މާލޭ ރަސްމީ ފާލަމާ ދިމާއިން ފަޅުތެރެއަށް އެޅިފައިވާ ކަޅުތެޔޮ ނެގުމުގެ މަސައްކަތް މިރެއަށް ހުއްޓާލައިފިއެވެ. އެމަސައްކަތް މިރެއަށް ހުއްޓާލިއިރު ވަނީ 700 ލީޓަރުގެ ތެޔޮނަގައި އެ ހިސާބު ސާފުކޮށްފައެވެ.

އެމްއެންޑީއެފުން ވިދާޅުވީ އެހިސާބަށް 1000 ލީޓަރުގެ ކަޅުތެޔޮ އެޅިފައިވާނޭ ކަމަށް ލަފާކުރެވޭ ކަމަށެވެ. އޭގެ ތެރެއިން މިއަދުގެ މެންދުރު ފަހާ ހަމައަށް ނެގިފައިވަނީ 400 ލީޓަރު ކަޅުތެލެވެ. އެފަހުން މިރެއަށް މަސައްކަތް ހުއްޓާލިއިރު އިތުރު 300 ލީޓަރު ކަޅުތެޔޮ ނަގާފައިވާ ކަމަށް އެމްއެންޑީއެފުން ވިދާޅުވިއެވެ.

ރަސްމީ ފާލަމާއި 3 ނަންބަރު ޖެޓީ ދެމެދު ގިނަ އަދަދެއްގެ ކަޅުތެޔޮ އެޅިފަ ހުރިކަމުގެ މަޢުލޫމާތު އެމްއެންޑީއެފަށް ލިބިފައިވަނީ ޖެނުއަރީ އެއްވަނަ ދުވަހު ހެނދުނު 09:10 އެހައިކަންހާއިރު އެވެ. އެ ހިސާބުން ފެށިގެން ކޯސްޓްގާޑްގެ ޑައިވަރުންނާއި އޮއިލް ޕޮލިއުޝަން ރެސްޕޮންސް ޓީމު ވަނީ ތެޔޮ ނަގައި އެސަރަހައްދު ސާފުކުރުމުގެ މަސައްކަތް ފަށައިފައެވެ.

މިރެއަށް މަސައްކަތް ހުއްޓާލުމަށްފަހު މާދަމާ ވެސް އެމަސައްކަތް ކުރިއަށް ގެންދާނޭ ކަމަށް އެމްއެންޑީއެފުން ވިދާޅުވިއެވެ.