މިހިނގާ 2023 ވަނަ އަހަރަށް ރައްޔިތުންގެ މަޖިލީސް ހުޅުވައި، ރައީސުލްޖުމްހޫރިއްޔާގެ ރިޔާސީ ބަޔާން އިއްވުމަށް މިއަދު ބޭއްވި ޖަލްސާ ކުރިއަށް ގެންގޮސްފައިވަނީ ދިވެހިރާއްޖޭގެ ޖުމްހޫރިއްޔާގެ ޤާނޫނު އަސާސީއާއި ޚިލާފަށް ކަމަށް އިދިކޮޅު ޕްރޮގްރެސިވް ކޮންގްރެސް ކޯލިޝަނުން ބުނެފިއެވެ.

ޕީޕީއެމް/ޕީއެންސީ ހިމެނޭ ކޯލިޝަނުން ނެރެފައިވާ ބަޔާނެއްގައި ބުނެފައިވަނީ އެ ކޯލިޝަނަށް ނިސްބަތްވާ މެންބަރުން މަޖިލީހަށް ވަނުމަށް ހުރަސްއަޅައި ސިފައިން ލައްވާ ދޮރު ބަންދު ކޮށްފައިވާކަމަށެވެ. އޭގެއިތުރުން މަޖިލީހުގެ ތެރެއިން މެންބަރުން ނެރުމުގައި މަޖިލީހުގެ ޤަވާއިދާއި ޚިލާފަށް ޢަމަލުކޮށް މަޖލީހުގެ ތަޅުމުން މެމްބަރުން ގަދަކަމުން ނެރުމުގައި ސިފައިން ބޭނުންކޮށްފައިވާތަން ވަނީ ފެނިގެން ދިޔަކަމަށް ވެސް ބުނެފައިވެއެވެ. އޭގެއިތުރުން މަޖިލީހުން މެންބަރުން ނެރުމުގައި މަޖިލިސް މެންބަރުންގެ ގަޔަށް އަތްލައި އަނިޔާކޮށްފައިވާ ކަމަށްވެސް ވަނީ ބުނެފައެވެ.

"ބައެއް މެންބަރުން ތުރުކުރައްވައިގެން ތިއްބެވި އަނައުނު ވީދި ހަށިކޮޅުން ލޭ އޮހޮރިގެން ގޮސްފައި ވާކަން ފާހަގަ ކުރަމެވެ.ރައްޔިތުންގެ މަޖިލީހުގެ ރައީސް އަދި އެމްޑީޕީގެ ރައީސް މުޙައްމަދު ނަޝީދާއި އިބްރާހީމް ރައީސްގެ މި ޢަމަލު އަދި އެ ދެމީހުންގެ ޢަމުރަށް ޤާނޫނާއި ޚިލާފު މިޢަމަލުތައް ހިންގި ސިފައިންގެ ޢަމަލުތައް ވެސް އެންމެ ހަރުކަށި އިބާރާތުން މިކޯލިޝަނުން ކުށްވެރިކުރަމެވެ. ހަމައެއާއެކު މަގުމަތީގައި ކުރިއަށް ގެންދިޔަ އިޙުތިޖާޖުގައި ޙާލަތާއި ނުބައްދަލު ބާރުގެ ބޭނުންކޮށް އިޙުތިޖާޖުގައި ބައިވެރިންނަށް ފުލުހުން މެދުވެރިކޮށް އަނިޔާކޮށް، ޕެޕަރ ސްޕްރޭ ޖެހުމާއި، ނޫސްވެރިންނަށް އަނިޔާ ކުރުންވެސް އެންމެ ހަރުކަށި އިބާރާތުން ކުށްވެރި ކުރަމެވެ." އެބަޔާނުގައިވެއެވެ.

މިއަދުގެ އިޙުތިޖާޖުގައި 2 ނޫސްވެރިޔަކަށާއި ޢާންމުންގެ 7 މީހަކަށް އަނިޔާ ވަނީ ލިބިިފައެވެ. އެމީހުންވަނީ ހޮސްޕިޓަލުގައި ފަރުވާދޭން ފަށައިފައެވެ. އަނިޔާ ލިބުނު ނޫސްވެރިންގެ ތެރެއިން އެއް ބޭފުޅަކަށް ފަރުވާ ދެމުން އަންނަނީ އައިސީޔޫގައި ކަމަށް ކޯލިޝަނުން ބުނެފައިވެއެވެ. އައިސީޔޫގައި އެނދުމަތިކުރެވިފައިވާ ނޫސްވެރިޔާގެ ބޮލުގައި ޝީލްޑުން ޖެހުމުގެ ސަބަބުން ސިކުނޑިއަށް ގެއްލުން ލިބިފައިވާކަމަށް (ކޮންކަޝަންއެއް ކަމަށް) ޑޮކްޓަރުންގެ ފަރާތުން ވަނީ މަޢުލޫމާތު ލިބިފައި ކަމަށްވެސް އެބަޔާނުގައިވެއެވެ. ބޮލުގައި ޝީލްޑުން ޖެހުމުގެ ސަބަބުން މަގުމައްޗަށް ވެއްޓި ހޭނެތުމުން ގިނަ އިރުތަކެއްވަންދެން ފަރުވާ ދިނުމަށްފަހު މިހާރު ހޭ އަރާފައި ވީނަމަވެސް އޭނާގެ ޙާލު ވަރަށް ސީރިއަސް ކަމާއި، އަދި އަވަސް ގޮތަކަށް އިތުރު ފަރުވާއަށް ރާއްޖެއިން ބޭރަށް ފޮނުވުމުގެ މަސައްކަތް ކުރިއަށްދާ ކަމުގެ މަޢުލޫމާތުވެސް ޢާއިލާއިން ވަނީ ދީފައި ކަމަށް ބުނެފައިވެއެވެ. ހަމައެއާއެކު އައިސީޔޫގައި ފަރުވާ ދެމުން އަންނަ ނޫސްވެރިޔާއަށް މީގެ 2 ޙަފްތާ ކުރިން ފުލުހުންގެ ފަރާތުން ބިރުދައްކާ އިންޒާރު ދީފައިވާކަމަށް ނޫސްވެރިޔާ ވަނީ މީގެ ކުރިން ބުނެފައި ކަމަށް ވެސް ބަޔާނުގައިވެއެވެ.

"އިޙުތިޖާޖުގެ ތެރޭގައި އިބްރާހީމް ރައީސްގެ ޢަމުރަށް ފުލުހުން ޤާނޫނާއި ޚިލާފުވެ، ހާލަތާއި ނުބައްދަލު ބާރުގެ ބޭނުންކޮށް ބައިވެރިނަނަށް ވަރަށް ބޮޑަށް އަނިޔާކޮށްފައި ވެއެވެ. އޭގެ ތެރޭގައި ރައްޔިތުންގެ މަޖިލީހުގެ މެންބަރުންނާއި ޢާންމުގެ މޫނަށް ޕެޕަރ ސްޕްރޭ ޖެހުމުގެ އިތުރުން ޝީލްޑުން ރައްޔިތުންގެ ގައިގައި ތަޅާ އެމީހުންގެ ބޫޓުން ރައްޔިތުންގެ ގަޔަށް އެރުން ފަދަ ޢަމަލުތައް ވެސް ހިންގާފައި ވެއެވެ. މީގެ ތެރޭގައި ޢުމުރުން ދުވަސްވީ މީހުންނަށްވެސް އެއްވެސް މިންވަރަކަށް ބަލާފައެއް ނުވެއެވެ. އަދި މިއަދުގެ އިޙުތިޖާޖުގެ ތެރެއިން ހައްޔަރުކޮށްފައިވާ ދިވެހި ރައްޔިތުން އެއްވެސް ޝަރުތަކާއި ނުލާ މިހާރުން މިހާރަށް ދޫކޮށްލުމަށް ގޮވާލަން. އަދި އިޙުތިޖާޖުގައި ހިންގި ޑިމޮކްރަސީއާއި ބީރައްޓެހި ޢަމަލުތައް ބަލާ ފިޔަވަޅު އެޅުމަށް ޤާނޫނުން އެޒިންމާ ޙަވާލުކޮށްފައިވާ މުއައްސަސާތަކުން އެމީހުންގެ ޒިންމާ އަދާކޮށް މިކަންކަން ބެލުމަށާއި، ބައިނަލްއަޤްވާމީ ފަރާތްތަކުންވެސް މިކަންކަން ބަލާ ފިޔަވަޅު އެޅުމަށް ގޮވާލަމެވެ،" އެބަޔާނުގައިވެއެވެ.