އޯކިޑްމަގުގައި ހުންނަ އިވްނިންގ ކެފޭގައި މިއަދު ހިނގި އަލިފާނުގެ ހާދިސާގައި އޭތާގެ ބަދިގެއާއި އެތަނުގެ މަތީގައި ހުންނަ އެކޮމޮޑޭޝަން ބްލޮކް ވަނީ ބޭނުން ނުކުރެވޭ ވަރަށް އަނދައިފައި ކަމަށް އެމްއެންޑީއެފުން ވިދާޅުވެއްޖެއެެވެ.

މިހާދިސާ ހިނގި ކަމުގެ މައުލޫމާތު އެމްއެންޑީއެފަށް ލިބިފައިވަނީ މިއަދު އިރުއޮއްސި 18:12 އެހައިކަންހާއިރު އެވެ. މައުލޫމާތު ލިބުމާއެކު ފަޔަރމަނުން އެ ސަރަހައްދަށް ގޮސް އަލިފާން ނިއްވުމުގެ މަސައްކަތް ވަގުތުން ފެށިކަމަށް ވެސް އެމްއެންޑީއެފުން ވިދާޅުވިއެވެ. ފަޔަރ އެންޑް ރެސްކިޔު ސަރވިސްގެ ފަޔަމަނުން ކުރި މަސައްކަތުން އަލިފާން އެއްކޮށް ކޮންޓްރޯލް ކުރެވިފައިވަނީ މިރޭ 19:22 އެހައިކަންހާއިރުއެވެ. އަލިފާން މިހާރުވަނީ އެއްކޮށް ނިއްވާލައިފައެވެ. އެތަނުގައި އަލިފާން ރޯވަން މެދުވެރިވި ސަބަބު މިހާތަނަށް އެނގިފައެއް ނުވެއެވެ.