މަނާ ތަކެތި ޖަލަށް ވައްދާ ވާހަކައަކީ އައު ވާހަކައެއް ނޫނެވެ. ސެކިޔުރިޓީ ގާޑުންނާ ގުޅިގެންނާއި ޖަލު އޮފިސަރުންނާ ގުޅިގެން ވެސް މިފަދަ އަމަލުތައް ހިނގާ ކަމަށް އެނގިފައިވެއެވެ. މިފަދަ މައްސަަލައެއްގައި ވަރަށްފަހުން ވަނީ ކަރެކްޝަންގެ އޮފިސަރަކު ވެސް ވަޒީފާއިން ސަސްޕެންޑް ކޮށްފައެވެ.

މިފަހަރު މިއޮތީ އައު ވާހަކައެކެވެ. އައު ގޮތަކަށް ޖަލަށް އެފަދަ ސާމާނު ވައްދަން މަސައްކަތްކޮށްފައެވެ. ކޮމިޝަނަރ އޮފް ޕްރިޒަންސް އަހުމަދު މުހައްމަދު ކުރެއްވި ޓުވީޓެއްގައި ވިދާޅުވެފައިވަނީ ބަންދު މީހަކު ކޯޓު އަޑުއެހުމަށް ގެންދިއުމަށްފަހު އަނބުރާ ޖަލަށް ގެނައިއިރު، އޭނާ މީހަކާ ބައްދަލުކުރި ކަމަށެވެ. ބަންދުގައިހުރި މީހާއި އޭނާ ބައްދަލުކުރި މީހާ ދެމީހުން ފައިވާން ބަދަލު ކުރިކަމަށް ވެސް އެޓުވީޓުގައި ވިދާޅުވެފައިވެއެވެ. އެ ފައިވާނުގެ ދަށްފުށް ކަފާލާ ފޯނާއި، ސިމްކާޑުގެ އިތުރުން ޗާޖަރެއް ރަށްކާކޮށް ޖަލަށް ވައްދަން މަސައްކަތް ކޮށްފައިވާ ކަަމަށް ވިދާޅުވެފައިވެއެވެ. އެހެންނަމަވެސް އެކަން ކާމިޔާބު ވުމުގެ ކުރިން ވަނީ އަތުލައިގެންފައެވެ.

"ބަންދު މީހަކު ކޯޓު އަޑުއެހުމަށް ގެންދިއުމަށްފަހު އަނބުރާ ޖަލަށް ގެނައިއިރު، އޭނާ ބައްދަލުކުރި މީހަކާ ވަނީ ފައިވާން ބަދަލުކޮށްފައި. އެ ފައިވާނުގެ ދަށްފުށް ކަފާލާ ފޯނާއި، ސިމްކާޑުގެ އިތުރުން ޗާޖަރެއް ރަށްކާކޮށް ޖަލަށް ވައްދަން މަސައްކަތްކުރަނިކޮށް ވަނީ އަތުލާގަނެވިފައި،" އެ ޓުވީޓުގައި ވިދާޅުވެފައިވެއެވެ. ހީވެސް ނުކުރާ މިފަދަ ގޮތަކަށް މިދަނީ ޖަލަށް މަނާތަކެތި ވެއްދުމަށް މަސައްކަތް ކުރަމުންނެެވެ. އެހެން ކަމުން އެމީހުން އެފަދަ ރޭވުންތައް ހުއްޓުވަން ކުރަންޖެހޭ ހުރިހާކަމެއް ކުރަން އެބަޖެހެއެވެ.

މިމީހާއާ މެދު އަމަލުކުރި ގޮތެއް ސީޕީ އަހުމަދު މުހައްމަދު ވިދާޅުވެފައެއް ނުވެއެވެ.