ގއ. އަތޮޅުހޮސްޕިޓަލްގެ އާ އިމާރާތުގެ ބިންގާ ވަރަށް އަވަހަށް އަޅާނެ ކަމަށާއި، އަދި އެ ތަން އިމާރާތް ކުރުމުގެ މަސައްކަތް ވެސް ވަރަށް އަވަހަށް ފަށާނެ ކަމަށް މިނިސްޓަރ އޮފް ހެލްތު އަޙްމަދު ނަސީމް ވިދާޅުވެއްޖެ އެވެ. ހެލްތު މިނިސްޓަރ މި ކަން ހާމަކުރައްވާފައިވަނީ، އެއިޑްސްއާއި ޖިންސީ ގުޅުމުން ފެތުރޭ ބަލިތައް ކޮންޓްރޯލް ކުރުމުގެ ކެމްޕޭން އިފްތިތާޙް ކުރުމަށް މި އަދު ހަވީރު ގއ. ވިލިނގިލީ ޒުވާނުންގެ މަރްކަޒުގައި ބޭއްވި ޢާންމު ބައްދަލުވުމުގަ އެވެ.

ގއ. ވިލިނގިލީގައި ހުންނަ، ގއ. އަތޮޅުހޮސްޕިޓަލް މިހާރު ހިންގާ އިމާރާތަކީ، ހޮސްޕިޓަލަކުން ދޭ ޚިދްމަތްތައް ދިނުމަށް އެކަށީގެންވާ މިންވަރަށްވުރެ ޖާގައިގެ ގޮތުން ދަތި، އަދި ދާއިމީ ގޮތެއްގައި މަރާމާތުކޮށް ބަލަހައްޓަންޖެހިފައިވާ އިމާރާތެކެވެ. އެ ހޮސްޕިޓަލުގެ އޮޕަރޭޝަން ތިއޭޓަރާއި، މެޓަރނިޓީ ވޯޑާއި، ނަރުހުންގެ ޖަގަހައާއި، ބޭސްއަޅާ ކޮޓަރިއާއި، ދަތުގެ ފަރުވާއާއި ފިޒިއޮތެރަޕީގެ ޚިދްމަތް ފަދަ މުހިންމު ބައެއް ޚިދްމަތްތައް ދެމުން ގެންދަނީ އެ ހޮސްޕިޓަލް ޞިއްޙީ މަރްކަޒެއްގެ ގޮތުގައި ހިންގަމުން ގެންދިޔައިރު ބޭނުންކުރި އިމާރާތެއްގަ އެވެ. އަދި ޕަބްލިކް ހެލްތު ޔުނިޓް ވެސް ހިންގަމުން ގެންދަނީ ބާ އިމާރާތެއްގަ އެވެ.

ކޮވިޑް – 19 އާ ގުޅިގެން އެ ހޮސްޕިޓަލުން ދޭންޖެހުނު ޚިދްމަތްތައް ދިނުމަށްޓަކައި ހޮސްޕިޓަލުގައި އިތުރު ޖާގައެއް ހެދިކަމުގައި ވިޔަސް ވަކިން ބައިތިއްބައިގެން ބަލިމީހުންނަށް ފަރުވާ ދޭން ޖެހުނު ވަގުތު، (އިމާރާތުގެ ޑިޒައިން ހުރި ގޮތުން) ހޮސްޕިޓަލުގެ މެޑިކަލް ފަރުވާތަކަށް ބޭނުންވާ ޖާގަ އެ އިމާރާތުން ލިބެން ނެތިގެން ހޮސްޕިޓަލްގެ އޮފީސްބަޔާއި ޕަބްލިކް ހެލްތު ޔުނިޓް އަމިއްލަ މީހެއްގެ އިމާރާތަކަށް ބަދަލުކޮށްގެން ވެސް މަސައްކަތް ކުރަން ޖެހުނެވެ.

މި ފާހަގުކުރި ކަންތައްތަކަކީ އެ ހޮސްޕިޓަލުން ޚިދްމަތް ހޯދުމަށް އަންނަ ރައްޔިތުންނަށް ނުހަނު ދަތިވާ ކަންތައްތަކެއް ކަމަށް ވުމާއެކު، ހޮސްޕިޓަލްގެ އާ އިމާރާތެއް އަޅައިދިނުމަށް ރައްޔިތުންގެ ފަރާތުން ސަރުކާރަށް ހުށަހަޅާތާ ވަރަށް ގިނަ ދުވަސް ވެއްޖެ ކަމަށް ޚަބަރު ލިބިފައި ވެއެވެ. އަދި އެ މައްސަލަ ޙައްލު ކުރުމަށްޓަކައި ހޮސްޕިޓަލްގެ އިމާރާތެއް އަޅައިދިނުމަށް ސަރުކާރުން ވެސް ވަނީ ނިންމަވާފައިވާ ކަމަށް ވެސް އެނގިފައި ވެއެވެ. އެހެން ނަމަވެސް އެ މަސައްކަތް އަދިވެސް ވަނީ ނުފެށި އެވެ.

ރައްޔިތުން އެ ކަމަށް އެދިއެދި ތިބުމާއި، އަދި ސަރުކާރުން ވެސް އެ ކަން ކުރެއްވުމަށް ނިންމަވާފައިވާތާ އެތަކެއް ދުވަސް ފާއިތުވެ ދާއިރު ވެސް އެ ކަން ޢަމަލީ ގޮތުން ނުފެށި ލަސްވެފައި އޮތީ ހޮސްޕިޓަލް އިމާރާތް ކުރާނެ ބިމަކާމެދު ރަށާ ގުޅުންހުރި ސިޔާސީ ފަރާތްތަކުން އެއްބަސްވުމަކަށް ނައިސްގެން ކަމަށް ބައެއް ފަރާތްތަކުން ބުނެ އެވެ. ނަމަވެސް މިހާރު ވަނީ، ހޮސްޕިޓަލް އަޅާނޭ ތަނެއް ޢައްޔަން ކުރެވި އެ ބިމުގެ ރަޖިސްޓަރީ ވެސް ހަދައި ހެލްތު މިނިސްޓްރީއަށް ފޮނުވާފައި ކަމަށް މަޢުލޫމާތު ލިބިފައި ވެއެވެ. ބިން ހަމަޖެހުނު ތާރީޚާއި، ހޮސްޕިޓަލްތައް އިމާރާތް ކުރުމާބެހޭ ގޮތުން ހެލްތު މިނިސްޓްރީން ޢާންމު ކޮށްފައިވާ ޚަބަރުތަކާ، ތާރީޚުތަކުން އަޅައި ބަލާއިރު، ބިމުގެ މައްސަލަ ހައްލު ނުވެ އޮއްވައި، ސަރުކާރުން ހޮސްޕިޓަލްތައް އިމާރާތް ކުރުމަށް ބޭރުގެ ފަރާތްތަކުން ހޯދި ފަންޑުތައް އެހެން އަތޮޅުތަކުގެ ހޮސްޕިޓަލް އިމާރާތް ކުރުމަށް ދީ އެ ތަންތަން ބިޑްކޮށް ބައެއް ތަންތަން އިމާރާތް ކުރުމަށް ކޮންޓްރެކްޓަރުންނާ ވަނީ ޙަވާލު ވެސް ކޮށްފަ އެވެ.

ގއ. އަތޮޅުހޮސްޕިޓަލް އިމާރާތުގެ މަސައްކަތަށް ފަންޑް ދިނުމަށް ޝައުޤުވެރިވާ ކަމަށް ހުށަހެޅި ފަރާތުން ދާދި ފަހުން ވިލިނގިއްޔަށް އައިސް ކައުންސިލާ ބައްދަލުކޮށް އެ ކަމަށް ކަނޑައަޅާފައިވާ ބިން ބެލުމަށްފަހު އެނބުރި ގޮސްފައިވާ ކަމަށާއި، ފަންޑް ހަމަޖެއްސުމުގެ މަސައްކަތް ވެސް އެ ފަރާތުން ކުރިޔަށް އެބަ ގެންދާކަމުގެ މަޢުލޫމާތު ވަނީ ލިބިފައެވެ.