ރާއްޖޭގެ ކަނޑުގެ ސަހަރަހައްދުން މަސްވެރިކަން ކުރަމުންދިޔަ ބޭރުގެ ތިން މަސް ބޯޓެއް އެމްއެންޑީއެފުން އަތުލައިގެންފިއެވެ. އަތުލައިގެންފައިވަނީ އަވަށްޓެރި ސްރީލަންކާގެ ތިން ބޯޓު ކަމަށް އެމްއެންޑީއެފުން ވިދާޅުވިއެވެ. މި ބޯޓުފަހަރު އަތުލައިގަތީ އެމްއެންޑީއެފް ކޯސްޓުގާޑު ޝިޕް ޣާޒީ އެވެ.

"ދިވެހިރާއްޖޭގެ ކަނޑުގެ ސަރަހައްދުގައި ޤާނޫނާ ޚިލާފަށް މަސްވެރިކަން ކުރަމުންދިޔަ ސްރީލަންކާގެ 3 މަސްބޯޓެއް އެމްއެންޑީއެފް ކޯސްޓްގާޑް ޝިޕް ޣާޒީގެ ބެލުމުގެ ދަށަށް ގެނެސްފި،" އެމްއެންޑީއެފުން ވިދާޅުވެފައިވެއެވެ.

މި ބޯޓުފަހަރު އަތުލައިގަތީ ކޮން ސަރަހައްދަކުން ކަމެއް އެމްއެމްޑީއެފުން ހާމައެއް ނުކުރެއެވެ. އަދި އެ ބޯޓުފަހަރުގައި ތިބި މީހުންގެ އަދަދާއި އޭގައި މަސްހުރިތޯ ނުވަތަ ނޫންތޯ ވެސް އެމްއެންޑީއެފުން ހާމަ ކޮށްފައެއް ނުވެއެވެ. ރާއްޖޭގެ ސަަހަރަހައްދުން މިގޮތަށް ބޯޓު ފަހަރު އަތުލުމަށްފަހު ތަހުގީގު ކުރުމަށް ހަވާލު ކުރަނީ ފުލުހުންނާއެވެ.