ދިވެހި ދައުލަތުގެ ބަޖެޓާއި އިންޑިއާ ސަރުކާރުގެ "ހައި އިމްޕެކްޓް ކޮމިއުނިޓީ ޑިވެލޮޕްމަންޓް ޕްރޮޖެކްޓްސް" ގެ ގްރާންޓުގެ ދަށުން ތަރައްގީކުރި އޮލިމްޕަސް އަލުން ހުޅުވައިފިއެވެ. ރޭ ބޭއްވި ރަސްމިއްޔާތެއްގައި އޮލިމްޕަސް އަލުން ހުޅުއްވައި ދެއްވީ ރައީސުލްޖުމްހޫރިއްޔާ އިބްރާހީމް މުހައްމަދު ސާލިހެވެ.

އޮލިމްޕަސް ޒަމާނީ ފެންވަރަށް ތަރައްގީކުރުމަށްފަހު ހުޅުވީ، ދިވެހި ފިލްމުތައް ސްކްރީން ކުރުމުގައި އިތުރު ފުރިހަމަ ކަމެއް ލިބިގެންދާނެގޮތަށެވެ. އޭގެ އިތުރުން އެތަނުން ދެވޭ ޚިދުމަތްތަކާ ވަޞީލަތްތައް ވެސް ވަނީ ވަރަށްބޮޑަށް ތަރައްގީކޮށްފައެވެ. އެގޮތުން މާލޭގައި މިއުޒިކު ޝޯތައް ބޭއްވުމާއި، ރާއްޖޭގައި އުވެމުންދާ ސްޓޭޖް ތަމްސީލް ކުޅުމުގެ ފުރުސަތު ފަހިވާގޮތައް ވަނީ ތަން ބަދަލުކޮށްފައެވެ. އޭގެއިތުރުން މިއުޒިކާއި ނެށުމަށް ޚާއްސަ ޕްރެކްޓިސް ރޫމް ވެސް ވަނީ ތަރައްގީކޮށްފައެވެ. އަދި އޮލިމްޕަހުގެ ބެކްޔާޑްވެސް ވަނީ ތަފާތު ހަރަކާތްތައް ބޭއްވޭގޮތަށް ވަސީލަތްތަކާއެކު ތަރައްގީކޮށްފައެވެ.

އޮލިމްޕަސް ފުރަތަމަ ހުޅުވީ މީގެ 64 އަހަރުކުރިންންނެވެ. އެތަނަކީ އެތައް ފަންނުވެރި އުފެއްދުންތަކާއި، އެތަކެއް ފަންނުވެރިންގެ އުފެއްދުންތަކެއްގެ ފެށުން ގުޅިފައިވާ ތަނެކެވެ. އެކިބާވަތުގެ ހުނަރާއި ފުނަރުވެރިކަން ހުރި ޒުވާނުން ކުރިއެވުމާއި އުފެއްދުންތެރި ޒުވާނުން ބިނާ ކުރުމަކީ މި ސަރުކާރުގެ މުހިންމު ސިޔާސަތެކެވެ.

އޮލިމްޕަސް ހުޅުވުމަށް ބޭއްވި ހަފްލާގައި ރައީސުލްޖުމްހޫރިއްޔާގެ އަނބިކަނބަލުން ފަޒްނާ އަޙްމަދާއި މިނިސްޓަރ ޔުމްނާ މައުމޫނާއި، އިންޑިއާއިން ރާއްޖެއަށް ކަނޑައަޅުއްވާފައި ހުންނަވާ ސަފީރާއި ބައެއް ވަޒީރުން ބައިވެރިވެ ވަޑައިގެންނެވިއެވެ. އޭގެ އިތުރުން މުނިފޫހިފިލުވުމުގެ ދާއިރާގެ އިސް ބޭފުޅުން ވެސް ބައިވެރިވިއެވެ.