ޖަޕާނު ސަރުކާރުން އެމްއެންޑީއެފް ކޯސްޓްގާޑަށް އޮއިލް ބޫމް ވެސެލްއެއް ހަދިޔާކުރައްވައިފި ކަމަށް އެމްއެންޑީއެފުން ވިދާޅުވެއްޖެއެވެ.

ޖަޕާނު ސަރުކާރުން މި ވެސެލް އެމްއެންޑީއެފް ކޯސްޓްގާޑާ ހަވާލުކޮށްދެއްވީ މިކަމަށް ޓަކައި ބަންޑާރަކޮށީގައި މިއަދު ހަވީރު ބޭއްވި ޚާއްޞަ ރަސްމިއްޔާތެއްގައި ޖަޕާނުގެ ފޮރިން އެފެއާޒްގެ ސްޓޭޓް މިނިސްޓަރ، މިސްޓަރ ޓަކައި ޝުންސުކޭއެވެ. ޑިފެންސް މިނިސްޓްރީގެ ފަރާތުން މި ވެސެލްއާ ހަވާލުވެލެއްވީ މިނިސްޓަރ އޮފް ޑިފެންސް އަލްއުސްތާޛާ މާރިޔާ އަޙްމަދު ދީދީ ކަމަށް ވެސް އެމްއެންޑީއެފުން ވިދާޅުވިއެވެ.

މި ރަސްމިއްޔާތުގައި ޑިފެންސް މިނިސްޓަރ އަލްއުސްތާޛާ މާރިޔާ އަޙްމަދު ދީދީ ވަނީ، ޖަޕާނު ސަރުކާރުން ދިވެހިރާއްޖެއާ މެދު ބަހައްޓަވާ ގާތްކަމާއި ބަދަހި ގުޅުމާއި، ވެދެއްވާ ދީލަތި އެހީތަކަށް ޝުކުރު ދަންނަވާފައެވެ. ހަމައެއާއެކު، ޖަޕާނު ސަރުކާރުން ހިލޭ އެހީގެ ދަށުން އެމްއެންޑީއެފް ކޯސްޓްގާޑަށް ހަދިޔާކުރެއްވި އޮއިލް ބޫމް ވެސަލް ވެގެންދާނީ، ކަނޑަށް އެޅޭ ތެލުގެ ހާދިސާތަކުން ރާއްޖޭގެ ކަނޑުތަކާއި ގޮނޑުދޮށްތައް ސަލާމަތްކުރުމަށް އިތުރުވެގެންދާ ވަރަށް މުހިންމު އެސެޓަކަށް ކަމަށް ވެސް މިނިސްޓަރ ވިދާޅުވިއެވެ.

ޖަޕާނުން ދިވެހިރާއްޖެއަށް ވެދެއްވާފައިވާ އެހީތެރިކަން ފާހަގަކުރައްވަމުން މިނިސްޓަރ ވިދާޅުވީ، ޖަޕާނަކީ ދިވެހިރާއްޖޭގެ ތަރައްޤީއަށް ގިނަގުނަ އެހީތެރިކަން ފޯރުކޮށްދެއްވަމުން ގެންދަވާ ޤައުމެއްކަމަށެވެ. އޭގެތެރޭގައި އިންފްރާސްޓްރަކްޗަރ ތަރައްޤީކުރުމުގައާއި، ތަޢުލީމީ ދާއިރާއާއި، ހެލްތު ކެއަރ އަދި އިޖުތިމާޢީ ތަރައްޤީގެ ދާއިރާތަކުން އެ ޤައުމުން ގިނަގުނަ އެހީތެރިކަން ވެދެއްވާފައިވާކަން ފާހަގަކުރެއްވިއެވެ. އެގޮތުން މާލެ ވަށައިގެން ލެވިފައިވާ ބޭރުތޮށި ލުމުގެ މަސައްކަތަކީ ޖަޕާނުން ވެދެއްވާފައިވާ ފާހަގަކޮށްލެވޭ އެހީތެރިކަމެކެވެ. ސުނާމީ ކާރިސާގައި މާލެއަށް ބޮޑުވަރުނުވެ ސަލާމަތްވާން މެދުވެރިވީ ވެސް ޖަޕާނުގެ ދުރުވިސްނުމާއެކު ބިނާ ކުރެވިފައިވާ އެ ބޭރު ތޮށި ކަމަށް ވެސް މިނިސްޓަރ ވިދާޅުވިއެވެ.

މި ރަސްމިއްޔާތަށްފަހު ޢިއްޒުއްދީން ޖެޓީ ސަރަހައްދުގައި އޮއިލް ބޫމް ވެސެލްގެ ޑެމޮންސްޓްރޭޝަނެއް ވަނީ ދައްކާލާފައެެވެ.