އޯގަނައިޒޭޝަން އޮފް އެފްރިކަން، ކެރީބިއަން އެންޑް ޕެސިފިކް ސްޓޭޓްސް (އޯއޭސީޕީއެސް.)ގެ ފުރިހަމަ މެމްބަރުކަން ރާއްޖެއަށް ލިބިއްޖެ ކަމަށް ރައީސް އޮފީހުން ވިދާޅުވެއްޖެއެވެ.

އޯއޭސީޕީއެސްގެ ފުރިހަމަ މެބްރަކަށް ރާއްޖެވީ މިމަހު 6 އިން 9 އަށް އެންގޯލާގެ ލުއާންޑާގައި ބޭއްވި އެ ޖަމިއްޔާގެ އެންމެ އިސްވެރިންގެ 10 ވަނަ ސަމިޓުގައި އެޖަމިއްޔާގެ ރިވައިޒްޑް ޖޯޖްޓައުން އެގްރީމަންޓު ޤަބޫލުކުރުމުގެގޮތުން ރާއްޖޭގެ ފަރާތުން އިންސްޓްރޫމަންޓް އޮފް އެކްސެޝަން ހުށައެޅުއްވުމުންނެވެ. މި ހުށަހެޅުން ރާއްޖެގެެ ފަރާތުން ހުށަހެޅުއްވީ ފޮރިން މިނިސްޓަރ ޢަބްދުﷲ ޝާހިދެވެ.

މި ދަތުރުފުޅުގައި ޝާހިދު ބައިވެރިވެ ވަޑައިގެންނެވީ ރައީސުލްޖުމްހޫރިއްޔާގެ ޚާއްސަ މަންދޫބެއްގެ ގޮތުގައެވެ. އެ މަނިކުފާނު ވަނީ އޯ.އޭ.ސީ.ޕީ.އެސް. ގެ އެންމެ އިސްވެރިންގެ ބައްދަލުވުމުގައި ދިވެހިރާއްޖޭގެ ބަޔާން ވެސް އިއްވައިދެއްވައިފައެވެ. މިދަތުރުފުޅަށްފަހު ޝާހިދު މިހާރުވަނީ މާލެ ވަޑައިގެންފައެވެ.