ރައީސުލްޖުމްހޫރިއްޔާ އިބްރާހީމް މުހައްމަދު ސާލިހު ކުރައްވާ ވެރިކަން މެނިފެސްޓޯއާ ދިމާނުވާކަމަށް އެމްޑީޕީގެ އުނގޫފާރު ދާއިރާގެ މަޖިލިސް މެމްބަރު މުހައްމަދު ވަހީދު (ވައްޑޭ) ވިދާޅުވެއްޖެއެވެ.

ރައީސުލްޖުމްހޫރިއްޔާ އިބްރާހީމް މުހައްމަދު ސާލިހު މިއަދު އިއްވި ރިޔާސީ ބަޔާނަށްފަހު މެމްބަރު ވައްޑެ ކުރެއްވި ޓުވީޓެއްގައިި ވިދާޅުވެފައިވަނީ ރިޔާސީ ބަޔާންތަކާއި ރައީސް އަމަލު ކުރައްވާ ގޮތާ ވެސް ދިމާ ނުވޭ ކަމަށެވެ. "އަނެއްކާވެސް އިތުރު އަނދުން އަޅުއްވާ ތަނާ، ރައްޔިތުންގެ މޫނުމަތީ އިތުރު ‘ދޮގުތައް’ ހައްދަވާތަން ބަލަން ގޮސް އަތްޖަހަން އެތާ އިންނަން އަޅުގަނޑުގެ ޒަމީރު ގަބޫލެއް ނުކުރޭ،" ވައްޑެ ވިދާޅުވެފައިވެއެވެ.

ރައީސުލްޖުމްހޫރިއްޔާ މިއަދު ރިޔާސީ ބަޔާން އިއްވަން ފެށްޓެވުމުން އިދިކޮޅުމެމްބަރުން ވަނީ މޖިލިސް ތެރޭގައި އިހުތިޖާޖު ކޮށްފައެވެ. އެހެންނަަމަވެސް އެ މެމްބަރުން މަޖިލީހުގެ ތަޅުމުން ނެރުމަށްފަހު ރައީސް ވަނީ ރިޔާސީ ބަޔާން އިއްވައިފައެވެ. ބަޔާން އިއްވަމުންދިޔައިރު މަޖިލީސް އިދާރާގެ ބޭރުގައި އިދިކޮޅު ސަޕޯޓަރުންގެންދިޔައީ މުޒާހަރާ ކުރަމުންނެވެ.