ރާއްޖޭގައި ހިންގި ފުރަތަމަ ފޮރެންސިކް ޑައިވިންގ ކޯސް ނިންމާލައިފި ކަމަށް އެމްއެންޑީއެފް އިން ވިދާޅުވެއްޖެއެވެ.
އެމްއެންޑީއެފް ކަލާސީނު ކޮށީގައި މި ކޯސް ކުރިއަށް ގެންގޮސްފައިވަނީ މިމަހު 3 ކުން 13 އަށެވެ މި ކޯހުގެ ނިންމުުގެ ރަސްމިއްޔާތު އޮތީ މިއަދު ހެނދުނު ބަންޑާރަކޮށީ އޮޑިޓޯރިއަމްގައެވެ. މިއީ އީޔޫ ކްރިމާރީއޯ އިިން އިންތިޒާމުކޮށްގެން ޕްރެންޗް ޒުންޑާމުރީ އާއި އެމްއެންޑީއެފް ކޯސްޓްގާޑް ގުޅިގެން ހިންގި ކޯހެކެވެ.
މި ގޮތުން މި ކޯހުގެ ނިންމުމުގެ ރަސްމިއްޔާތު ޝަރަފުވެރިކޮށްދެއްވީ އެމްއެންޑީއެފް ކޯސްޓްގާޑްގެ ކޮމަޑާންޓް ކާނަލް އިބްރާހީމް ޙިލްމީއެވެ. މިކޯހުގައި އެމްއެންޑީއެފް ކޯސްޓްގާޑުގެ 6 ބޭކަލުންގެ އިތުރުން ސްރީލަންކާ ކޯސްޓްގާޑާއި ސްރީލަންކާ ނޭވީގެ 6 ބޭކަލުންނާއެކު ޖުމްލަ 12 ބޭކަލުން ބައިވެރިވެލެއްވި ކަމަށް އެމްއެންޑީއެފްއިން ވިދާޅުވިއެވެ.
މި ކޯހުގައި ކިޔަވާދެއްވި ފަރާތްތަކަށާއި ކޯސް ފުރިހަމަކުރެއްވި ދަރިވަރުންނަށް ސެޓްފިކެޓް ހަވާލުކޮށްދެއްވީ ޝަރަފުވެރި މެހެމާނު ކޯސްޓްގާޑް ކޮމަޑާންޓް ކާނަލް އިބްރާހީމް ޙިލްމީ އެވެ. މިރަސްމިއްޔާތުގައި ފްރެންޗް ޒުންޑާމުރީގެ ފަރާތުން ވަނީ ދިވެހިރާއްޖެއަށާއި ސްރީލަންކާއަށް އަންޑަރ ވޯޓަރ ކެމެރާއެއް ހަދިޔާ ކުރައްވާފައެވެ.
މި ރަސްމިއްޔާތުގައި ކާނަލް އިބްރާހީމް ޙިލްމީ ވަނީ ކޯހުގެ ދަރިވަރުންނާ މުޚާޠަބު ކުރައްވައި ވާހަކަފުޅު ދައްކަވާފައެވެ. އަދި އެމަނިކުފާނުގެ ވާހަކަފުޅުގައި މިއީ މިފަދަ ކޯހެއް ރާއްޖޭގައި ހިންގި ފުރަތަމަ ފަހަރުކަން ފާހަގަކުރައްވައި ކޯހުގެ މުހިންމުކަމާއި އަދި އިންޑިއާ ކަނޑުގެ ސަރަހައްދުގެ ޤައުމުތަކުގެ ސަލަމަތީ ބާރުތަކަށް މި ކޯހުގެ މުހިންމުކަމާ ގުޅޭގޮތުން ވާހަކަފުޅު ދެއްކެވިކަމަށް އެމްއެންޑީއެފްއިން ވަނީ ވިދާޅުވެފައެވެ.
އެމްއެންޑީއެފްއިން ވިދާޅުވީ ފްރެންޗް ޒުންޑާމުރީގެ އިންސްޓްރަކްޓަރުން ކިޔަވައިދެއްވި މިކޯހަކީ މޫދުގައި ނުވަތަ ކަނޑުއަޑީގައި ހިންގާ ޤާނޫނާއި ޚިލާފު ތަފާތު ޢަމަލުތަކުގެ ތަޙުޤީގަށް ބޭނުންވާ ހެއްކާއި ޤަރީނާ ހޯދާނެ ގޮތުގެ ޢިލްމު އުގަންނައި ދިނުމަށް ހިންގި ކޯހެއްކަމަށެވެ
މިކޯހުގައި :
- ނޮލެޖް އެންޑް އަންޑަސްޓޭންޑިންގ އެބައުޓް ދި އަންޑަރ ވޯޓަރ ސައިންޓިފިކް ޕޮލިސް
- ،ޑައިވަރސް ތުރޫ ޓު ކެރީ އައުޓް ޑީއެންއޭ ސާމްޕަލްސް
- ފިންގަރޕްރިންޓް ރީޑިންގސް
- ޑައިވިންގ އެކްސިޑެންޓްސް
- ޕްލޭން އެކްސިޑެންޓްސް މެރިޓައިމް އެކްސިޑެންޓްސް އެންޑް ބެލިސްޓިކްސް
- އަދި ސައިންޓިފިކް ލެބޯޓަރީތަކުގައި އެވިޑެންސް ޕްރޮސެސްކުރާނެ ގޮތް ކިޔަދީފައިވެއެވެ.
މި ކޯސް ނިންމުމުގެ ރަސްމިއްޔާތުގައި ޝަރަފުވެރި މެހެމާނުގެ އިތުރުން އީޔޫ ކްރިމާރީއޯގެ އިސް ބޭފުޅުންނާއި ކޯހުގެ ކިޔަވާދެއްވި ފްރެންޗް ޒުންޑާމުރީގެ އިންސްޓްރަކްޓަރުންގެ އިތުރުން ކޯހުގެ ބައިވެރިވި ރާއްޖޭގެ ކޯސްޓްގާޑް އަދި ސްރީލަންކާގެ ނޭވީއާއި ކޯސްޓްގާޑް ބޭކަލުންގެ އިތުރުން އެމްއެންޑީއެފް ކޯސްޓްގާޑްގެ ބައެއް އޮފިސަރުން ވެސް ބައިވެރިވެލެއްވިއެވެ.