މަސްވެރިކަމަށް ނުކުމެ އުޅުނު މަސް ދޯންޏެއްގައި ހުރި ފަޅުވެރިޔެއްގެ ހާލުދެރަވެގެން، އެމްއެންޑީއެފް ކޯސްޓްގާޑުން އެހީތެރިކަން ފޯރުކޮށްދީފިއެވެ. އެއީ އުމުރުން 34 އަހަރުގެ މީހެއްކަމަށް އެމްއެންޑީއެފް އިން ވިދާޅުވިއެވެ. އެމްއެންޑީއެފް ވިދާޅުވީ "އަލިރާސްތާ-1" ނަމަކަށް ކިޔާ މަސް ދޯންޏަށް އެހީތެރިކަން ފޯރުކޮށްދީފައިވަނީ، އެމްއެންޑީއެފް މާލޭ އޭރިއާ ކޯސްޓްގާޑު ސެކަންޑް ސްކޮޑްރަންއިން ކަމަށެވެ.

މި ކަމުގެ މަޢުލޫމާތު، އެމްއެންޑީއެފް ކޯސްޓްގާޑު މެރިޓައިމް ރެސްކިޔު ކޯޑިނޭޝަން ސެންޓަރަށް ލިބިވައިވަނީ މިއަދު ހެނދުނު 07:56 ހާއިރުކަމަށް އެމްއެންޑީއެފް ވިދާޅުވިއެވެ. ހާދިސާގެ މަޢުލޫމާތު ލިބުމާއެކު އެމްއެންޑީއެފް މާލޭ އޭރިއާ ކޯސްޓްގާޑު ސެކަންޑް ސްކޮޑްރަންގެ "އެފްއައިސީ ހަކުރާ"، އެ ދޯނި އޮތް ސަރަހައްދަށް ގޮސް، އެހީތެރިކަން ވަނީ ފޯރުކޮށްދީފައެވެ.

މާލޭގެ އިރުން 66 ނޯޓިކަލް މޭލު ބޭރުން އެ ދޯނި މަސްވެރިކަން ކުރަމުން ދަނިކޮށް، ހާލު ދެރަވި މީހާ ވަނީ މިއަދު 12:35 ހާއިރު އައިޖީއެމް ހޮސްޕިޓަލަށް ގެންގޮސްދީފައެވެ.