އިންސާނީ އަސާސީ ޙައްޤުތަކާ ގުޅިފައިވާ ޒަރޫރީ ޚިދުމަތްތައް، ކޮންމެ ދިވެހި ރައްޔިތަކަށް ހަމަހަމަކަމާ އެކު ފޯރުކޮށްދިނުމަށްޓަކައި، ވަރަށް މުހިންމު މަސައްކަތްތަކެއް ސަރުކާރުންކުރަމުން ގެންދަވާ ކަމަށް ރައީސުލްޖުމްހޫރިއްޔާ އިބްރާހީމް މުހައްމަދު ސާލިހު ވިދާޅުވެއްޖެއެވެ. އެމަނިކުފާނު މިހެން ވިދާޅުވީ ބައިނަލްއަޤުވާމީ އިންސާނީ ޙައްޤުތަކުގެ ދުވަހުގެ މުނާސަބަތުގައި ފޮނުއްވި ޚިޠާބުގައެވެ.

ރައީސް ވިދާޅުވީ އިންސާނީ ޙައްޤުތަކުގެ ދާއިރާއިން ދިވެހި ދައުލަތުގެ އެންމެ އިސް ސިޔާސަތަކީ، އަސާސީ ޚިދުމަތްތައް ދިނުމުގައި ދިވެހި ރައްޔިތުންގެ މެދުގައި އެއްވެސް ތަފާތެއް ނުކުރުން ކަމަށެވެ. ރަށްރަށުގެ އަސާސީ ޚިދުމަތްތައް ގާއިމުކުރުމަށް ސަރުކާރުން މެދުކެނޑުމެއްނެތި މަސައްކަތް ކުރައްވަނީ އެހެން ވެގެން ކަމަށް ވެސް ވިދާޅުވިއެވެ.

އދ. މަޖިލީހުން ކަނޑައަޅާފައިވާ މިއަދުގެ ޝިޢާރު "ކަރާމާތާއި މިނިވަންކަމާއި އިންޞާފު، އެންމެންނަށް" ރަމްޒުކޮށްދެނީ، އިންސާނުންގެ މެދުގައި އޮންނަންޖެހޭ ހަމަހަމަކަމާއި އިޙްތިރާމާއި ޤަދަރުކުރުމުގެ ސިފަ ދެމެހެއްޓުމަށް މަސައްކަތް ކުރުމުގެ މުހިންމުކަން ކަމުގައި ރައީސް ވިދާޅުވިއެވެ. އެމަނިކުފާނު ވަނީ މިނިވަންކަމާއި ޢަދުލު އިންޞާފާއި ޞުލްޙަވެރިކަން، މުޖްތަމަޢުގައި ދެމެހެއްޓޭނީ އެކަކު އަނެކަކާ މެދު އިޙްތިރާމާއި ލޯތްބާއި އިންޞާފާއެކު މުޢަމަލާތު ކޮށްގެންކަމަށާއި، ތިމާގެ އަމިއްލަ ނަފްސަށް ލިބުމަށް އެދޭ އިޙްތިރާމާއި މިނިވަންކަމާއި އިންޞާފު، ތިމާގެ ފަރާތުން އަނެކާއަށް ވެސް ލިބިދީގެންކަމުގައި ވިދާޅުވެފައެވެ.

ރައީސް ވިދާޅުވީ އިންސާނީ ޙައްޤުތަކަށް މަސައްކަތްކުރާއިރު، އެންމެ ބޮޑު ސަމާލުކަމެއްދޭންޖެހެނީ މުޖުތަމަޢުގައި ހުރި އިންސާނީ ޙައްޤުތަކަށް ހުރަސްއެޅޭ ކަންކަން ނައްތާލުމަށް ކަމަށެވެ. އެގޮތުން ކުޑަކުދިންނަށާއި އަންހެނުންނަށް ކުރާ ޖިސްމާނީ އަދި ޖިންސީ އަނިޔާ އާއި ގެވެށި އަނިޔާގެ ޢަމަލުތައް ހުއްޓުވުމަށް، މުޅި މުޖްތަމަޢު އެކުގައި މަސައްކަތް ކުރަންޖެހޭކަމަށް ވިދާޅުވިއެވެ. އިޖްތިމާޢީ މައްސަލަތަކާއި ކުށްތައް ހުއްޓުވުމަށް ޚާއްޞަ ސަމާލުކަމެއް ދޭންޖެކަމަށާއި، ދޮށީ ޢުމުރުގެ މީހުންނަށް ޙައްޤުވާ ޢާއިލީ ލޯތްބާއި އަޅާލުން ދިނުމަށް ސަމާލުކަން ދޭންޖެހޭކަމަށް ވެސް އެމަނިކުފާނު ވިދާޅުވިއެވެ. އޭގެ އިތުރުން މައިންބަފައިންގެ ލޯބިން މަޙުރޫމުވެފައިވާ ކުޑަކުދިންނަށް މުޖްތަމަޢުގެ ތެރެއިން އަޅާލުމާއި ލޯތްބާއި ކުލުނުގެ މާޙައުލެއް ފަހިކޮށްދިނުމަށް ވެސް ރައީސް އެދިވަޑައިގެންނެވިއެވެ.