުން ބިނާކުރުމުގައި ގިނަ މަސައްކަތްތަކެއް ކުރައްވައިފައެވެ.

އޭނާ ވަނީ ބްރޯޑްކާސްޓިން ދާއިރާއިން ލައިފް ޓައިމް އެޗީވާސް އެވޯޑުވެސް ހާސިލް ކުރައްވައިފައެެެވެ.

އޭނާއަކީ ދިވެހިރާއްޖޭގެ އަޑުގެ ޑެޕިއުޓީ ޑިރެކްޓަރ ކަމާއި ޑިރެކްޓަރ ކަމާއި ދައުލަތުގެ ޓީވީއާއި ރޭޑިއޯގެ އެންމެ އިސްވެރިޔާ ކަމުގެ މަގާމު ވެސް އަދާ ކުރައްވައިފައިވާ ބޭފުޅެކެވެ. އޭގެ އިތުރުން ސަރުކާރުގެ އެކި ވުޒާރާތަކުގެ ވަޒީރުކަން ވެސް އޭނާ ވަނީ ކުރައްވައިފައެވެ. އޭގެ ތެރޭގައި މިނިސްޓަރ އޮފް އިންފޮމޭޝަން، އާޓްސް އެންޑް ކަލްޗަރ ގެ މަގާމާއި މިނިސްޓަރ އޮފް ޔޫތު އެންޑް ސްޕޯޓްސްގެ މަގާމް ވެސް ހިމެނެއެވެ. އޭގެ އިތުރުން ވެސް އެތައް މަގާމެއް އޭނާ ވަނީ އަދާ ކުރައްވައިފައެވެ. އޭގެތެރޭގައި ރައްޔިތުންގެ މަޖިލީހުގެ މެމްބަރުކަން ވެސް ހިމެނެއެވެ.