ހދ. ނޮޅިވަރަމުގައި ޒުވާން އަންހެނަކު މަރުވެފައި އޮއްވައި މިއަދު ފެނިއްޖެއެވެ. ފުލުހުން ވިދާޅުވީ އަންހެނަކު މަރާލައިފައިވާ ކަމަށް ފުލުހަށް މިއަދު ރިޕޯޓު ކޮށްފައިވާ ކަމަށެވެ. އެ މައުލޫމާތު ލިބުމާއެކު އެސަރަހައްދަށް ދިޔައިރު ހޭނެތިފައި އޮތް އަންހެނަކު އޮތްކަމަށާއި އެއީ އުމުރުން 28 އަހަރުގެ އަންހެނެއް ކަމަށް ވެސް ވިދާޅުވިއެވެ.

އެމީހާ ގޮވައިގެން އެރަށު ސިއްހީމަރުކަޒަށް ގެންދިޔައިރުވެސް ވަނީ ނިޔާވެފައި ކަމަށް ޑޮކްޓަރުންނާ ހަވާލާދީ ފުލުހުން ވިދާޅުވިއެވެ.

އެރަށު ކައުންސިލުން މީޑިއާއަށް މައުލޫމާތު ދެއްވާފައިވާ ގޮތުގައި އެމަރާ ގުޅިގެން ޝައްކުކުރެވޭ ގިނަކަންތައްތަކެއް ހުރިކަމަށް މައުލޫމާތު ލިބިފައިވާ ކަމަށެވެ. މިއަދު ހެނދުނުވެސް އޭނާހުރީ ހެޔޮ ހާލުގައި ކަމަށް މައުލޫމާތު ލިބިފައިވާ ކަމަށް ވެސް ކައުންސިލުން ބުނެފައިވެއެވެ.

އެ އަންހެން މީހާގެ މަރާމެދު އެ އާއިލާއިން ޝައްކު ކުރަނީ އޭނާގެ ފިރިމީހާގެ މައްޗަށް ކަމަށް ކައުންސިލުން މީޑިއާގައި ބުނެފައިވެއެވެ. އެމީހާ މިހާރުވަނީ އެރަށުން ފިލާފައި ކަމަށް ވެސް ބުނެފައިވެއެވެ.

އެ އަންހެންމީހާ މަރުވެފައި އޮއްވައި ފެނިގެން އެރަށު ސިއްހީ މަރުކަޒަށް ގެންގޮސްފައިވަނީ 2:15 އެހައިކަންހާއިރު އެވެ. މަރުވެފައިވަނީ ނިޝާމާ މުހައްމަދު ކިޔާ މީހެއް ކަމަށްވެސް ބުނެފައިވެއެވެ. ނީޝާމާގެ ފިރިމީހާއަކީ އދ. ފެންފުށީ މީހެއް ކަމަށް ވެސް އެނގިފައިވެއެވެ. މި މައްސަލައާ ގުޅިގެން އިތުރު މައުލޫމާތެއް އަދި ނުލިބެއެވެ. ފުލުހުން ވަނީ މައްސަލަ ބަލަން ފަށައިފައެވެ.